ޑްރަގް އެންފޯސްމަންޓުން މި ޑިސެންބަރު މަހުގެ 12 ވަަނަ ދުވަހު ހިންގި ހާއްސަ އޮޕަރޭޝަން ތަކެއްގައި ގިނަ އަދަދެއްގެ މަސްތުވާތަކެއްޗާއެކު ހައްޔަރުކުރި 5 މީހުންގެ ވަނަވަރު ހާމަކޮށްފިއެވެ.

ފުލުހުން ބުނީ މި ޑިސެމްބަރު މަހުގެ 12 ވަނަ ދުވަހު ހިންގި އޮޕަރޭޝަނުގައި ބުރުޒުމަގުން ޓެކްސީއެއް ހުއްޓުވައި ދެމީހަކު ހައްޔަރު ކޮށްފައި ވާއިރު އެ ދެމީހުންނަކީ ގދ. ހޯނޑެއްދޫ އިރުމަތީގެ، އަހުމަދު ސުނައިނު (25އ) އާއި ގދ. ހޯނޑެއްދޫ ގުލޭނޫރަންމާގެ، އަލީ ޒުބައިރު (52އ) ކަމަށެވެ. އެ ދެމީހުން ހައްޔަރުކޮށް ޓެކްސީ ބަލައި ފާސްކުރި އިރު މަސްތުވާތަކެތި ހުރި 28 ރަބަރު ޕެކެޓް ފެނިފައިވާ ކަމަށްވެސް ފުލުހުން ވަނީ ބުނެފައެވެ.

ފުލުހުން ބުނީ މި މައްސަލައިގެ ތަހުގީގުން ހޯދި ހޯދުންތަކުން އެ ޓެކްސީއިން ފެނިފައިވާ މަސްތުވާތަކެއްޗަކީ ޑިސެމްބަރު 12 ވަނަ ދުވަހުގެ ފަތިހުގެ ވަގުތެއްގައި “ބަންގާ” ނަމަކަށް ކިޔާ ލޯންޗަކުން މާލެއަށް، އަލީ ޒުބައިރާއި ގދ. ހޯނޑެއްދޫ / ދޯދި، މުހައްމަދު އަކްރަމް އަބްދުލްހަންނާން (31 އ) އާއި ގދ. ހޯނޑެއްދޫ އަލޯރާ، އަހްމަދު މުޖާހިދު (29އ) އެރުވި މަސްތުވާތަކެތި ކަމަށް އެނގިފައިވާ ކަމަށެވެ. އަދި އެފަރާތްތަކާ ގުޅުން ހުރި ކާރަކުން މަސްތުވާތަކެތި ހުރި 86 ރަބަރު ޕެކެޓާއި ސައިކަލެއްގެ މަޑިދަށުން 5 ރަބަރު ޕެކެޓް ހޯދާފައިވާ ކަމަށްވެސް ފުލުހުން ވަނީ ބުނެފައެވެ.

މީގެއިތުރުން ގދ. ހޯނޑެއްދޫ އަލޯރާ އަރުޝަދު ހާލިދު (26އ) އެތިން މީހުންނާ ބައްދަލުކޮށް ކަމުގެ އިރުޝާދު ދިނުމުގައި ހަރަކާތްތެރި ވެފައި ވާކަން ތަހުގީގަށް ފާހަގަ ކުރެވިފައި ވާ ކަމަށް ބުނަމުން ފުލުހުން ބުނީ މާލެއަށް މަސްތުވާތަކެތި އެތެރެކުރުމަށް ފަހު އަރުޝަދާއި މުހައްމަދު އަކްރަމް ވަނީ ޑިސެމްބަރު 12 ވަނަ ދުވަހު ރާއްޖެއިން ބޭރަށް ފުރައިގެން ގޮސްފާ ކަމަށެވެ.

މީގެ އިތުރުން އަރުޝަދަކީ މަސްތުވާތަކެތި ރާއްޖެއަށް އެތެރެކުރުމުގައި އެންމެ އިސްކޮށް ހުރި ފަރާތް ކަމުގައި ފުލުހުން ވަނީ ތުހުމަތު ކޮށްފައެވެ.

މި މައްސަލާގައި ތުުހުމަތުކުރެވޭ އަހްމަދު ސުނައިން އާއި އަލީ ޒުބެއިރު އާއި މަސްތުވާތަކެތީގެ ވިޔަފާރިކުރާކަމަށް ތުހުމަތު ކުރެވިގެން ޖެނުއަރީ 30، 2020 ވަނަ ދުވަހު ހައްޔަރުކުރުމަށް ފަހު ދައުވާކުރެވި މައްސަލަ ޝަރީއަތުން ސާބިތުނުވުމާ ގުޅިގެން ސެޕްޓެމްބަރު 28، 2021 ވަނަ ދުވަހު ދޫކޮށްލާފައިވާ ދެމީހުންނެވެ.

އެ އޮޕަރޭޝަނުގައި ފުލުހުން ހޯދި މަސްތުވާތަކެތީގެ ބަރުދަން 119 ކިލޯއަށް އަރާނެ ކަމަށް އަންދާޒާކުރެވޭ ކަމަށް ޕޮލިސް ކޮމިޝަނާ މުހައްމަދު ހަމީދު (ސީޕީ) ވަނީ ވިދާޅުވެފައެވެ.