ހުޅުމާލެ ފޭސް 2 ގައި ހުންނަ ފިހާރައެއްގައި އިސްލާމްދީން ފިޔަވައި އެހެން ދީންތައް ރަމްޒުކޮށްދޭ ތަކެތި ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ.

ފުލުހުން ބުނެފައިވާ ގޮތުގައި، މި ފިހާރައިގައި އެހެން ދީންތައް ރަމްޒުކޮށްދޭ ތަކެތި ވިއްކަން ހުރިކަމަށް ބުނެ ސޯޝަލް މީޑިއާގައި ދައުރުވި މައުލޫމާތާ ގުޅިގެން، އޮކްޓޯބަރު 7 ވަނަ ދުވަހުގެ ހަވީރު 18:15 ހާއިރު ފުލުހުން ވަނީ އެ ފިހާރައަށް ގޮސް ބަލައިފާސްކޮށްފައެވެ. އަދި އެ ތަނުގައި އެފަދަ 6 ޕޮޓެއް ވިއްކަން ބަހައްޓާފައި ހުރިކަން ވަނީ ފާހަގަކުރެވިފައެވެ.

އެތަކެތި ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާއިރު ފުލުހުން މި ފިހާރައާއި ގުޅޭ އިތުރު އެއްވެސް ތަފްސީލެއް އަދި ހާމަކޮށްފައެއް ނުވެއެވެ. އަދި މި މައްސަލައާ ގުޅިގެން އިތުރަށް ބަލަންޖެހޭ ކަންކަން ފުލުހުން ދަނީ ތަހުގީގުކުރަމުންނެވެ.

ދިވެހިރާއްޖޭގެ ގާނޫނުއަސާސީ އާއި ދިވެހިރާއްޖޭގެ ދީނީ އެކުވެރިކަން ހިމާޔަތްކުރުމުގެ ގާނޫނުގެ ދަށުން، އިސްލާމްދީނާ ހިލާފު އަދި އެހެނިހެން ދީންތައް ފެތުރުމަށް ނުވަތަ ރަމްޒުކޮށްދިނުމަށް ހިންގާ މިފަދަ އަމަލުތަކަކީ ގާނޫނީ މަނާ ކަމެކެވެ.