އެފްއެސްއެމްގެ ޕެޓްރޯލް ސްޓޮކް ހުސްވެފައިވާ ކަމަށާއި ކަނޑުދަތުރުފަތުރު ކުރާ އުޅަނދުތަކަށް ތެޔޮ ވިއްކުން ހުއްޓާލާފައިވާ ކަމަށް ބުނެ ދެކެވޭ ވާހަކަތައް ފިއުލް ސަޕްލައި މޯލްޑިވްސްގެ މެނޭޖިންގް ޑިރެކްޓަރު މުހައްމަދު ގަސަމް ދޮގު ކުރައްވައިފިއެވެ.

"ދަ ޕްރެސް" އަށް މައުލޫމާތު ދެއްވަމުން ގަސަމް ވިދާޅުވީ، އެފްއެސްއެމްގެ ޕެޓްރޯލް ސްޓޮކް ހުސްނުވާ ކަމަށެވެ. ނަމަވެސް ރާއްޖޭގައި ތެޔޮ އެތެރެކޮށް ވިއްކާ ކުންްފުނިތަކުން ތެޔޮ ސްޓޮކް ހުސްވެގެން އުޅޭ ކަމަށާއި އެހެންކަމުން މި ވަގުތު އެފްއެސްއެމް އަށް ޕެޓްރޯލްގެ ޑިމާންޑް ވަރަށް މައްޗަށް ގޮސްފައިވާ ކަމަށް ގަސަމް ވިދާޅުވިއެވެ.

"ޕެޓްރޯލް ވިއްކާ އެހެން ކުންފުނިތަކުން ވިއްކާ ޕެޓްރޯލްގެ ސްޓޮކް ހުސްވެގެން ޖެހިގެން އުޅޭ މައްސަލައެއް މީ. ދެން އަޅުގަނޑުމެން ވިއްކަނީ އެސްޓީއޯ އެތެރެ ކުރާ ތެޔޮ. އެސްޓީއޯ ދޭ މިންވަރަށް އަޅުގަނޑުމެންނަށް ތެޔޮ ލިބިގެންދޭ. އެފްއެސްއެމުން ވިއްކޭ މިންވަރަށް ބަލާފައި ތެޔޮ އެތެރެ މި ކުރަނީ. ދެން އަޅުގަނޑުމެންނަށް ބާރު ބޮޑުވެގެންދާ އިރު އަޅުގަނޑުމެންގެ ވެސް އޮންނާނެ ލިމިޓެއް. އެ ލިމިޓްގެ ތެރެއިން އަޅުގަނޑުމެންނަށް ދޫކުރެވޭނީ"
ފިއުލް ސަޕްލައި މޯލްޑިވްސްގެ މެނޭޖިންގް ޑިރެކްޓަރު މުހައްމަދު ގަސަމް

އެސްޓީއޯއިން ރާއްޖެއަށް އެތެރެކުރާ ތެޔޮ ވިއްކާ ކުންފުނިން ތެޔޮ ވިއްކަނީ ދުވާލެއްގެ މައްޗަށް ވަކި ވަރަކަށް ބަލައިގެން ކަމަށް ގަސަމް ވިދާޅުވިއެވެ. އެހެންކަމުން މި ވަގުތު ތެޔޮ ވިއްކާ ބައެއް ކުންފުނިތަކުން ތެޔޮ ސްޓޮކް ހުސްވުމުން އެފްއެސްއެމަށް ތެލުގެ ޑިމާންޑް ބޮޑުވިޔަސް ޑިމާންޑާ އެއްވަރަށް ތެޔޮ ދޫނުކުރެވޭނެ ކަމަށް ގަސަމް ވިދާޅުވިއެވެ.

މީގެ އިތުރުން ގަސަމް ވިދާޅުވީ، ރާއްޖޭގައި ތެޔޮ ރައްކާ ކޮށް ބަހައްޓާއިރު ގިނަ ދުވަހު ބޮޑު ސްޓޮކެއް ނުބެހެއްޓޭނެތީ އެސްޓީއޯއިން ވެސް ތެޔޮ އެތެރެ ކުރަނީ ދުވާލަކަށް ވިއްކޭ އެވްރެޖް ރޭޓަށް ބަލައިގެން އެ މިންވަރަށް ކަމަށެވެ.

މިވަގުތު އެފްއެސް ފިޔަވާ ރާއްޖޭގައި ތެޔޮ ވިއްކާ އެހެން ކުންފުނިތަކުގެ ތެޔޮ ސްޓޮކް މި މަހުގެ 7 ހިސާބަށް ލިބޭ ވަރު ވާނެ ކަމަށް މައުލޫމާތު ލިބިފައިވާ ކަމަށް ގަސަމް ވިދާޅުވިއެވެ. އަދި އެ ކުންފުނިތަކަށް ތެޔޮ ލިބުމުން މި ވަގުތު ދިމާވަމުން މިދާ ދަތިކަމަށް ނިމުމެއް އަންނާނެ ކަމަށް ލަފާ ކުރެވޭ ކަމަށް ގަސަމް ވިދާޅުވިއެވެ.