މިއަހަރުގެ ފަހު ދުވަސް ކަމަށްވާ އަންނަ ހުކުރު ދުވަހުގެ ހަވީރު ވެސް ހިޔާ ފްލެޓް ލިބުނު ފަރާތްތަކުގެ ޝަކުވާތަކާ އެކު އިހުތިޖާޖު ކުރަން ތައްޔާރުވަމުން ދާ ކަމަށް ހިޔާ ޔޫނިއަނުން ބުނެފިއެވެ.

ހުޅުމާލެ ދެވަނަ ފިޔަވަހީގައި ގާއިމްކުރި ހިޔާ ފްލެޓް ވެރިންގެ ކަންބޮޑުވުންތައް ހިއްސާ ކުރުމަށް "ނުދެއްކޭނެ" ނަމުގައި ހާއްސަ ބައްދަލުވުމެއް އިންތިޒާމް ކުރަމުންދާ ކަމަށް ހިޔާ ޔޫނިއަނުން ބުނެއެވެ. މި ބައްދަލުވުން ބާއްވަން ހަމަޖއްސާފައި ވަނީ މި އަހަރުގެ ފަހު ދުވަހު ކަމަށް ވާ ހުކުރު ދުވަހުގެ ހަވީރު ކަމަށް ވެސް އެ ޔޫނިއަނުން ބުނެއެވެ.

މި ބައްދަލުވުމުގެ މައިގަނޑު މަގްސަދަކީ ފްލެޓް ވެރިންގެ އާއިލާ އާއި ދަރިންގެ ހައްގުގައި، ފްލެޓުގެ ގްރޭސް ޕީރިއަޑު އިތުރު ކުރުމަށް ގޮވާލުން ކަމަށް ވެސް އެ ޔޫނިއަނުން ބުނެއެވެ.

މިދިޔަ ހުކުރު ދުވަހު ވެސް ހިޔާ ފްލެޓް ސަރަހައްދުގައި ވަނީ ހިޔާ ފްލެޓް ވެރިން ނުކުމެ އިހުތިޖާޖެއް ކޮށްފައެވެ. އެ އިހުތިޖާޖުގައި ވެސް ފްލެތް ލިބުނު ފަރާތްތަކުން ބުނަމުން ދިޔައީ އެމީހުންނަށް ދީފައިވާ ގްރޭސް ޕީރިއަޑް އިތުރު ކުރުމަށާއި އެ ފްލެޓްތަކުގެ ކުލި ކުޑަކުރުމަށެވެ.

އަންނަ މަހުން ފެށިގެން ހިޔާ ފްލެޓްތަކުގެ ކުލި ދައްކަން ޖެހޭ އިރު، ފްލެޓްތަކުގެ ފިނިޝިން މަސައްކަތްތައް ނިންމުމަށްޓަކައި ދޭން ނިންމާފައިވާ ގްރޭސް ޕީރިއަޑް މީގެ ކުރިންވެސް އެޗްޑީސީން ވަނީ ތިން މަހުން ހަތަރު މަހަށް އިތުރު ކޮށްދީފައެވެ.

ނަމަވެސް، ފްލެޓްތަކުގެ ފިނިޝިން މަސައްކަތްތައް ނިންމުމަށް ހަތަރު މަސް އެކަށީގެން ނުވާ ކަމަށް ފްލެޓްތަކުގައި ދިރިއުޅޭ ބައެއް ފަރާތްތަކުން ވަނީ ބުނެފައެވެ. ހަމަ އެއާއެކު، ހިޔާ ފްލެޓްތަކުގެ ފިނިޝިން މަސައްކަތްތައް ނިންމުމަށް ބައެއް މީހުންގެ އަތުން އެޑްވާންސަށް ފައިސާ ނެގުމަށް ފަހު އެ މަސައްކަތްތައް އެއްބަސްްވި ދުވަހަށް ނުނިންމާ ކަމުގެ ޝަކުވާވެސް ވަނީ ބޮޑުވެފައެވެ.

މިކަމާ ގުޅިގެން "ދަ ޕްރެސް" އިން ސުވާލުކުރުމުން އެޗްޑީސީން ބުނީ، ފްލެޓްތަކުގެ ގްރޭސް ޕީރިއަޑް އިތުރުކުރުމާ ގުޅޭ ގޮތުން ސަރުކާރާއެކު މަޝްވަރާތައް މިހާރު ކުރިއަށްދާ ކަމަށާއި، އަދި އެކަމާ މެދު ވަކި ގޮތެއް ނިންމާފައި ނުވާ ކަމަށެވެ.

އަންނަ މަހުން ފެށިގެން ހިޔާ ފްލެޓްތަކުގެ މަހު ކުލީގެ ގޮތުގައި މެއިންޓެނޭންސް އާ އެކު ޖުމްލަ 8،500 ރުފިޔާ ދައްކަން ޖެހޭނެއެވެ. ނަމަވެސް އެ އަދަދު ބޮޑުވެގެން 6،500 ރުފިޔާއަށް ކުޑަކޮށް ދިނުމަށް ފްލެޓް ލިބުނު މީހުން ސަރުކާރުގައި ވަނީ އެދިފައެވެ. އަދި ފްލެޓް ހަވާލުކުރި އިރު ފިނިޝިންގެ މަސައްކަތްތައް ނިމިފައި ނުވާތީ، ފިނިޝިންއަށް ހަރަދުވާ ވަރުން އެއްލައްކަ ރުފިޔާ ސަރުކާރުން ދިނުމަށް ވެސް އެމީހުން ވަނީ އެދިފައެވެ.