ސްޓެލްކޯގެ ޗެއާމަން މުހައްމަދު ރަޝީދު އަވަހާރަ ވެއްޖެއެވެ.

މުހައްމަދު ރަޝީދު އަވަހާރަ ވެފައި ވަނީ ހާޓްއެޓޭކެއް ޖެހިވަޑައިގެން އޭޑީކޭ ހޮސްޕިޓަލްގައި ފަރުވާ ހޯއްދަވަމުން ގެންދަވަނިކޮށް މިއަދު މެންދުރުގެ ވަގުތެއްގައެވެ.

މުހައްމަދު ރަޝީދު އެކި މަގާމުތަކުގައި ސްޓެލްކޯ އަށް 50 އަހަރަށް ވުރެ ގިނަ ދުވަހު ހިދުމަތް ކުރައްވާފައި ވާއިރު އޭނާ ސްޓެލްކޯގެ ހިދުމަތާ އެންމެ ފުރަތަމަ ގުޅިވަޑައިގަތީ 1971 ވަނަ އަހަރު އެޕްރެންޓިޝިޕް ޕްރޮގްރާމްގެ ތެރެއިންނެވެ. އޭގެ ފަހުން އިންޖިނިއަރުކަމާއި ޑެޕިއުޓީ ޑިރެކްޓާ މެނޭޖީރިއަލްގެ އިތުރުން އެގްޒެކްޓިވް ޑިރެކްޓަރުގެ މަގާމާއި އެސިސްޓަންޓް މެނޭޖިން ޑިރެކްޓަރުގެ މަގާމު ވެސް މުހައްމަދު ރަޝީދު އަދާކުރެއްވިއެވެ.

މީގެއިތުރުން ސްޓެލްކޯގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރުގެ މަގާމާއި ސީއީއޯގެ މަގާމު ވެސް މުހައްމަދު ރަޝީދު ފުރުއްވާފައި ވެއެވެ. މުހައްމަދު ރަޝީދު ސްޓެލްކޯ ބޯޑުގެ ޗެއާމަން ކަމުގެ މަގާމަށް އައްޔަން ކުރީ ފެބްރުއަރީ 12، 2019 ގައެވެ.

ސްޓެލްކޯއިން ބުނީ މި ހިތާމަވެރި ވަގުތުގައި އެ ކުންފުނީގެ ބޯޑް މެމްބަރުންނާއި އިސްވެރިން އަދި އެންމެހާ މުވައްޒަފުންގެ ނަމުގައި މުހައްމަދު ރަޝީދުގެ އާއިލާއަށް ނުހަނު އިހްލާސްތެރި ކަމާއެކު ތައުޒިޔާ ދަންނަވާ ކަމަށެވެ.