މިދިޔަ އަހަރު ސިވިލް ކޯޓުން 4643 މައްސަލައެއްގެ ޝަރީއަތް ނިންމާފައިވާ ކަމަށް އެކޯޓުން ބުނެފިއެވެ.

ސިވިލްކޯޓުގެ ތަފާސްހިސާބުތައް ދައްކާގޮތުގައި 2020 ވަނަ އަހަރު ނުނިމި ހުރި މައްސަލަތަކުގެ އަދަދު 2756 އަރައެވެ. އޭގެ އިތުރުން މިދިޔަ އަހަރު ސިވިލްކޯޓަށް 4616 މައްސަލައެއް ހުށަހަޅާފައި ވާއިރު އޭގެތެރެއިން ނިމިފައި ވަނީ 4543 މައްސަލަ ކަމަށް ތަފާސް ހިސާބުން ދައްކައެވެ.

މިދިޔަ އަހަރު ސިވިލް ކޯޓުގައި ނުނިމި ހުރި މައްސަލައިގެ އަދަދު 2729 އަށް އަރައެވެ.

ތަފާސް ހިސާބުތަކުން ދައްކާގޮތުގައި މިދިޔަ އަހަރު ސިވިލް ކޯޓުގެ ޑިސްޕިއުޓް ރިޒޮލިއުޝަން ޑިވިޝަނަށް 3299 މައްސަލަ ހުށަހަޅާފައި ވެއެވެ.

މި މައްސަލަތަކުގެ ތެރެއިން މިދިޔަ އަހަރު ޑިސްޕިއުޓް ރިޒޮލިއުޝަން ޑިވިޝަނުން ހައްލުކޮށްފައި ވަނީ 2365 މައްސަލައެކެވެ. އެއީ މައްސަލަތަކުގެ 66.90 ޕަސެންޓެވެ.

މިދިޔަ އަހަރު ސިވިލްކޯޓުގެ ހުޅުމާލެ ޑިވިޝަނަށް 265 މައްސަލައެއް ހުށަހަޅާފައި ވާއިރު ހުޅުމާލެ ޑިވިޝަނުން ނުނިމި ހުރި މައްސަލަތަކުގެ އަދަދު ވަނީ 75 އަކަށް އަރާފައެވެ.

މިދިޔަ އަހަރު ސިވިލް ކޯޓަށް ދަރަނީގެ ފައިސާގެ ގޮތުގައި 251 މިލިއަން ރުފިޔާ އާއި 7 މިލިއަން ޑޮލަރާއި 17،493 ޔޫރޯ ބަލައި ގެންފައިވާ ކަމަށް ތަފާސް ހިސާބުން ދައްކައެވެ.

ސިވިލް ކޯޓުން ބުނީ 2021 ވަނަ އަހަރަކީ ކޮވިޑް-19 ގެ ހާލަތަކަށްވެފައި މަސައްކަތުގެ ދަތިކަމާއި އެމަސައްކަތް ކުރަން ޖެހުނުގޮތުގެ މައްޗަށް މަސައްކަތަށް އައި ހީނަރުކަމުގެ ތެރެއިން ވެސް ހާސިލު ކުރެވުނު ނަތީޖާއަކީ ކޯޓު އެމައްޗަށް އިތުރަށް އަޒުމު އާކޮށް 2021 ވަނަ އަހަރު ނިމުނުއިރު ނުނިމި ހުރި މައްސަލަތަކާއި 2002 ވަނައަހަރު ހުށަހެޅޭ މައްސަލަތައް ނިންމުމަށް މައްސަލަ ކުރާނެ ކަމަށެވެ.