މ. ރަތްމަންދޫ އިންޖީނުގޭގެ ބިންގަލާއެކު، މީހުން ނޫޅޭ އެކަހެރި ސަރަހައްދުތަަކަށް އިންޖީނުގެތައް ބަދަލުކުރުމުގެ 99 ޕަސެންޓް ފެނަކައިން ހާސިލް ކޮށްފިއެވެ.

ފެނަކައިން ބުނީ މީހުން ދިރިއުޅޭ ސަރަހައްދުތަކުގައި ހުރި އިންޖީނުގެތައް އެކަހެރި ސަރަހައްދުތަކަށް ބަދަލު ކުރުމަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ވެވަޑައިގެންނެވި ވައުދުފުޅު، ރަތްމަންދޫ އިންޖީނުގޭގެ ބިންގާ އެކަހެރި ހިސާބެއްގައި އެޅުމާއެކު 99 ޕަސެންޓް ހާސިލް ކުރެވިފައި ވާކަން ކަމަށެވެ.

ރަތްމަންދޫގައި އަލަށް އިމާރާތް ކުރާ އިންޖީނުގެ އާއި އޮފީސް އިމާރާތުގެ ބިންގާ އަޅުއްވައި ދެއްވީ ފެނަކައިގެ އެމްޑީ އަހުމަދު ސައީދު އާއި ދިއްގަރު ދާއިރާގެ މެންބަރު އިކްރާމް ހަސަން ގެ އިތުރުން ރަތްމަންދޫގެ ކައުންސިލް ރައީސް އިސްމާއިލް ނާހިދެވެ.

ފެނަކައިން ބުނީ މީހުން ދިރިއުޅޭ ސަރަހައްދުތަކުގައި ހުރި އިންޖީނުގެތައް އެކަހެރި ސަރަހައްދުތަކަށް ބަދަލު ކުރުމުގެ މަސައްކަތުގެ 99 ޕަސެންޓް ނިމިފައި ވާއިރު 3 ރަށެއް ފިޔަވާ ހުރިހާ ރަށެއްގައި މަސައްކަތް ކުރިއަށްދާ ކަމަށެވެ.

މީގެ އިތުރުން ރަތްމަންދޫގެ މަސައްކަތް އަންނަ އަހަރު ނިމޭނެ ކަމަށް އެ ކުންފުނިން އަންދާޒާ ކުރެއެވެ.

އިންޖީނުގެތައް ބަދަލުކުރުމުގެ އިތުރުން ފެނާއި ނަރުދަމާ ގާއިމް ކުރުމުގެ މަޝްރޫއުތައް ވެސް ފެނަކަ އިން ހިންގައެވެ. ފެނާއި ނަރުދަމާގެ ހިދުމަތްތައް ގާއިމް ކުރެވިފައި ނެތް ރަށްރަށުގައި އެހިދުމަތް ގާއިމް ކުރުމުގެ މަސައްކަތް ކޮންޓްރެކްޓަރުންނާ ހަވާލު ކޮށްފައި ވާއިރު އޭގެ ތެރެއިން 70 ޕަސެންޓް މަސައްކަތް ހަވާލު ކޮށްފައި ވަނީ ފެނަކައާއެވެ.