ސޯޝަލް ސެންޓަރު ސަރަހައްދުގައި މިހާރު ކުރިއަށްދާ ނައިޓް މާކެޓު ކުރިއަށް ގެންދަނީ ސިޓީ ކައުންސިލްގެ ހުއްދަ ހޯދައި، އެޗްޕީއޭގެ ގައިޑްލައިންތަކާ އެއްގޮތްވާ ގޮތުގެ މަތިން ކަމަށް، ކައުންސިލުން މިއަދު ބުނެފިއެވެ.
އެޗްޕީއޭއިން ރޭ އާންމުކުރި ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި އިއްޔެ އެކަނިވެސް 168 މީހުން ކޮވިޑަށް ޕޮޒިޓިވް ވެފައި ވާއިރު، މާލޭންވެސް 44 މީހުން ވަނީ ޕޮޒިޓިވް ވެފައެވެ. 20 ގެ އަދަދުތަކުގައި ކޮވިޑުގެ ކޭސްތައް ހިފެހެއްޓިފައި އޮތުމަށް ފަހު، މިމަހުގެ 21 އިން ފެށިގެން މާލޭން 40 އަށް ވުރެ މަތިން ކޮވިޑުގެ ކޭސްތައް ދަނީ ފެންނަމުންނެވެ.
އެއާއެކު، އެޗްޕީއޭއިން ވަނީ ބޮޑެތި އެއްވުންތައް މަދުކުރުމަށް ހުރިހާ ފަރާތްތަކަށްވެސް އިލްތިމާސް ކޮށްފައެވެ.
މިކަމާ ގުޅިގެން ސިޓީ ކައުންސިލްގެ ތަރުޖަމާނު މަރިއަމް ޝިއުނާ "ދަ ޕްރެސް" އަށް ވިދާޅުވީ، ޕްރިޒަމް ހޯލްޑިންގްސް އިން މިހާރު ބާއްވާ ނައިޓް މާކެޓް ކުރިއަށް ގެންދަނީ ކައުންސިލްގެ ހުއްދަ އާއި އެކުގައި ކަމަށާއި، އެޗްޕީއޭގެ ގައިޑްލައިންތަކާ އެއްގޮތްވާ ގޮތުގެ މަތިން ކަމަށެވެ.
"ނައިޓް މާކެޓް ކުރިއަށް ގެންދަނީ އެޗްޕީއޭގެ ގައިޑްލައިންތަކާ އެއްގޮތްވާ ގޮތަށް،" ޝިއުނާ ވިދާޅުވިއެވެ.
ހަމަ އެހެންމެ، ނައިޓް މާކެޓުގެ ސަލާމަތީ ކަންކަން ބެލެހެއްޓުމަށްޓަކައި ފުލުހުން ހަރަކާތްތެރިވަމުން ދާ ކަންވެސް ޝިއުނާ ފާޙަގަ ކުރެއްވިއެވެ.
އެޗްޕީއޭ އާ ސުވާލުކުރުމުން، ހެލްތު މިނިސްޓްރީގެ ޑެޕިއުޓީ ޑިރެކްޓަރު ތަސްލީމާ އުސްމާން ވިދާޅުވީ، މިހާރު އެކުލަވާލާފައިވާ ގައިޑްލައިން ތަކުގައި ވާ ގޮތުން، ހަރަކާތްތައް ހިންގުމުގެ ހުއްދައަށް އެޗްޕީއޭގައި އެދެން ނުޖެހޭނެ ކަމަށެވެ. ނަމަވެސް އެޗްޕީއޭއިން އެކުލަވާލާފައި ވާ ފިޔަވަޅުތަކާ އެއްގޮތަށް އަމަލުކުރުމަށް ތަސްލީމާ ވަނީ އިލްތިމާސް ކުރައްވާފައެވެ.
ޕްރިޒަމް ހޯލްޑިންގްސްގެ ފަރާތުން ބާއްވާ ނައިޓް މާކެޓު 10 ދުވަހަށް ކުރިއަށް ދާއިރު، މީގެ ދެދުވަހެއް ކުރިން ފެށި މި ނައިޓް މާކެޓުގައި 200 ސްޓޯލެއް ހުރެއެވެ. މި ނައިޓް މާކެޓް ބާއްވަން ހަމަޖެހިފައިވަނީ ކޮންމެ ދުވަހެއްގެ ހަވީރު 4:00 އިން މެންދަމު 12:00 އަށެވެ. މި ނައިޓް މާކެޓަށް ބޮޑު ތަރުހީބެއް ލިބެމުން އަންނަކަން ފާހަގަ ކުރެވެއެވެ.