ފަނޑިޔާރުންގެ ސުލޫކީ މިންގަނޑުތަކާ އދ. މަހިބަދޫގެ އިސްމެޖިސްޓްރޭޓް މުުހައްމަދު އާމިރު ހިލާފުވެފައިވާ ކަމަށް ސާބިތުވުމުން، ޖުޑީޝަލް ސާވިސަސް ކޮމިޝަނުން ކަނޑައަޅާ ތަމްރީން ޕްރޮގްރާމެއް ފުރިހަމަކުރަން އޭނާއަށް އަންގައިފިއެވެ.

މިއަދު ޖޭއެސްސީން ނެރުނު ބަޔާނުގައި ބުނީ، މަހިބަދޫގެ އިސްމެޖިސްޓްރޭޓް އާމިރު، މަހިބަދޫގެ ކޯޓަށް ހުށަހެޅުނު މައްސަލައެއްގައި ދައުވާ ލިބޭ ފަރާތް ޝަރީއަތް ނިމެންދެން ބަންދުކުރުމަށް އަމުރު ނެރެފައިވަނީ، އެދުވަހު ހުކުމްކޮށް ދައުވާ އަނބުރާ ފޮނުވާލުމުގެ ނިޔަތުގައި ކަމަށެވެ.

ނަމަވެސް، އެ މައްސަލަ އަނބުރާ ގެންދިއުމަށް ޕީޖީ އޮފީހުން އެދިފައިނުވަނީސް، އަދި ދައުވާލިބޭ ލިބޭ ފަރާތް ޝަރީއަތަށް ހާޒިރު ކޮށްދެވެން ނެތް ކަމަށް ކަރެކްޝަންސް އިންވެސް އަންގާފައި ނުވަނީސް، ޖިނާއީ އިޖުރާއަތުގެ ގާނޫނުގައި ކަނޑައަޅާފައިވާ އިޖުރާއަތްތަކާ އެއްގޮތަށް އެ ގަޒިއްޔާގެ ޝަރީއަތް ހިންގުމަށް މަސައްކަތް ކުރުމުގެ ބަދަލުގައި އަމަލުކޮށްފައި ވަނީ އެ އިޖުރާއަތްތަކާ ހިލާފަށް ކަމަށް ޖޭއެސްސީން ބުންޏެވެ.

އެގޮތުން، އާމިރު ހުކުމްކޮށްފައި ވަނީ، ކުރިން ކުރެވިފައިވާ ތަޖުރިބާތަކެއްގެ ސަބަބުން ވަކި ހާލަތެއް މެދުވެރިވެދާނެ ކަމަށް ކުރެވުނު ލަފައެއްގެ މައްޗަށް ބުރަވެ ހުރެ ކަމަށާއި ޝަރީއަތަށް ހުށަހެޅިފައި ނުވާ ކަންތައްތަކެއްގެ މައްޗަށް ބިނާކޮށް ކަމަށް އެކޮމިޝަނުން ބުންޏެވެ.

އެހެންކަމުން، ޖޭއެސްސީން ކުރި ތަހުގީގަށް މިކަން ސާބިތުވެފައި ވާތީވެ، އާމިރުގެ މި އަމަލަކީ ފަނޑިޔާރުންގެ ގާނޫނާއި ފަނޑިޔާރުންގެ ސުލޫކީ މިންގަނޑުތަކާ ހިލާފަށް ކޮށްފައިވާ އަމަލެއް ކަމަށް ޖޭއެސްސީން ވަނީ ނިންމާފައެވެ. އެއާއެކު އެ ކޮމިޝަނުން ވަނީ، އާމިރަށް ނަސޭހަތް ދިނުމާއެކު، އެ ކޮމިޝަނުން ކަނޑައަޅާ ތަމްރީނު ޕްރޮގްރާމެއް ފުރިހަމަ ކުރުމަށް އާމިރަށް އަންގަން ނިންމާފައެވެ.