މިއަދު ސޮއި ކުރެވުނު ޑަބްލް ޓެކްސް އުވާލުމުގެ އެއްބަސްވުމުގެ ސަބަބުން ރާއްޖެ އަށް ބަންގްލަދޭޝް އިން އެތެރެ ކުރާ މުދަލުގެ އަގު ވަރަށް ބޮޑަށް ހެޔޮ ވެގެން ދާނެ ކަމަށް ބަންގްލަދޭޝްގެ ބޮޑުވަޒީރު ޝައިހް ހަސީނާ ވިދާޅުވެއްޖެއެވެ.
ޝައިހް ހަސީނާ މިހެން ވިދާޅުވީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއެކު މިއަދު ބޭއްވެވި ރަސްމީ މަޝްވަރާތަކަށް ފަހު ވާހަކަފުޅު ދައްކަވަމުންނެވެ.
މިއަދު ރާއްޖެއާއި ބަންގްލަދޭޝްއާ ދެމެދު ވަނީ 4 އެއްބަސްވުމެއްގައި ސޮއިކޮށްފައެވެ. އެގޮތުން ސިއްހީ ދާއިރާ އިން ގުޅުން ބަދަހިކުރުމާ ގުޅޭ އެއްބަސްވުމާއި ޒުވާނުންނާއި ކުޅިވަރުގެ ދާއިރާ ކުރިއެރުވުމާ ގުޅޭ އެމްއޯޔޫއެއް އަދި އެއް ގައުމުން އަނެއް ގައުމަށް އެތެރެކުރާ މުދަލުން ދެ ފަހަރު ޓެކްސް ނެގުން ނުވަތަ ޑަބަލް ޓެކްސޭޝަން އުވާލުމާ ގުޅޭ އެއްބަސްވުމެއްގެ އިތުރުން ދިވެހި އަސްކަރީޔާއަށް 13 އުޅަނދު ހަދިޔާކުރުމުގެ އެއްބަސްވުމެއްގައި ވަނީ ސޮއިކޮށްފައެވެ.
ޝައިހް ހަސީނާ ވިދާޅުވީ ބަންގްލަދޭޝްގެ ގައުމީ އެއާލައިނުން ވެސް ރާއްޖެ އަށް ދަތުރު ކުރުމަށް ވިސްނަމުންދާ ކަމަށާއި އަދި ދެގައުމުގެ ދެމެދުގައި ޝިޕިންލައިން ދަތުރުތައް ފެށުމަށް ހުރި ފުރުސަތުތަކާއި ގުޅޭ ގޮތުން ވެސް ބަންގްލަދޭޝް އިން ބަލަން ޖެހޭ ކަންކަން ބަލަމުންދާ ކަމަށެވެ.
މިއަދު ރައީސް ސޯލިހުގެ ވާހަކަފުޅުގައި ވަނީ ރާއްޖެ އާއި ބަންގްލަދޭޝްގެ ޒަމަންވީ ގުޅުން އިތުރަށް ވަރުގަދަވެއްޖެ ކަމަށާއި އަދި މިހާރު ދެގައުމުގެ ގުޅުން ވަރުގަދަ ވެފައި އޮތް މިންވަރަށް ބަލާއިރު ކުރިއަށް އޮތީ އުއްމީދީ ދުވަސްތަކެއް ކަމަށް ވިދާޅުވެފައެވެ.
ރައީސް ސޯލިހު ވިދާޅުވީ މިއަދު ބަންގްލަދޭޝް އާއިއެކު ސޮއި ކުރެވުނު ސިއްހީ ދާއިރާގެ އެއްބަސްވުމުގެ ސަބަބުން ރާއްޖޭގެ ސިއްހީ ދާއިރާއަށް ފަންނީ މަސައްކަތްތެރިން ހޯދުމުގައި އިތުރު ފަސޭހަތަކެއް ލިބިގެންދާނެ ކަމަށާއި މަތީ ތައުލީމާއި ވޮކޭޝަނަލް ޓްރޭނިންތައް ދިވެހިންނަށް ބަންގްލަދޭޝްގައި ފަހިވެގެން ދާނެ އެއްބަސްވުމެއްގައި ވެސް މިއަދު ސޮއި ކުރެވިގެން ދިޔަ ކަމަށެވެ.
މީގެ އިތުރުން ރައީސް ވިދާޅުވީ ކުރިއަށް އޮތް އދ ގެ އިންސާނީ ހައްގުތަކާއި ބެހޭ ކައުންސިލްގެ މެންބަރު ކަމުގެ އިންތިހާބުގައި ދެގައުމު ގުޅިގެން މަސައްކަތް ކުރުމަށް ވެސް މިއަދު މަޝްވަރާ ކުރެވުނު ކަމަށެވެ.
ޝައިހު ހަސީނާ ރާއްޖެ ވަޑައިގަތީ އިއްޔެ ހަވީރެވެ. މިއަދާއި މާދަމާ ދަތުރުފުޅާ ގުޅޭ ރަސްމީ ބައި ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާއިރު ހަސީނާ ރާއްޖެއިން ފުރާވަޑައިގަންނަވާނީ 6 ދުވަހުގެ ޗުއްޓީއަކަށް ފަހުގައެވެ.
ދިވެހި ދައުލަތުގެ އިސްވެރިންނާ ޝައިހް ހަސީނާ މިއަދު ބައްދަލުކުރެއްވުމަށް ވެސް ހަމަޖެހިފައިވެއެވެ. އެގޮތުން އުއްތަމަ ފަނޑިޔާރު މުއުތަސިމް އަދުނާނާއި ނައިބު ރައީސް ފައިސަލް ނަސީމާއި ފޮރިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަހްމަދު ހަލީލްއާ ބައްދަލު ކުރައްވާނެއެވެ.
މީގެ އިތުރުން ހަސީނާ ރައްޔިތުންގެ މަޖިލީހުގައި ތަގުރީރު ކުރެއްވުމަށް ވެސް ވަނީ ހަމަޖެހިފައެވެ.