ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހުގެ ދައުވަތަކަށް ބަންގްލަދޭޝްގެ ބޮޑުވަޒީރު ޝައިހް ހަސީނާ ރާއްޖެއަށް ކުރެއްވި ފުރަމާނަ ދަތުރުފުޅުގެ ރަސްމީ ބައި ނިންމަވާލައްވައިފިއެވެ.

މިދިޔަ ބުދަ ދުވަހު ޝައިހް ހަސީނާއާއި ބަންގްލަދޭޝްގެ އިސްވެރިން ހިމެނޭ ވަފްދު ރާއްޖެ ވަޑައިގަންނަވާފައިވާއިރު އެކަމަނާ ވަނީ ރައީސްއާ ބައްދަލުކުރައްވާ ރާއްޖެއާއި ބަންގްލަދޭޝް ސަރުކާރާ ދެމެދުގައި ރަސްމީ ވާހަކަފުޅުތައް ބާއްވާ މަޝްވަރާ ކުރައްވާފައެވެ. އެއަށްފަހު، ދެ ބޭފުޅުންގެ ކުރިފުޅުމަތީގައި ދެގައުމުގެ ދެމެދުގައި 4 އެއްބަސްވުމެއް ވަނީ ބަދަލުކުރައްވާފައެވެ.

ދިވެހިރާއްޖެއާއި ބަންގްލަދޭޝްއާ ދެގައުމުގެ ދެމެދުގައި އިއްޔެ ބަދަލުކުރެވުނު އެއްބަސްވުންތަކަކީ "މެމޮރަންޑަމް އޮފް އަންޑަސްޓެންޑިން އޮން ދަ ރިކްރޫމަންޓް އޮފް ކޮލިފައިޑް ހެލްތް ޕްރޮފެޝަނަލްސް" އާއި، "ރިނިއުވަލް އޮފް މެމޮރަންޑަމް އޮފް އަންޑަސްޓޭންޑިން އިން ދަ އޭރިއާސް އޮފް ހެލްތްކެއާ އެންޑް މެޑިކަލް ސައިންސް" އާއި، "މެމޮރަންޑަމް އޮފް އަންޑަސްޓޭންޑިން އޮން ކޯޕަރޭޝަން އިން ދަ އޭރިއާ އޮފް ޔޫތް އެންޑް ސްޕޯޓްސް ޑިވެލޮޕްމަންޓް" އަދި ދިވެހި ސަރުކާރާއި ބަންގްލަދޭޝް ސަރުކާރާ ދެމެދު ޓެކްސްއަށް މަކަރު ހެދުމުގެ ފުރުސަތު ނައްތާލުމަށާއި، ޑަބަލް ޓެކްސޭޝަން ނައްތާލުމަށް ހެދި އެގްރީމަންޓެވެ. މި އެއްބަސްވުންތަކުގެ އިތުރުން ބަންގްލަދޭޝްއިން ރާއްޖެއަށް ހަދިޔާކުރި އަސްކަރީ އުޅަނދުތަކުގެ ތަޅުދަނޑި ރަމްޒީގޮތުން ހަވާލުކޮށްދެއްވުން ކުރިއަށް ގެންގޮސްފައިވެއެވެ.

އިއްޔެ މެންދުރު ދެ ގައުމުގެ ލީޑަރުން ވަނީ ގުޅިފައިވާ ބަޔާން ދެއްވާ ދެގައުމުގެ ދެމެދުގައި އޮންނަ ޒަމާންވީ ތާރީހީ ގުޅުމާއި އަވަށްޓެރި މި ދެ ގައުމުން ގަބޫލުކުރާ އެއްގޮތް އުސޫލުތަކާއި އާދަކާދަތަކާއި އަދި ހިއްސާކުރާ އެއްގޮތްކަންތައްކުގެ މައްޗަށް އަލިއަޅުވާލައްވައި ވާހަކަ ދައްކަވާފައެވެ.

މީގެ އިތުރުން ބަންގްލަދޭޝްގެ ބޮޑުވަޒީރުގެ އަރިހަށް ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވަނީ އިހްތިރާމްގެ ޒިޔާރަތެއް ކުރައްވާފައެވެ. އަދި، ބަންގްލަދޭޝްގެ ބޮޑުވަޒީރާއި އިސްވެރިންގެ ވަފްދުގެ ޝަރަފުގައި ރައީސް ވަނީ ރޭ ރަސްމީ ޖާފަތެއް ވެސް ބާއްވަވާފައެވެ.