2021 ވަނަ އަހަރު ދުނިޔޭގެ މަޝްރަހުން ހިނގި އެންމެ މުހިންމު އަދި އެންމެ ފާހަގަ ކޮށްލެވޭ އެއް ކަމަކީ އަފްގާނިސްތާނުގައި ހިނގަމުން ދިޔަ ދާހިލީ ހަނގުރާމަ ނިމުމަކަށް އައުމާ، އެއަށް ފަހު އެގައުމުގެ ކޮންޓްރޯލް ތާލިބާނުންނަށް ދިޔަ ގޮތެވެ.
އަފްގާނިސްތާނު ހަނގުރާމައިގެ ނިމުމުގެ ފެށުން
2001 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހު އެމެރިކާއަށް ދިން ވަރުގަދަ ޓެރަރިސްޓް ހަމަލާއަށް ފަހު އެމެރިކާއިން އަފްގާނިސްތާނަށް އަރާ ފެށި ހަނގުރާމައަކީ ގައުމުން ބޭރުގައި އެމެރިކާއިން މިހާތަނަށް ކުރި އެންމެ ދިގު ހަނގުރާމައެވެ.
ސެޕްޓެމްބަރު 11 ގެ ހަމަލާއަށް ފަހު އެމެރިކާއިން އަފްގާނިސްތާނާއި އިރާގުގައި ކުރި ހަނގުރާމަ ތަކުގައި އެމެރިކާ ސިފައިންގެ 7،000 މީހުން މަރުވި އިރު މީގެ ތެރެއިން ގިނަ ސިފައިން މަރުވެފައި ވަނީ އަފްގާނިސްތާނުގައެވެ. އަދި މި ހަނގުރާމައަކީ އެމެރިކާގެ ބަޖެޓުން އެތަށް ބިލިއަން ޑޮލަރެއް ހަރަދުވެގެން ދިޔަ ހަނގުރާމައަކަށް ވީ އިރު އަފްގާނިސްތާނަށް އަރާ އޭރު އެގައުމުގައި ވެރިކަން ކުރަމުން އައި ތާލިބާނުން ފައްސާލެވުނު ނަމަވެސް އަފްގާނިސްތާނުގައި ދާއިމީ ގޮތެއްގައި ސުލްހަ ގާއިމުކޮށް އެގައުމު ހަމަޖެއްސުމަށް އެމެރިކާ ނުކުޅެދުނެވެ.
ނަތީޖާއަކަށްވީ އަފްގާނިސްތާނުގެ ސަލާމަތް އަބަދުވެސް ނާޒުކު ފައްތަރެއްގައި އޮތުމާ ތާލިބާނު ޖަމާއަތް އަނބުރާ އަންނާނެ ކަމުގެ ބިރު އަބަދުވެސް އޮތުމެވެ. ކަންތައް ވެގެން ދިޔައީ ވެސް މިހެނެވެ.
ފެބްރުއަރީ 2020
އެމެރިކާގެ ކުރީގެ ރައީސް ޑޮނާލްޑް ޓްރަމްޕްގެ ސަރުކާރުގައި ތާލިބާނުންނާ އެކު ގާއިމުކުރި އެއްބަސްވުމަކީ އަފްގާނިސްތާނުގެ މިއަދުގެ ހާލަތުގެ ފެށުމޭ ބުނުން ދޮގަކަށް ނުވާނެއެވެ. މިއެއްބަސްވުމުގައި ވަނީ 2021 ވަނަ އަހަރުގެ މޭއި މަހު އެމެރިކާގެ ސިފައިން އަފްގާނިސްތާނުން ބާލަން އެމެރިކާއިން އެއްްބަސްވެފައެވެ. ބަދަލުގައި ތާލިބާނުން ވަނީ އަފްގާނިސްތާނުގައި ދޭ ހަމަލާތައް މަދުކޮށް ޓެރަރިސްޓް ޖަމާއަތްތަކާ އޮންނާނެ ގުޅުންތައް ކަނޑާލަން އެއްބަސްވެފައެވެ.
ފެބްރުއަރީ 2021
އެމެރިކާގެ މިހާރުގެ ރައީސް ޖޯ ބައިޑަން ވެރިކަމާ ހަވާލުވެވަޑައިގަތުމަށް ފަހު ވަނީ އެމެރިކާއިން ތާލިބާނުންނާ އެކު ވެފައިވާ އެއްބަސްވުން މުރާޖާ ކުރަން ނިންމަވާފައި ވާކަން ހާމަ ކުރައްވާފައެވެ.
އެޕްރިލް 2021
ތާލިބާނުންނާއެކު ވެފައިވާ އެއްބަސްވުން މުރާޖާ ކުރުމަށް ފަހު އެމެރިކާގެ ރައީސް މިއަހަރުގެ އޭޕްރިލް މަހު ވަނީ މިއަހަރުގެ ސެޕްޓެމްބަރު މަހުގެ 11 ވަނަ ދުވަހުގެ ކުރިން އަފްގާނިސްތާނުގައި ތިބި އެމެރިކާގެ ހުރިހާ ސިފައިން އެގައުމުން ބާލާނެ ކަން ހާމަކުރައްވާފައެވެ. އެމެރިކާގެ ޑިޕްލޮމެޓިކް މަސައްކަތްތެރިންނާއި އިންސާނީ އެހީދޭ ފަރާތްތަކުން އަފްގާނިސްތާނުގައި ތިބޭނެ ކަމަށް އެމެރިކާއިން ބުނި ނަމަވެސް ބައިނަލްއަޤްވާމީ ފައުޖުގައި ހިމެނޭ އެހެން ސިފައިން ވެސް އެގައުމުން ބާލާނެ ކަން އެފަރާތްތަކުން ހާމަކުރިއެވެ.
