އީރާން އަސްކަރިއްޔާގެ އެންމެ ވަރުގަދަ އެއް ލީޑަރުގެ ގޮތުގައި ސިފަ ކުރަމުން އައި ގާސިމް ސުލައިމާނީ އަވަހާރަކޮށްލުމުގެ ފަހަތުގައި ތިބި ގާތިލުންނަށް ހަރުކަށި އަދަބު ދިނުމުން އެބައި މީހުން އިސްތިސްނާ ކުރުމަކީ، ބައިނަލްއަގުވާމީ ސުލްހައަށް ނުރައްކާ ކުރިމަތި ކުރަނިވި ކަމެއް ކަމަށް، އީރާނުން ބުނެފިއެވެ.

އީރާނުން ވަނީ ސުލައިމާނީ އަވަހާރަކޮށްލި ހާދިސާއާ ގުޅިގެން ގަރާރެއް އެކުލަވާލަ ދިނުމަށް އެދި، އދގެ އާންމު މަޖިލީހަށްވެސް ސިޓީއެއް ފޮނުވާފައެވެ. އެގޮތުން، ވަކި ދައުލަތެއްގެ މަސްލަހަތު ހިމެނޭހެން، ހާރިޖީ ދައުލަތްތަކުގެ އޮފިޝަލުންނާއި ޑިޕްލޮމެޓުން މަރާލުމުގެ މައްސަލާގައި، އެ މުއައްސާއަށް އިމްތިޔާޒު ލިބެނިވި ހުރިހާ ފިޔަވަޅެއް އެޅުމަށާ، ކުރިއަށް އޮތް ތަނުގައި މިފަދަ ޖަރީމާތައް ހުއްޓުވުމަށް ގަރާރެއް އެކުލަވާލުމަށް އީރާނުން ވަނީ އދގެ އާންމު މަޖިލީހުގައި އެދިފައެވެ.

ސުލައިމާނީ އަވަހާރަކޮށްލި ކަމުގެ ފުރިހަމަ ޒިންމާ، އެމެރިކާގެ ކުރީގެ ރައީސް ޑޮނާލްޑް ޓްރަމްޕް އުފުއްލަވާފައި ވާ ކަމަށްވެސް އީރާނުގެ ސިޓީގައި ވަނީ ފާހަގަ ކޮށްފައެވެ.

އީރާނުގެ އެންމެ ނުފޫޒުގަދަ އަސްކަރީ ފައުޖުގެ އެންމެ އިސް ކޮމާންޑަރު، ގާސިމް ސުލައިމާނީ އަވަހާރަ ކޮށްލާފައި ވަނީ، ޖެނުއަރީ 3، 2020 ވަނަ ދުވަހު، އިރާގުގެ ވައިގެ ބަނދަރުގެ ސަރަހައްދުގައި، އެމެރިކާގެ އަސްކަރިއްޔާއިން ދިން ޑްރޯން ހަމަލާއެއްގައެވެ.

މި ހަމަލާގައި، އެމެރިކާގެ ޒަމާންވީ އަދުއްވުގެ ގޮތުގައި އޮތް އީރާނަށް އެއްބާރުލުން ދޭ ހާޝިދް އަލް-ޝާބީ ޕެރަމިލިޓްރީ ނެޓްވޯކުގެ އިސް ކޮމާންޑަރު، އަބޫ މަހުދީ އަލް-މުހާންދިސްވެސް ވަނީ މަރާލާފައެވެ. އީރާނާއި އިރާގުގެ އަސްކަރީ އިސް ކޮމާންޑަރުން ތަކުން މަރާލުމަށް އަމުރު ނެރުއްވީ ޓްރަމްޕެވެ. އެމެރިކާގެ އަމަލުތައް ދިފާއު ކުރައްވަމުން ޓްރަމްޕް ވަނީ، އެކަކު މަރާލަން ހިނގި "ހަރަދު" ގައި 2 މީހުން މަރާލާފައި ވާ ކަން ދޭހަވާފަދަ ރޫހެއްގައި ވާހަކަފުޅު ދައްކަވާފައެވެ.

އީރާނު އަސްކަރިއްޔާގެ އެންމެ މަތީ ފަންތީގެ ގޮފި ކަމަށްވާ އީރާނިއަން ރިވަލޫޝަނަރީ ގާޑުންގެ ތެރޭގައިވެސް ހިމެނޭ އެންމެ ނުފޫޒުގަދަ ގުދުސް ފޯސްގެ ކޮމާންޑަރު، ޖެނެރަލް ގާސިމް ސުލައިމާނީ އަވަހާރަކޮށްލުމަކީ އެމެރިކާއިން ހިންގި ޣައިރު ގާނޫނީ އަމަލެއް ކަމަށް އެކްސްޓްރާ ޖުޑީޝަލް ކިލިންގްސްއާ ބެހޭ އދގެ ތަޖުރިބާކާރު އެގްނެސް ކެލަމާޑް ވަނީ ވިދާޅުވެފައެވެ.