ކ. ގުޅީފަލު ކައިރިއަށް ބޯވަ ނަގަން މޫދަށް އިއްޔެ ފޭބި ޒުވާނާ ހޯދުމުގެ މަސައްކަތް ހުއްޓުމެއް ނެތި ކުރަމުންދާ ކަމަށް އެމްއެންޑީއެފުން ބުނެފިއެވެ.

އެމްއެންޑީއެފުން ބުނީ ގެއްލުނު ސުރައިހު ހޯދުމުގައި ކޯސްޓް ގާޑުގެ ސިފައިން އަންނަނީ ހުއްޓުމެއް ނެތި މަސައްކަތް ކުރަމުން ކަމަށާއި މިވަގުތު އެމްއެންޑީއެފް ކޯސްޓް ގާޑު ނޫރައްދީން ލޯންޗާއި ހާބާ ކްރާފްޓް ލޯންޗް އަންނަނީ މަސައްކަތް ކުރަމުން ކަމަށެވެ.

އެމްއެންޑީއެފުން މީގެކުރިން ވަނީ ކޯސްޓުގާޑުގެ ޑައިވަރުންގެ ޓީމަކުން އޭނާ ހޯދުމުގެ މަސައްކަތްތައް ކުރަމުންދާ ކަމަށާއި އެގޮތުން ޑައިވް ކޮށްގެން 55،000 އަކަމީޓަރު ބަލާފައިވާ ކަމަށާއި ސްނޯކަލް ކޮށްގެން 36،000 އަކަމީޓަރު ބަލާފައިވާ ކަމަށެވެ.

ޝުރައިހު ގެއްލިގެން ރިޕޯޓުކޮށްފައި ވަނީ އިއްޔެ ހެނދުނު 8:58 ހާއިރެވެ. އޭނާ ގެއްލުނު އިރު އެންމެ ފަހުން ހުރީ އަޅި ކުލައިގެ ޓީޝާޓަކާއި ކަޅުކުލައިގެ ސޯޓެއް ލައިގެން ކަމަށް އެމްއެންޑީއެފުން މައުލޫމާތު ދެއެވެ.