އާމްދަނީ މަދު މީހުންނަށް ބިން ނުލިބޭ ގޮތަށް ހުޅުމާލެއިން ބިން ވިއްކަން އިއުލާން ކުރުމުން އެކަން ހުއްޓާލަން ރައްޔިތުން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ގޮވާލައްވައިފިއެވެ.

ރައީސް ނަޝީދު މިހެން ވިދާޅުވީ، ހުޅުމާލޭގެ ދެވަނަ ފިޔަވަހީގެ މަސްޓާ ޕްލޭނާ އެއްގޮތަށް 60 ގޯތި ވިއްކަން އެޗްޑީސީން މިއަދު އިއުލާން ކުރުމާ ގުޅިގެންނެވެ. ނަޝީދު ވިދާޅުވީ، މާލެ ސަރަހއްދުގައި ދިރިއުޅޭ އާމްދަނީ މަދު މީހުންނަށް ބިން ލިބޭނެ ގޮތެއް ނެތި ހުޅުމާލެ އިން ބިން ވިއްކުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށެވެ. އަދި މި ސިޔާސަތު ބަދަލު ކުރުމަށް ސަރުކާރަށް ގޮވާލައްވާ ކަމަށް ނަޝީދު ވިދާޅުވިއެވެ.

ޒަމާނާ އެއްގޮތަށް ތަރައްގީ ކުރެވޭ ގެދޮރުވެރި ކަމުގެ އެކި އެކި މަޝްރޫއުތަކުގެ ތެރެއިން އެކި އެކި ފަންތީގައި ހިމެނޭ ފަރާތްތަކަށް އެ ފުރުސަތު ފަހިކޮށްދިނުމުގެ ބޭނުމުގައި ކަމަށް ބުނެ، ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަނުން ވަނީ މިއަދު ހުޅުމާލޭގެ ދެވަނަ ފިޔަވަހިން 60 ބިމެއް ބީލަމުގައި ވިއްކުމަށް ނިންމައި އެކަން އިއުލާން ކޮށްފައެވެ.

އެގޮތުން މިފަހަރު ހުޅުވާލި ފުރުސަތުގައި އިސްކަމެއް ދީފައި ވަނީ އަލަށް ބިން ގަންނަ ފަރާތް ތަކަށެވެ. އަދި މާލެ ސަރަހައްދުން ދިރިއުޅުމުގެ ބޭނުމަށް 600 އަކަފޫޓަށް ވުރެ ބޮޑު ބިމެއް ގޯއްޗެއް ރަޖިސްޓްރީ ކޮށްފައި ނުވާ ފަރާތްތަކުން ކުރެ ކޮންމެ ފަރާތަކަށް ވެސް ގެނެވޭނީ އެންމެ ބިމެއް ކަމަސް އެޗްޑީސީން ކުރި އިއުލާން ގައި ބުނެފައި ވެއެވެ.

އެޗްޑީސީގެ ބިޒްނަސް ޕްލޭންގެ ތެރެއިން، ބިން ވިއްކުމުގެ މައިގަނޑު މަގުސަދެއް ކަމަށް އެ ކުންފުނިން ބުނެފައި ވަނީ، ބިން ވިއްކައިގެން ލިބޭ ފައިސާ އިން ސޯޝަލް ހައުސިން ކެޓަގަރީގެ ބިންތަކުގެ އަގު ހަމަޖައްސައި އެ މަޝްރޫއުތަކުގެ އަގު ކުޑަކުރުމަށް މަސައްކަތް ކުރަން ނިންމާފައިވާ ކަމަށެވެ.