މިފެށުނު އާ އަހަރުގެ އެންމެ މަތިވެރި އަޒުމަކަށް ހަދަންވީ ކޮންމެ ފަރުދަކުވެސް އެމީހެއްގެ ފެންވަރުން ގައުމުގެ ތަރައްގީގައި އަމަލީ ގޮތުން ބައިވެރިވުންކަމުގައި ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.

2022 ވަނަ އަހަރު ފެށުމާއި ގުޅިގެން ދިވެހި ރައްޔިތުންނަށް ދެއްވެވި ތަހުނިޔާގެ ހިތާބުގައި ރައީސް ވިދާޅުވީ ދެ ޖިންސުގެ ދިވެހި ޒުވާނުން ގައުމީ ތަރައްގީގައި ބައިވެރިވާ މިންވަރު އިތުރުވި ވަރަކަށް ތަރައްގީގެ ދަތުރުގައި ދިވެހިން ހާސިލްކުރަން ބޭނުންވާ އައްސޭރި މާއަވަހަށް އަތުވާނެ ކަމަށެވެ.

ރައީސް ވިދާޅުވީ ނިމިގެން މިދިޔަ 2021 ވަނަ އަހަރަކީ ދަތިތަކާއި އުނދަގޫތަކެއްގެ ތެރެއިން އުންމީދުގެ އަމާން އައްސޭރިއަކަށް ގައުމު ގެންދެވުނު އަހަރެއް ކަމަށެވެ. އަދި މުޅި ރާއްޖެއަށް ކުރިމަތިވި ކޮވިޑް-19ގެ ބަލިމަޑުކަމުން ރައްކާތެރިވުމަށްޓަކައި އަޅަން ޖެހުނު އުނދަގޫ ފިޔަވަޅުތައް ތަޙައްމަލުކުރުމުގައި ދިވެހި ރައްޔިތުން ދެއްކި އެއްބައިވަންތަކަމާއި ކެތްތެރިކަމަށްޓަކައި ވަރަށް އިހްލާސްތެރިކަމާއެކު އެމަނިކުފާނު ވަނީ ޝުކުރު ދަންނަވާފައެވެ.

ރައީސް ވަނީ ހަގީގީ ތަރައްގީއަކީ ރައްޔިތުން ބޭނުންވާ އަސާސީ ހިދުމަތްތައް ފުރިހަމަވުން ކަމަށްވާއިރު މިފެށުނު އާ އަހަރަކީ ތަރައްގީގެ އުފާވެރިކަން ދިވެހި ރައްޔިތުންނަށް ކުރިއަށް ވުރެ އެތައް ގުނައަކަށް ހާސިލްކުރެވޭނެ އަހަރެއްކަމުގައި ވާނެކަން ހާމަކުރައްވާފައެވެ. އަދި ރަށްރަށުގައި ދިރިއުޅޭ ރައްޔިތުން އެތައް އަހަރެއް ވަންދެން މަހުރޫމްވެފައި ތިބި އަސާސީ ހިދުމަތްތައް އެ ރަށްރަށުގައި ގާއިމުކުރުމަށް އިސްކަން ދިނުމުގެ ސިޔާސަތުގެ ދަށުން މިހާރު ފަށާފައިވާ ކިތަންމެ މަޝްރޫއެއް މިއަހަރުގެ ތެރޭގައި ނިމިގެންދާނެ ކަމަށެވެ.

މީގެ އިތުރުން ރައީސް ވަނީ ތަރައްގީއަށްޓަކައި ސަރުކާރުން ކުރާ މަސައްކަތްތަކުން އެންމެ އެދެވޭ ނަތީޖާ ހާސިލްކުރެވޭނީ އަދި ފުރިހަމަވެފައިވާ ތަރައްގީގެ މަޝްރޫއުތަކުގެ ހަގީގީ މަންފާ ގައުމަށް ކުރާނީ ދިވެހިންގެ މެދުގައި އޮންނަންޖެހޭ އެކުވެރިކަމާއި އެއްބައިވަންތަކަން މިހާރަށް ވުރެ ހަރުދަނާވެގެންކަމުގައި ވިދާޅުވެފައެވެ.