އިސްލާމް ދީނުގެ ސައްހަ އަގީދާގެ މަތީގައި ދެމިތިބޭ ރަނގަޅު ދަރިންތަކެއް ތަރުބިއްޔަތު ކޮށް އެފަދަ ދަރިންތަކެއް މުޖުތަމައުގައި އުފެއްދުމުގެ މަސައްކަތަކީ މިއަދުގެ ސަރުކާރުން އެންމެ ބޮޑު އަހަންމިއްޔަތުކަން ދޭ އެއް ކަން ކަމުގައި ނައިބު ރައީސް ފައިސް ނަސީމް ވިދާޅުވެއްޖެއެވެ.

34 ވަނަ ގައުމީ ގުރުއާން ކިޔެވުމުގެ މުބާރާތް އިފްތިތާހު ކޮށްދެއްވުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ނައިބު ރައީސް ވަނީ މަދަރުސާތަކާއި ދަރިވަރުންނަށް ކިޔަވައިދޭ ހުރިހާ އިދާރާތަކުންވެސް ހެޔޮލަފާ، މަސައްކަތް ތެރި އަދި ގާބިލު ރަނގަޅު ޖީލެއް ބިނާކުރުމަށް ސަމާލުކަން ދިނުމަށް އެދިވަޑައިގެންފައެވެ.

ގައުމީ ގުރުއާން މުބާރާތެއް އިންޒިތާމު ކޮށް ހިންގުމުގެ މަގްސަދަކީވެސް ވަރަށް ސާފު މަގުސަދެއް ކަމަށާއި އެއީ ތުއްތު ކުދިންގެ ހިތްތަކުގައި ގުރުއާނަށް ލޯބިޖައްސައި ތަޖުވީދުގެ މަގުން ކިޔެވުމަށް ހިތްވަރު ދިނުމަށް ބޭއްވޭ މުބާރާތެއް ކަމަށް ފައިސަލް ނަސީމް ވަނީ ވިދާޅުވެފައެވެ.

ފައިސަލް ނަސީމް އިތުރަށް ވަނީ، އެއްބައިވަންތަ ކަމާއެކު ގައުމު ކުރިއެރުވުމަށް ނަސޭހަތްތެރިވެ ވަޑައިގަންނަވަމުން މި ފަސްގަނޑު ދެމި އޮތްހާ ހިނދަކު އަދި މި ފަސްގަނޑުގައި ބަޔަކު ދިރިއުޅޭހާ ހިނދަކު، އިސްލާމްދީނުގެ ނޫރާއި އަލިކަން، ދުވަހަކުވެސް ފިލައިގެން ނުދާނެ ކަމަށް ވިދާޅުވެފައެވެ. އަދި ދިވެހިންގެ ހިތްތަކުގައި އިސްލާމްދީނަށް އޮތް ގަދަރާއި ލޯބި ދާނީ ދުވަހެއް ދުވަހަކަށް އިތުރުވަމުން ކަމުގައި ވެސް ފައިސަލް ވަނީ ވިދާޅުވެފައެވެ.