މަސައްކަތުގެ މާހައުލުގައި މަސައްކަތްތެރި ޒުވާނުން އުފައްދައި ވަޒީފާއަށް ނެރުމުގެ ގޮތުން އެޗްޑީސީން ބޭއްވި އެޕްރެންޓިސްޝިޕް ޕްރޮގްރާމް ނިންމާލައިފިއެވެ.

މޯލްޑިވްސް ޓެކްނިކަލް އެންޑް ވޮކޭޝަނަލް އެޑިއުކޭޝަން އެންޑް ޓްރޭނިން އޮތޯރިޓީ (ޓިވެޓް) އާ ގުޅިގެން އެޗްޑީސީން ހިންގި މި އެޕްރެންޓިސްޝިޕް ޕްރޮގްރާމްގެ ދަށުން ޒުވާނުން ތަމްރީންކުރި ދާއިރާތަކަކީ:

  • ހެވީ ވެހިކަލް ގެންގުޅުން
  • ވެލްޑިން
  • މޭސަނަރީ
  • ގާޑަނިން
  • ކަރަންޓު
  • އިމާރާތްކުރުން

އެޗްޑީސީން ބުނީ، ހަ މަސްދުވަހުުގެ މުއްދަތަކަށް ކުރިއަށް ގެންދިޔަ މި ޕްރޮގްރާމް ފުރިހަމަކުރި ފަރާތްތަކަށް އެމްކިއުއޭ ގަބޫލުކުރާ ނެޝަނަލް ލެވަލް 3 ގެ ސަނަދެއް ދީފައިވާ ކަމަށާއި، ޕްރޮގްރާމްގެ ބައިވެރިންނަށް އެލަވަންސްގެ ގޮތުގައި ކޮންމެ މަހަކު 6،000ރ. ދީފައިވާ ކަމަށެވެ.

އެ ކޯޕަރޭޝަނުން ހިންގި މި ޕްރޮގްރާމްގައި 56 މީހުން ބައިވެރިވެ ސަނަދު ހާސިލްކޮށްފައިވާއިރު، އޭގެ ތެރެއިން 24 ބައިވެރިންނަށް ވަޒީފާގެ ފުރުސަތު ދީފައިވާ ކަމަށްވެސް އެޗްޑީސީން ބުންޏެވެ. އޭގެ ތެރޭގައި:

  • އެސިސްޓަންޓް ވެލްޑަރުން (5)
  • އެސިސްޓަންޓް ގާޑަނަރުން (2)
  • އެސިސްޓަންޓް ކޮންސްޓްރަކްޝަން އޮފިސަރުން (5)
  • އެސިސްޓަންޓް އިލެކްޓްރީޝަނުން (5)
  • އެސިސްޓަންޓް މޭސަން (1)
  • ހެވީ ވެހިކަލް ޑްރައިވަރުން (5)

ކުރިއަށް އޮތް ތަނުގައިވެސް މިފަދަ ޕްރޮގްރާމްތައް ހިންގާނެ ކަމަށް އެޗްޑީސީން ބުންޏެވެ.

އެޗްޑީސީގެ އިތުރުން، އެމްޓީސީސީންވެސް ވަނީ "ހުނަވަރު" ގެ ނަމުގައި މަސައްކަތްތެރި ޒުވާނުން ވަޒީފާއަށް ނެރުމަށްޓަކައި އެޕްރެންޓިސްޝިޕް ޕްރޮގްރާމެއް ފަށައިފައެވެ.