އަންނަ މަހުގެ ހަތްވަނަ ދުވަހު ޗައިނާގެ ފޮރިން މިނިސްޓަރު ވާން ޔީ ރަސްމީ ދަތުރުފުޅެއްގައި ރާއްޖެ ވަޑައިގަންނަވަން ނިންމަވައިފިއެވެ.

ފޮރިން މިނިސްޓްރީގެ ކޮމިއުނިކޭޝަންސް ޑިރެކްޓަރު މިއުވާން މުހައްމަދު "ދަ ޕްރެސް" އަށް ވިދާޅުވީ، ވެން ޔީ ރާއްޖެ ވަޑައިގަންނަވަނީ އދ. ގެ އާންމު މަޖިލީހުގެ ރައީސް އަދި ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދުގެ ދައުވަތަކަށް ކަމަށެވެ.

މީގެ އިތުރުން، ޗައިނާ އާއި ރާއްޖެއާ ދެމެދު އޮންނަ ޑިޕްލޮމަޓިކް ގުޅުމަށް 50 އަހަރު ފުރުންވެސް މި ދަތުރުގައި ފާހަގަ ކުރުމަށް ހަމަޖެހިފައި ވާ ކަމަށް މިއުވާން ވިދާޅުވިއެވެ.

ޝާހިދު ވަނީ އދ. ގެ އާންމު މަޖިލީހުގެ ރައީސްގެ ހައިސިއްޔަތުން ޗައިނާ އަށް ކުރެއްވި ތިން ދުވަހުގެ ރަސްމީ ދަތުރެއްގައި މިދިޔަ މަހު ވާން ޔީ އާ ބައްދަލު ކުރައްވާފައެވެ. އޭގެ ކުރިން 2019 ވަނަ އަހަރުވެސް ޗައިނާ އަށް ވަޑައިގެން ވާން ޔީ އާއި އެގައުމުގެ ނައިބު ރައީސް ވާން ޗީޝާނާ ބައްދަލު ކުރައްވާފައި ވެއެވެ.

ރާއްޖެއާއި ޗައިނާ، ޑިޕްލޮމަޓިކް ގުޅުން ގާއިމު ކުރީ 1972 ވަނަ އަހަރުގެ އޮކްޓޯބަރު 14 ގައެވެ. ޗައިނާ ސަރުކާރުގެ އެހީގައި މާލެއާއި ހުޅުމާލެ ގުޅާލައި އަޅާފައިވާ ސިނަމާލެ ބްރިޖަކީ ޗައިނާ އާއި ރާއްޖެއާ ދެމެދު އޮންނަ ދޭދޭ ގުޅުމުގެ ރަމްޒެކެވެ.