އަންނަ ފެބްރުއަރީގެ ފަސްވަނަ ދުވަހު ބާއްވާ ކޮމަންޑޫ ދާއިރާގެ ބައި އިލެކްޝަނަށް ސަރުކާރުން ނުފޫޒު ފޯރުވާ ކަމަށް، މަޑުއްވަރީ ދާއިރާގެ މެމްބަރު އަދި އިދިކޮޅު ޕީއެންސީގެ ނައިބު ރައީސް އާދަމް ޝަރީފް އުމަރު ތުހުމަތު ކުރައްވައިފިއެވެ.

އިދިކޮޅު ކޯލިޝަނުން ކޮމަންޑޫ ދާއިރާއަށް ވާދަކުރާ ކެންޑިޑޭޓް ވަނީ މިދިޔަ ހަފްތާގައި ފައިނަލް ކޮށްފައެވެ. ޕީޕީއެމް ކޯލިޝަންގެ ފަރާތުން ވާދަކުރައްވަނީ ށ. އަތޮޅުގެ ރައީސްކަން ކުރެއްވި މޫސާ ފަތުހީއެވެ. މޫސާ ފަތުހީއަށް ތާއީދު ހޯއްދަވަން މިވަގުތު އާދަމް ޝަރީފް ހިމެނޭހެން، ކޯލިޝަނުގެ އިސްވެރިން ތިއްބެވީ ކޮމަންޑޫ ދާއިރާގައެވެ.

އާދަމް ޝަރީފް ރޭ ވިދާޅުވީ، ސަރުކާރުން ދަނީ ކޮމަންޑޫ ދާއިރާގެ އިންތިހާބަށް ނުފޫޒު ފޯރުވުމަށްޓަކައި މަސައްކަތްތައް ކުރަމުން ކަމަށެވެ. އެގޮތުން ފެނަކަ ކޯޕަރޭޝަންގައި ގިނަ މަގާމުތަކެއް އުފައްދައި، މީހުންނަށް މަގާމުތައް "ބަހަމުން" ދާ ކަމުގެ ތުހުމަތު ޝަރީފް ވަނީ ކުރައްވާފައެވެ.

އެހެންކަމުން، އެ އިންތިހާބު އިންސާފުވެރި ނުވާނެ ކަމަށާއި، އިލެކްޝަން ކޮމިޝަނުން މި މައްސަލަ ބަލައިދިނުމަށް ޝަރީފް ވަނީ ގޮވާލައްވާފައެވެ.

މިކަމާ ގުޅިގެން ފެނަކައިގެ ބަހެއް ވަނީ ލިބޭގޮތް ނުވެފައެވެ.

އިދިކޮޅުގެ ޕީޕީއެމް އިން ވާދަކުރައްވާ މޫސާ ފަތުހީ ވަނީ ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ވެރިކަމުގައި ޕްލޭނިން މިނިސްޓްރީގެ ޑިރެކްޓަރުގެ މަގާމާއި، ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ހޯމް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރުގެ މަގާމު ފުރުއްވާފައެވެ.

ފަތުހީގެ އިތުރުން، ދެން މި ދާއިރާއަށް ވާދަކުރައް ވަނީ، އެމްޑީޕީގެ ފަރާތުން ފޯކައިދޫ ކައުންސިލްގެ ކުރީގެ ރައީސް މުހައްމަދު ރާޝިދެވެ. އަދި އެމްއެންޕީގެ ފަރާތުން ވާދަކުރައްވަނީ ތައުލީމީ ދާއިރާއަށް ހިދުމަތް ކޮށްދެއްވި އަބްދުލް ހަންނާން އިދްރީހެވެ.

ކޮމަންޑޫ ދާއިރާގައި ވާދަކުރަން ހުޅުވާލާފައި ވަނީ، އެ ދާއިރާ ތަމްސީލު ކުރައްވަމުން ގެންދެވި މެމްބަރު ހުސައިން ވަހީދު މިމަހުގެ 14 ވަނަ ދުވަހު އަވަހާރަވުމާ ގުޅިގެންނެވެ.