އެންޓި ކޮރަޕްޝަން ކޮމިޝަނުގެ މެމްބަރުން ވަކި ކުރުމަށް ރައްޔިތުންގެ މަޖިލީހުން މަސައްކަތް ކުރި ގޮތާމެދު ކަންބޮޑުވުން ފާޅުކޮށް މަޖިލީހުގެ މިނިވަން މުއައްސަސާތަކާ ބެހޭ ކޮމެޓީން މިނިވަން މުއައްސަސާ ތަކަށް ނުފޫޒު ފޯރުވާ ކަމަށް ޓްރާންސްޕޭރަންސީ މޯލްޑިވްސްއިން ތުހުމަތު ކޮށްފިއެވެ.
އޭސީސީގެ މެންބަރުންނާ މެދު ކަންކަން ހިނގާދިޔަ ގޮތުން ކަންބޮޑުވުން ފާޅުކޮށް ޓްރާންސްޕޭރަންސީން ބުނެފައި ވަނީ އޭސީސީގެ މެމްބަރުން ވަކި ކުރުމަށް މަޖިލިހުން މަސައްކަތް ކޮށްފައި ވަނީ އޮޑިޓު ރިޕޯޓުން ފާހަގަ ކުރި މައްސަލަތައް ހައްލު ކުރުމަށް ފުރުސަތު ނުދީ އަދި "އެ މައްސަލަތައް ހައްލު ކުރުމަށް ބޭނުންވާ އެއްބާރުލުމާއި ބަޖެޓް އަދި ވަސީލަތްތައް ފޯރުކޮށްނުދީ" ކަމަށެވެ.
އޭސީސީގެ މެމްބަރުން ވަކި ކުރުމަށް ނިންމާފައި އޮއްވާ އެ ކޮމިޝަނުގައި ތިއްބެވި ތިން މެމްބަރުން ވަނީ އިއްޔެ އިސްތިއުފާ ދެއްވައިފައެވެ. އެއީ އެ ކޮމިޝަނުގެ ރައީސް މަރިޔަމް ޝިއުނާ އާއި ނައިބު ރައީސް ފާތިމަތު އަނޫލާ އާއި މެމްބަރު އައިޝަތު އަބްދުﷲއެވެ.
މެމްބަރުން އިސްތިއުފާ ދެއްވީ ވަކި ކުރުމުގެ މައްސަލައިގައި ރައްޔިތުންގެ މަޖިލީހަށް ލިޔުމުން ޖަވާބު ދެއްވުމަށްފަހުއެވެ.
އޭގެ އިތުރުން އެ ބަޔާނުގައި ތުހުމަތުކޮށްފައި ވަނީ މިނިވަން މުއައްސަސާތަކުގެ މަސައްކަތަށް މަޖިލީހުން ސީދާ ގޮތުން ނުފޫޒު ފޯރުވަން މަސައްކަތްކޮށްފައިވާ ކަމަށެވެ.
އެ ބަޔާނުގައި ޓްރާންސްޕޭރަންސީން ގޮވާލީ މިނިވަން މުއައްސަސާތަކުގެ މެމްބަރުންނަކީ ނުފޫޒުތަކުން އެއްކިބާވެފައިވާ ބައެއް ކަމުގައި ހެދުމަށް ގޮވާލައިފައެވެ.