ފައިވާނާއި ފުރަގަސް ފަރާތުގައި ރައްކާ ކޮށްގެން، ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރި ގިނަ އަދަދެއްގެ މަސްތުވާތަކެއްޗާ ހަވާލުވި ދިވެއްސަކު ހައްޔަރު ކޮށްފިއެވެ.

އެ މައްސަލައިގައި ހައްޔަރު ކޮށްފައި ވަނީ އުމުރުން 36 އަހަރުގެ، ބުސްރާ އަނީސް އާއި 41 އަހަރުގެ މުނީޒު އަޒީޒްގެ އިތުރުން 49 އަހަރުގެ މުހައްމަދު ޔަސީންއެވެ. މުނީޒު ވަނީ މީގެ ކުރިން ދެ ފަހަރެއްގެ މަތީން ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރަން މަސައްކަތް ކޮށްފައެވެ.

ތިން މީހުންގެ އަތުން ފެނުނު މަސްތުވާތަކެތީގެ ބަރުދަނުގައި 2445 ގުރާމު ހުރިއިރު، އެ މީހުން މަސްތުވާތަކެތި އެތެރެެކޮށްފައިވަނީ ދިވެއްސަކާ ގުޅިގެން ކަން މިހާތަނަށް ތަހުގީގަށް ވަނީ ހާމަވެފައެވެ.

އެ މަސްތުވާތަކެއްޗާއި ރާއްޖެއިން ހަވާލުވިކަމަށް ތުހުމަތުކޮށް، ފުލުހުން ވަނީ ޏ. ފުވައްމުލަކު، ބީޗްވޭ، އުމުރުން 31 އަހަރުގެ އަބްދުﷲ އާމިރު ހައްޔަރުކޮށްފައެވެ. ފުލުހުން ވަނީ ޕާކިސްތާނު ތިން މީހުންގެ ހައްޔަރަށްފަހު ކުރިއަށްގެންދިޔަ ތަހުގީގުން އެ މަސްތުވާތަކެއްޗާ އާމިރު ހަވާލުވިކަން އެނގޭ ކަމަށް އިއްޔެ ކްރިމިނަލް ކޯޓުގައި ބޭއްވި މުއްދަތު މަޖިލީހުގައި ބުނެފައެވެ.

މީގެ އިތުރުން މި މައްސަލައިގައި ހައްޔަރުކުރި މުނީރު އޭނާއަށް 3000 އެމެރިކާ ޑޮލަރު ދީފައިވާ ކަމަށް ވެސް ފުލުހުން ވަނީ ބުނެފައެވެ.

ހައްޔަރުގައި ތިބި ތިން ބިދޭސީންގެ ބަންދަށް އިތުރު 15 ދުވަސް އިތުރުކޮށްފައިވާއިރު އާމިރުގެ ބަންދަށް ވެސް ކްރިމިނަލް ކޯޓުން ވަނީ 15 ދުވަސް ޖަހާފައެވެ.

މި މައްސަލާގައި ޔަސީންގެ ފައިވާނުން 738 ގުރާމުގެ ހެރޮއިން ފެނިފައި ވާއިރު ފުރަގަސް ފަރާތުން ނެގި ތިން ބުލެޓުން 254 ގުރާމުގެ ހެރޮއިން ވަނީ ފެނިފައެވެ. އަދި ބުސްރާ އަނީސްގެ ފައިވާނާއި ޖަންގިޔާ ތެރެއިން އަތުލި ހެރޮއިންގެ ބަރުދަނުގައި 852 ގުރާމު ހުރިއިރު މުނީޒުގެ ފައިވާނުން ވަނީ 598 ގުރާމުގެ ހެރޮއިން ހޯދައިފައެވެ.