ހދ. ހަނިމާދޫގައި ހައުސިން ޔުނިޓްތަކެއް ނިންމުމުގެ މަސައްކަތް ކުރުމަށް ބީލަމަށް ހުޅުވާލައިގެން މިނިސްޓްރީ އޮފް ފިނޭންސުން ކުރި މަސައްކަތުގައި ބިޑް ހުށަހެޅި އެސްޖޭ ކޮންސްޓްރަކްޝަން ޑިސްކޮލިފައި ކުރީ ގާނޫނާ ހިލާފަށް ކަމަށް ސިވިލް ކޯޓުން ހުކުމް ކޮށްފިއެވެ.
ފިނޭންސް މިނިސްޓްރީން އިއުލާން ކުރި ބީލަމުގައި ބިޑު ހުށަހެޅި އެސްޖޭ ކޮންސްޓްރަކްޝަން ނޭޝަނަލް ޓެންޑާ ބޯޑުން ޑިސްކޮލިފައި ކޮށްފައި ވަނީ ޕްރޮކިއުމަންޓް ރިކުއާމަންޓެއްގެ ގޮތުގައި ފައިނޭންޝަލް ރިސޯސަސް އާއި އެމްޕްލޯޔާސް ރިކުއާމަންޓް ހަމަނުވާ ކަމަށް ބުނެއެވެ.
މި މައްސަލައިގައި ދައުވާ ކުރި ފަރާތުން ޖުމްލަ 12 ކިތާބީ ހެކި ހުށަހަޅާފައި ވެއެވެ. އަދި ފިނޭންސުން ވެސް ހެކީގެ ގޮތުގައި ބައެއް ލިޔެކިޔުންތައް ހުށަހަޅާފައިވާ އިރު އެ ލިޔުންތަކުން ފާހަގަ ކުރެވުނު ބައެއް މައްސަލަަތައްް މިއަދު ސިވިލް ކޯޓުން ކުރި ހުކުމުގައި ވަނީ ފާހަގަ ކޮށްފައެވެ.
ފިނޭންސްގެ ފަރާތުން މި މައްސަލައިގައި ތަކުރާރުކޮށް ބުނަމުން ދަނީ ދައުވާ ކުރާ ފަރާތުގެ ފައިނޭންޝަލް ރިސޯސަސް އާއި އެމްޕްލޯއިމަންޓް ރިކުއާމަންޓް ހަމަނުވާ ކަމަށެވެ. ނަމަވެސް މުސްތަގިއްލު ރިވިއު ކޮމިޓީން ވަނީ މައްސަލަަ ބަލައި އެސްޖޭ ކޮންސްޓަރަކްޝަން ކުންފުނީގެ ފައިނޭންޝަލް ރިސޯސަސް އާއި އެމްޕްލޯއިމަންޓް ރިކުއާމަންޓް ހަމަވާ ކަމަށް ނިންމައި އެ ފަރާތުގެ ބިޑް ހިމަނައިގެން ރީއިވެލުއޭޓް ކުރުމަށް ނެޝަނަލް ޓެންޑާ ބޯޑަށް އަންގާފައެވެ.
އެގޮތުން ފިނޭންސުން ވަނީ ރީއިވެލުއޭޓް ކުރިކަން ހާމަކޮށް އެކަމާ ގުޅޭ ލިޔުންތައް ހުށަހަޅާފައެވެ. އެ ލިޔުމުން އެނގެން އޮތް ގޮތުގައި ރީއިވެލުއޭޓް ކުރުމުން ވެސް ބިޑުގެ ފައިނޭންޝަލް ރިސޯސަސް އާއި އެމްޕްލޯއިމަންޓް ރިކުއާމަންޓް ހަމަ ކުރިން ވެސް އޮތް ސަބަބުތަކުގެ މައްޗަށް ބަލައި ހަމަ ނުވާ ކަމަށް އެންމެ ފުރަތަމަ އިވެލުއޭޝަން މަރުހަލާގައި ނިންމި ނިންމުމަށް ބަދަލެއް ގެންނަން ޖެހޭ ކަމަށް ނުފެންނަ ކަމަށް ބުނެ ނެޝަނަލް ޓެންޑާ ބޯޑުން ވަނީ ނިންމާފައެވެ. އެ ލިޔުމުގައި އެއްވެސް ފަރާތެއް ސޮއިކޮށްފައި ނުވާ ކަމަށާއި އެއްވެސް އިދާރާއެއްގެ ސިއްކަ ވެސް ޖަހާފައި ނުވާ ކަމަށް ފާހަގަ ކުރެވިފައިވާ ކަމަށް ސިވިލް ކޯޓުގެ ހުކުމުގައި ބުނެއެވެ. ނަމަވެސް އެ ލިޔުމުގައި އަލުން ސޮއި ކުރުމަށްފަހު ކޯޓަށް އެ ލިޔުން ހުށަހެޅުމުން އެ ލިޔުންތަކުގެ މައްޗަށް ބުރަދަން ދިނުމަކީ ރައްކާތެރި ކަމެއް ނޫން ކަމަށް ސިވިލް ކޯޓުގެ ހުކުމުގައި ބުނެއެވެ.
އެސްޖޭ ކޮންސްޓްރަކްޝަން ކުންފުނިން ހުށަހަޅާފައިވާ މި މައްސަލައިގައި މިއަދު ސިވިލް ކޯޓުން ހުކުމް ކުރީ، އެސްޖޭ ކޮންސްޓްރަކްޝަން އަކީ ފައިނޭންޝަލް ރިސޯސަސް އާއި އެމްޕްލޯޔާސް ރިސޯސަސް ފުރިހަމަ ވާ ފަރާތެއް ކަމުގައި ބަލައި ގަތުމަށާއި އަދި މިއަދުން ފެށިގެން ސަރުކާރު ބަންދު ދުވަސް ނުހިމެނޭ ގޮތަށް 20 ދުވަހުގެ މުއްދަތެއްގެ ތެރޭގައި އެ ބިޑް ރީ އިވެލުއޭޓް ކުރުމަށެވެ. އަދި މިހާރު ރީއިވެލުއޭޓް ކޮށްފައި ހުރި ބިޑްތަކާ އެކު އެ އެސްޖޭ ޖޮންސްޓްރަކްޝަންގެ ބިޑު ހިމަނައިގެން އެންމެ މަތިން ޕޮއިންޓް ލިބޭ ފަރާތަކަށް ބިޑް އެވޯޑުކުރުމަށް ފިނޭންސް މިނިސްޓްރީ އަށާއި ގަމާބެހޭ ފަރާތްތަކަށް އެ ހުކުމުގައި އަންގާފައި ވެއެވެ.