މިދިޔަ އޮކްޓޯބަރު މަހުގެ 14 ގައި އިހާނެތި ގޮތަކަށް އދ. ދަނގެތީގައި މަރާލާފައި އޮއްވާ ފެނުނު އެ ރަށުގެ ވިޔަފާރިވެރިޔާ މަހުމޫދު އަބޫބަކުރުގެ މަރުގެ މައްސަލާގައި ހައްޔަރުކުރި ޝާ އަލިމް މިއާގެ ޝަރީއަތް ކެންސަލްކޮށްފިއެވެ.

މި ޝަރީއަތުގެ ފުރަތަމަ އަޑުއެހުން އޮތީ މިއަދު ހެނދުނު 10:30 އަށް ތާވަލުކޮށްފައެވެ. ނަމަވެސް އެ އަޑުއެހުން ކެންސަލް ކެންސަލްވެފައިވާ ކަމަށް ކްރިމިނަލް ކޯޓުން ފޮނުވި މެސެޖެއްގައިވެއެވެ. ކެންސަލްވި ސަބަބެއް ނޭނގެއެވެ. އަދި ފަހުން ބާއްވާނެ ތާރީހެއްވެސް ހާމައެއް ނުކުރެއެވެ.

މިކަމާ ގުޅިގެން ކްރިމިނަލް ކޯޓުގެ ބަހެއް އަދި ނުލިބެއެވެ.

ޝާ އަލޮމް މިއާގެ މައްޗަށް ދައުލަތުން ވަނީ ދެ ދައުވާއެއް އުފުލާފައެވެ. އެއީ ގަސްދުގައި މީހަކު މެރުމުގެ ދައުވާ އާއި، މައްޔިތާގެ ބޭނުން ނަހަމަ ގޮތުގައި ކުރުމުގެ ދައުވާއެވެ.

މަހުމޫދުގެ މަރުވެފައިވާ ހަށިގަނޑު ފެނުނީ މިދިޔަ އޮކްޓޫބަރު މަހުގެ 14 ވަނަ ދުވަހުގެ ހަވީރު 3:16 ހާއިރު، މަހުމޫދުގެ އާއިލާއިން އޭނާ ގެއްލިގެން އެ ދުވަހު ހެނދުނު 10:16 ހާއިރު އެންގުމުން، އެ ރަށު މީހުން ތިން ޓީމަކަށް ބަހާލައިގެން ނުކުމެ ރަށުތެރެ ހޯދަމުން ދަނިކޮށެވެ.

އެ މައްސަލާގައި ޝާ އަލޮމް މިއާ ހައްޔަރުކުރީ އޭގެ ދެ ދުވަސް ފަހުންނެވެ. އޭނާއަކީ އެ ރަށުގެ ނެދުންގޭގައި ހުންނަ އުމުރުން ދުވަސްވީ މީހެއް ބަލަހައްޓަން ގެނެސްފައި ހުރި މީހެކެވެ. އެ މައްސަލާގައި ފުލުހުން އޭނާ ހައްޔަރުކޮށް، މަހުމޫދު މަރާލި ގޮތް ވަނީ އޭނާ ލައްވާ ކުޅުވާފައެވެ.

އެ މައްސަލަ ތަހުގީގު ކުރުމަށްފަހު ފުލުހުން އެންމެ ފަހުން ބޭއްވި ޕްރެސް ބްރީފިންގައި ބުނެފައިވަނީ، މަހުމޫދުގެ ބޮލުގެ ތިން ތަނަކަށާއި ހަށިގަނޑުގެ އެތަން މިތަނަށް އަނިޔާ ދީފައިވާ އިރު، ގާތްގަނޑަށް 30 ތަނަކަށް އަނިޔާ ދީފައިވާ ކަމަށެވެ. މަހުމޫދަށް ހަމާލާ ދިން ރޭ ތިން ފަހަރެއްގެ މަތިން ޝާ އަލޮމް މިއާ ވަނީ މަހުމޫދަށް ހަމާލާދީފައި ކަމަށާއި އަދި އެރޭ 2 އާއި 3 އާ ދެމެދު ޝާ އަލޮމް މިއާ މަހުމޫދުގެ ހަށިގަނޑު އެއްޗަކަށް ލައިގެން ގޮނޑުމަތީގައި ގެންގޮސްފައި ވާ ތަން ސީސީޓީވީ ފުޓޭޖުން ފެނިފައި ކަމަށް ވެސް ފުލުހުން އޭރު ބުނެފައި ވެއެވެ.

ތަހުގީގަށް މައުލޫމާތު ދެމުން ޝާ އަލޮމް މިއާ ވަނީ އޭނާ މަހުމޫދު މަރާލީ އެކަނި ކަމަށް ބުނެ، އޭނާ ވަނީ އެ ކުށަށް އިއުތިރާފުވެފައެވެ.