ރިސޯޓެއްގެ ގޮތުގައި ވ. އާރަށް ތަރައްގީ ކުރުމަށްޓަކައި ކުންފުންޏަކަށް ވިއްކާލައިގެން ލިބުނު ފައިސާ އަމިއްލަ އެކައުންޓަށް ޖަމާކުރެއްވި މައްސަލާގައި ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް އުފުލާފައިވާ ދައުވާތަކުގެ އިބްތިދާއީ އަޑުއެހުން މިމަހު 13 އަށް ފަސްކޮށްފިއެވެ.

އާރަށު މައްސަލާގައި ޔާމީންގެ މައްޗަށް އުފުލާފައިވަނީ ރިޝްވަތު ގަބޫލުކުރުމުގެ ކުށުގެ ދައުވާ އާއި މަނީ ލޯންޑަރިންގެ ކުށުގެ ދައުވާއެވެ.

ކްރިމިނަލް ކޯޓުގައި މިއަދު ހައްގުތައް ކަށަވަރު ކުރުމާއި ދައުވާ ސާފުކޮށްދިނުމުގެ ބައި ގެންގޮސްފައިވާއިރު، ލިޔުންތައް ލިބިފައިވޭތޯ އިސް ގާޒީ އަހުމަދު ޝަކީލް ސުވާލު ކުރެއްވުމުން، ޔާމީންގެ ގާނޫނީ ވަކީލް ޑރ. މުހައްމަދު ޖަމީލް އަހުމަދު ވިދާޅުވީ، ބައެއް ލިޔެކިއުންތައް މިއަދުގެ ވަގުތެއްގައި ލިބުމުގެ ސަބަބުން އެ ލިޔެކިއުންތައް ދިރާސާކުރަން އެކަށީގެންވާ ވަގުތެއް ލިބިވަޑައިނުގަންނަވާ ކަމަށެވެ.

އެހެންކަމުން، އިސް ގާޒީ ވިދާޅުވީ، މިމަހުގެ 13 ވަނަ ދުވަހާއި 27 ވަނަ ދުވަހު ހެނދުނު 9:30 ގައި އިތުރު އަޑުއެހުންތައް ބާއްވާނެ ކަމަށެވެ.

ހަމަ އެއާއެކު މި މައްސަލާގައި ދެން ހިމެނޭ ވ. ފެލިދޫ، ހަނދުވަރީގެ، ޔޫސުފް ނައީމަށް ވަކީލަކު ހަމަޖެއްސުމަށް ދިހަ ދުވަހުގެ ފުރުސަތެއް އިސް ގާޒީ ދެއްވާފައިވެއެވެ. އޭނާގެ މައްޗަށް ދައުލަތުން ކޮށްފައިވަނީ ރިޝްވަތު ދިނުމުގެ ދައުވާއެވެ.

ޔާމީންގެ އިތުރު މައްސަލައެއްވެސް ކްރިމިނަލް ކޯޓުގައި ކުރިއަސް އެބަދެއެވެ. އެއީ ރ. ފުއްގިރި ކުއްޔަށް ދޫކުރުމުގެ މުއާމަލާތާ ގުޅިގެން އެމަނިކުފާނުގެ މައްޗަށް ކޮށްފައިވާ މަނީ ލޯންޑަރިންގެ ކުށުގެ ދައުވާ އާއި ރިޝްވަތު ގަބޫލުކުރުމުގެ ދައުވާއެވެ.

މަނީ ލޯންޑަރިންގެ ދައުވާތައް ޔާމީންގެ މައްޗަށް ސާބިތުވެއްޖެ ނަމަ، ރިޔާސީ އިންތިހާބުގައި ވާދަކުރުމުގެ ފުރުސަތު އެމަނިކުފާނަށް ގެއްލޭނެއެވެ.