މޭއި-ޖޫން 2021
އަފްގާނިސްތާނުގައި ތިބޭ ބައިނަލްއަގްވާމީ ސިފައިން އެގައުމުން ބާލާނެ ކަން ހާމަކުރުމާއެކު ތާލިބާނު ޖަމާއަތުން އަފްގާނިސްތާނުގައި ދޭ ހަމަލާތައް އިތުރުކުރަން ފެށިއެވެ. ހާއްސަކޮށް ސަލާމަތީ ގޮތުން މުހިންމު އެކި އެކި ސަރަހައްދުތަކަށް އަމާޒުކޮށް ދޭ ހަމަލާތައް އެޖަމާއަތުން އިތުރުކުރަމުން ދިޔައެވެ. އަދި އަފްގާނިސްތާނުގެ ސަލާމަތީ ބާރުތަކަށް އަމާޒުކޮށް ދޭ ހަމަލާތައް ވެސް ތާލިބާނުން ވަރުގަދަކުރިއެވެ.
ނަތީޖާއަކަށްވީ އަފްގާނިސްތާނުގެ ގިނަ ސަރަހައްދުތަކެއް ތާލިބާނުންގެ އަތްދޮށަށް ދިއުމެވެ.
ޖުލައި 2021
އަފްގާނިސްތާނުގައި އެމެރިކާ ސިފައިން ތިބި މައި ވައިގެ މަރުކަޒު ދޫކޮށް އެމެރިކާ ސިފައިން އަފްގާނިސްތާނުން ފޭބީ މިއަހަރުގެ ޖުލައި މަހުގެ ތެރޭގައެވެ. ވެރިރަށް ކާބުލްގައި ހުންނަ އެމެރިކާގެ އެމްބަސީގެ ސަލާމަތީކަންކަން ބެލެހެއްޓުމަށް ތިބި އެމެރިކާގެ ސިފައިން ނޫން ހުރިހާ ސިފައިން ޖުލައި މަހު އަފްގާނިސްތާނުން ފޭބި އިރު ގުޅިފައިވާ ފައުޖުގެ އެހެން ސިފައިން ވެސް އެގައުމުން ފޭބިއެވެ.
އޮގަސްޓް 2021
މިއަހަރުގެ އޮގަސްޓް މަހަކީ އަފްގާނިސްތާނުގެ ތާރިހުގައި ކަޅު އަކުރުން ލިޔެވިގެންދާނެ މަހެކެވެ. ބައިނަލްއަގްވާމީ ސިފައިންތައް އަފްގާނިސްތާނުން ފޭބުމާއެކު ތާލިބާނު ޖަމާއަތުން ލަހެއް ފަހެއް ނުކޮށް އަވަސްވެގަތީ ވެރިރަށް ކާބުލް ހިފުމަށެވެ. އަދި އެރަށުގެ ވަށައިގެން ވާ ސަރަހައްދުތައް ހަލުވިކަމާއެކު ހިފުމަށް ފަހު އޮގަސްޓް މަހުގެ 15 ވަނަ ދުވަހު ތާލިބާނު ޖަމާއަތުން ކާބުލް ހިފިއެވެ. އެރަށް ހިފި އިރު އަފްގާނިސްތާނުގެ އޭރުގެ ސަރުކާރު ވެއްޓި ރައީސް އަޝްރަފް ގަނީ ވަނީ ފިލާވަޑައިގަތުމަށް ގައުމުން ބޭރަށް ފުރުއްވާފައެވެ.
އަހަރު ނިމުނު އިރު އަފްގާނިސްތާނު ތާލިބާނުންގެ އަތްދޮށުގައި އޮތް އިރު އަފްގާނިސްތާނުގައި ހަރަކާތްތެރިވި ބޭރުގެ ސިފައިންނަށް އެހީވި އެތަށް ހާސް އަފްގާން ރައްޔިތުން އެގައުމުން ފޭބުމަށް ކުރި މަސައްކަތްތައް މީޑިއާތަކުން ކަވަރުކުރިއެވެ. ފުރި ބާރުވެފައި އޮތް އަސްކަރީ މަތިންދާބޯޓުތަކުގައި އެއްބަޔަކު އަފްގާނިސްތާނު ދޫކޮށް ދިޔަ އިރު އަނެއް ބަޔަކު ތިބީ މަތިންދާބޯޓުތަކުގެ ފުރޮޅުތަކުގައި އެލިގަނެގެންނެވެ.
އަފްގާނިސްތާނުގައި ތާލިބާނުން މިފަހަރު ވެރިކަން ކުރާނެ ގޮތެއް ބަލަން ދުނިޔެ މިހާރު އޮތީ މަޑުކޮށްލައިގެންނެވެ.
މިހާތަނަށް އުއްމީދީ އެއްވެސް ނިޝާނެއް ފެނިފައި ނުވާ އިރު އަންހެނުންނާއި އަންހެން ކުދިން އެކަހެރި ކުރުން ފަދަ ކަންކަން ތާލިބާނު ޖަމާއަތުން އަނެއްކާވެސް ވަނީ ފެންނަން ފަށާފައެވެ. އެހެން ނަމަވެސް އަންހެނުންގެ ރުހުމާ ނުލާ އެމީހުން މީހުންނާއި ކައިވެނިކުރުވުން ފަދަ ކަންކަން ތާލިބާނު ޖަމާއަތުން މިހާރު މާނާކޮށްފައިވާ އިރު މިއީ އުއްމީދުގެ ބައްތި ދިއްލަން ލިބޭ ހުޅުކޮޅެއް ކަމަށް މުރާސިލުން ބުނެއެވެ.