އާންމު ހިއްސާދާރުންގެ ފަރާތުން އުރީދޫގެ ބޯޑަށް އިންތިހާބުކުރާ ޑިރެކްޓަރުގެ މަގާމަށް ކުރިމަތިލުމަށް ފުރުސަތު ހުޅުވާލައިފިއެވެ.

އެ މަގާމަށް ކުރިމަތިލާ މީހަކީ އުރީދޫގެ ހިއްސާދާރަކަށް ވާން ޖެހޭނެއެވެ. ނުވަތަ އުރީދޫގެ ހިއްސާދާރުންގެ ތެރޭގައި ހިމެނޭ ގާނޫނީ ޝަޚްސެއްގެ ފަރާތުން ހުށަހަޅާ މީހަކަށްވާނެ ޖެހޭނެއެވެ.

ހަމަ އެއާއެކު އެމީހަކީ ކުންފުނީގެ ގާނޫނުގެ ދަށުން ހަދާފައިވާ ގަވާއިދުތަކާއި، ސީއެމްޑީއޭއިން އާންމުކޮށްފައިވާ "ކޯޕަރޭޓް ގަވަނަންސް ކޯޑް"ގައި ބަޔާންކޮށްފައިވާ ޝަރުތުތައް ހަމަވާ މީހަކަށް ވާން ޖެހޭނެއެވެ.

މީގެ އިތުރުން، އެމީހަކީ ބޭރު ގައުމުތަކުން ބަލައިގަންނަ ޔުނިވާސިޓީއަކުން ޑިގްރީ ހާސިލްކޮށްފައިވާ މީހެއް ކަމުގައި ވުމާއި، ރާއްޖޭގައި ނުވަތަ ރާއްޖޭން ބޭރުގައި ޕަބްލިކް ނުވަތަ ޕްރައިވެޓް ސެކްޓާގައި އިސް މަގާމެއްގައި މަދުވެގެން ދިހަ އަހަރު ދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވާ މީހަކަށް ވާންޖެހޭނެއެވެ.

އުރީދޫން ބުނީ، އެކުންފުނީގެ ބޯޑުގައި ޖެންޑާ ޑައިވާސިޓީ ހިމެނުމަށް ބާރުއެޅުމުގެ ގޮތުން ބޯޑު ޑިރެކްޓަރު ކަމުގެ މަގާމަށް އަންހެނުން ކުރިމަތިލުމަކީ އެ ކުންފުނިން މަރުހަބާ ކިޔާނެ ކަމެއް ކަމަށެވެ.

އެކުންފުނީގެ ބޯޑު ޑިރެކްޓަރުކަމަށް އެދި ހުށަހަޅާފައިވާ އެޕްލިކޭޝަން ފޯމުތައް، އުރީދޫގެ ނޮމިނޭޝަން އަދި ރެމިއުނަރޭޝަން ކޮމެޓީން ބަލައި، ޝޯޓްލިސްޓު ކުރެވޭ މީހުންގެ ނަންތައް އެ ކޮމެޓީން ޑިރެކްޓަރުންގެ ބޯޑަށް ހުށަހަޅާނެއެވެ. އަދި އަންނަ މާޗު މަހު ބޭއްވުމަށް ހަމަޖެހިފައިވާ އަހަރީ އާންމު ޖަލްސާގެ ނޯޓިހާއި އެޖެންޑާއާއެކު، އާންމު ހިއްސާދާރުންގެ ފަރާތުން ބޯޑު ޑިރެކްޓަރެއްގެ ގޮތުގައި ބޯޑަށް އިންތިހާބުކުރަން ޝަރުތު ހަމަވާ މީހުންގެ މައުލޫމާތު ހިއްސާދާރުންނަށް އާންމުކޮށް އަންގައި އަންނަ ފެބްރުއަރީގައި އިއުލާނު ކުރާނެއެވެ.

އުރީދޫގެ އާންމު ހިއްސާދާރުގެ ގޮތުގައި ހޮވާ މީހުން ދެ އަހަރު ވަންދެން އެ މަގާމު އަދާކުރަން ޖެހެއެވެ.

މި މަގާމަށް ފޯމް ހުށަހެޅުމުގެ ސުންގަޑިއަކީ އަންނަ މަހުގެ 19 ވަނަ ދުވަހެވެ.