ދިވެހިން އާންމުކޮށް ބޭނުންކުރާ ޕްލާސްޓިކް ބަތް ޕާރުސަލް ފޮށި މިއަދުން ފެށިގެން ރާއްޖެއަށް އެތެރެކުރުން މަނާކޮށްފިއެވެ.

ތިމާވެއްޓާ ބެހޭ ވުޒާރާއިން ބުނީ، އެއްފަހަރު ބޭނުން ކުރުމަށް ފަހު އެއްލާލައި ޕްލާސްޓިކްގެ ބާވަތްތަކުގެ ތެރެއިން މިއަދުން ފެށިގެން ކާބޯތަކެތި ބަންދުކުރާ ބަތް ޕާރުސަލް އެތެރެކުރުން މަނާވާނެ ކަމަށެވެ.

ބަތް ޕާރުސަލަކީ ދިވެހިންގެ މެދުގައި މަގްބޫލު އެއްޗެކެވެ. އެގޮތުން، އެކި މުނާސަބަތުތައް ފާހަގަކުރުމުގެ ގޮތުން، ބަތް ޕާރުސަލްގައި ގޭގެއަށް ބޮނޑިބަތް ފޮނުވުމަކީ އާންމު ކަމެކެވެ. އޭގެ އިތުރުން ބައެއް ކެފޭ ރެސްޓޯރަންޓު ތަކުން ކާބޯތަކެތި ބަންދުކުރާއިރު ވެސް ބަތް ޕާރުސަލް ބޭނުން ކުރެއެވެ.

ހަމަ އެއާއެކު، އަންނަ ޖޫން މަހުން ފެށިގެން، ވަކި ބާވަތް ބާވަތުގެ ޕްލާސްޓިކް އެތެރެކުރުމާއި ބާޒާރަށް ނެރުން މަނާ ކުރާނެއެވެ. އޭގެ ތެރޭގައި އެއްފަހަރު ބޭނުންކޮށް އުކާލާ ޕްލާސްޓިކް ހޮޅިއާއި، އެއްފަހަރު ބޭނުންކުރާ ޕްލާސްޓިކް ތަށްޓާއި، އާންމުކޮށް ބޭނުން ކުރާ ކަފަބުރު ފަދަ ތަކެތި ހިމެނެއެވެ.

މީގެ އިތުރުން، ތިމާވެއްޓާ ރައްޓެހި ބާވަތް ބާވަތުން އިމްޕޯޓް ޑިއުޓީ ނުނަގާ ގޮތަށް ނިންމައި، އެއްފަހަރު ބޭނުންކޮށް އުކާލާ ޕްލާސްޓިކްގެ ބަދަލުގައި ބޭނުން ކުރެވޭނެ ތިމާވެއްޓާ ރައްޓެހި ބާވަތްތައް ގެންނަ ފަރާތްތައް ދެނެގަނެ، އިންސެންޓިވައިޒޭޝަން ޕްރޮގްރާމް ހިންގުމުގެ މަސައްކަތްތައް ކަމާބެހޭ ފަރާތްތަކާއެކު ކުރިއަށް ގެންދަން ރާވާފައިވާ ކަމަށް ތިމާވެއްޓާ ބެހޭ ވުޒާރާއިން ބުންޏެވެ.

އެއްފަހަރު ބޭނުންކޮށް އުކާލާ ޕްލާސްޓިކްގެ ސަބަބުން ރާއްޖޭގެ ތިމާވެއްޓަށް ކުރާ ނޭދެވޭ އަސަރުތަކުން ރާއްޖޭގެ ވެއްޓާއި އިގްތިސޯދު ހިމާޔަތް ކުރުމުގެ ގޮތުން، ސަރުކާރުގެ އަމާޒަކީ 2023 ނިމެންވާއިރަށް އެއްފަހަރު ބޭނުންކޮށް އުކާލާ ޕްލާސްޓިކް ރާއްޖޭގައި ބޭނުން ކުރުން މަނާކުރުމެވެ.