ނުފޫޒުތަކުން އެއްކިބާވެ، ފުޓްބޯޅަ އެސޯސިއޭޝަން އެފްއޭއެމާއި ކްލަބްތަކުން، މީޑިއާގެ ފާޑުކިއުންތައް ޒިންމާދާރު ކަމާއެކު ބަލައިގަތުމަށް އެޑިޓާސް ގިލްޑުން ގޮވާލައިފިއެވެ.

މިއަދު އެޑިޓާސް ގިލްޑުން ނެރުނު ބަޔާނެއްގައި ބުނީ، ފުޓްބޯޅަޔަސް، ނުވަތަ ކްލަބްތަކުގެ ވާހަކަ ކަމަށް ވިޔަސް، ނޫނީ އެފްއޭއެމުން ހިންގާ އެކިއެކި ކަންތައްތައް ކަމަށް ވިޔަސް، ނޫސްތަކުން ފަތުރާ ހަބަރުތަކާއި ކިޔާ ފާޑުކިޔުންތަކަކީ ޒިންމާދާރު ކަމާއެކު ކިޔާ ފާޑުކިޔުންތަކެއް ކަމަށެވެ.

ހަމަ އެހެންމެ، ޕްރެޒިޑެންޓްސް ކަޕްގައި ވާދަކުރާ ކްލަބްތަކުގެ ޕްރީ މެޗް ޕްރެސް ކޮންފަރެންސްތަކުގައި "މިހާރު" ނޫހުން ބައިވެރި ވާތީ އެ ނޫސް ބަދުނާމުކޮށް ހަތް ކްލަބަކުން އެ ނޫސް ބޯއިކޮޓް ކުރުމަކީ ޒިންމާދާރުކަން ކުޑަ އަމަލެއްގެ ގޮތުގައި އެޑިޓާސް ގިލްޑުން ވަނީ ސިފަކޮށްފައެވެ.

އަދި އެގޮތަށް އެކަން އެހެން ކުރުމަކުން، ފުޓުބޯޅައިގެ އެކި ހަބަރުތަކާއި އެފްއޭއެމުން ކުރާ ކަންކަން ގެނެސްދިނުން ހުއްޓިގެން ނުދާނެ ކަމަށްވެސް އެޑިޓާސް ގިލްޑުން ވަނީ ފާހަގަ ކޮށްފައެވެ.

މީގެ އިތުރުން، ފުޓްބޯޅައަކީ އެ ކުޅިވަރު ކުޅޭ ކުލަބު ތަކާއި، ފުޓްބޯޅައަށް ތަރުހީބުދޭ ސަޕޯޓަރުންގެ މަސްލަހަތުވެސް ހިމެނޭ ކުޅިވަރެއް ކަމަށް ވާއިރު، އިސްލާހު ކުރާން ޖެހޭ ކަންތައްތަކެއް ހުރި ނަމަ، އެކަންކަން ފާހަގަކޮށް ފާޑުކިޔުމަކީ ފުޓްބޯޅައިގެ ކުރިމަގަށްޓަކައި ބޭނުންތެރި ކަމެއް ކަމަށް އެޑިޓާސް ގިލްޑުން ވަނީ ބުނެފައެވެ.

"މިފަދަ ފާޑުކިޔުންތަކަކީ ބައިނަލްއަގުވާމީ މުޖުތަމައު ބަލައިގެންފައިވާ، ކުޅިވަރު ތަރައްގީކޮށް ކުރިއެރުވުމުގެ އެންމެ މުހިންމު އަސާސްތަކުގެ ތެރޭގައި ހިމެނޭ ބައެއްކަންވެސް ފާހަގަކުރަމެވެ." އެޑިޓާސް ގިލްޑުގެ ބަޔާނުގައި ވެއެވެ.

އަދި ކުލަބްތަކުން "މިހާރު" ނޫސް ބޯއިކޮޓް ކުރުމުގެ މި އަމަލަކީ ނާތަހުޒީބީ އަމަލެއް ކަމަށާއި، މި އަމަލުން ދެވެނީ ނެގަޓިވް މެސެޖެއް ކަމަށް ދެކޭ ކަމަށްވެސް އެޑިޓާސް ގިލްޑުން ބުންޏެވެ.

އެހެންކަމުން ނުފޫޒުތަކުން އެއްކިބާވެ، މީޑިއާތަކުގެ ފާޑުކިޔުން ޒިންމާދާރު ކަމާއެކު ބަލައިގަތުމަށް އެފްއޭއެމަށާއި ކްލަބްތަކަށް އެޑިޓާސް ގިލްޑުން ވަނީ ގޮވާލާފައެވެ.

ޕްރެޒިޑެންޓްސް ކަޕްގައި ވާދަކުރާ ކްލަބްތަކުގެ ޕްރީ މެޗް ޕްރެސް ކޮންފަރެންސްތަކުގައި "މިހާރު" ނޫހުން ބައިވެރިވާތީ، ހަތް ކްލަބަކުން ވަނީ ޕްރެސް ބްރީފިންތައް ބޮއިކޮޓް ކޮށްފައެވެ. އެއާއެކު، އެފްއޭއެމުން ބުނީ މި މައްސަލަ ބަލަމުން ގެންދާނެ ކަމަށެވެ. މި މައްސަލާގައި ގިނަ ބަޔަކު ވަނީ ކްލަބްތަކަށް އަދި އެފްއޭއެމަށް ފާޑު ކިޔައިފައެވެ.