ރާއްޖޭގެ ފަތުރުވެރިކަމަށް 50 އަހަރު ފުރުމާ ގުޅުވައިގެން، ބެލްޖިއަމާއި ނެދަލޭންޑްސްގެ އިތުރުން ލަކްސަމްބާގުން ހެދި ސްޓޭމްޕް ސެޓުތަކުގެ ސުވަނިއާ ޕްލާކް ޓޫރިޒަމް މިނިސްޓަރު ޑރ. އަބްދުﷲ މައުސޫމަށް މިއަދު ހަދިޔާކޮށްފިއެވެ.

ފަތުރުވެރިކަމުގެ ރަން ލޯގޯ ޖަހައިގެން ހަދާފައިވާ އެ ސްޓޭމްޕް ސެޓްތަކުގެ ސުވަނިއާގެ ތިން ޕްލާކު މިނިސްޓަރަށް ހަދިޔާކުރެއްވީ، ބެނަލަކްސް މޯލްޑިވްސް ފްރެންޑްޝިޕް ސޮސައިޓީގެ ރައީސް އަދި ބެލްޖިއަމް ފްލެންޑާސްގެ ރާއްޖޭގެ އޮނަރަރީ ކޮންސުލް ޖެރާޑް ހުއިޓީނެވެ.

ބެނެލަކްސް ގައުމުތަކުގެ އެތެރެ އާއި ބައިނަލްއަގުވާމީ ޕޯސްޓުގެ ހިދުމަތްތަކަށް ބޭނުންކުރަމުން އަންނަ މި ސްޓޭމްޕް ސެޓުތަކަކީ، ބެނެލަކްސް ފްރެންޑްޝިޕް ސޮސައިޓީގެ ފަރާތުން، އެ ގައުމުތަކުގެ ޕޯސްޓު އޮފީސްތަކާއި، ބެލްޖިއަމްގެ ބްރޫސެލްސްގައި ހުންނަ ރާއްޖޭގެ ވިލާތުގެ އިއްތިހާދުގެ އެމްބަސީއާއި މިނިސްޓްރީން ނެރުނު ސްޓޭމްޕް ސެޓުތަކެކެވެ.

އޭގެ ތެރެއިން، މިދިޔަ ޖުލައި މަހު ބެލްޖިއަމްގެ ސްޓޭމްޕް ސެޓު ނެރެދެއްވާފައިވަނީ، ވިލާތުގެ އިއްތިހާދަށް ކަނޑައަޅާފައި ހުންނަވާ ސަފީރު ހަސަން ސޯބިރެވެ.

ފަތުރުވެރިކަމުގެ ރަން އަހަރާ ގުޅިގެން ރާއްޖޭގެ ޕޯސްޓުންވެސް ހާއްސަ ސްޓޭމްޕް ސެޓަކާއި ސުވަނިއާ ސެޓެއް އަންނަ ފެބްރުއަރީގައި ނެރުމަށް ނިންމާފައިވާއިރު، އެ ނެރެދެއްވުމަށް، ރާއްޖޭގެ ފަތުރުވެރިކަމުގެ އިސް ބޭފުޅެއް ކަމަށްވާ އިޓަލީގެ ޖޯޖް ކޯބިނަށް މިނިސްޓްރީޏް ވަނީ ދައުވަތު ދީފައެވެ.