އަސްކަރީ އުޅަނދުގެ އެއްބަސްވުމާއެކު، 4 އެއްބަސްވުމެއްގައި ބަންގްލަދޭޝްއާއެކު ރާއްޖެއިން ސޮއިކޮށްފިއެވެ.

އެއްބަސްވުންތަކުގައި ސޮއިކުރެއްވީ ބަންގްލަދޭޝްގެ ބޮޑުވަޒީރު ޝައިހް ހަސީނާގެ ހާޒިރުގައި މިއަދު ރައީސް އޮފީހުގައި ބޭއްވި ރަސްމިއްޔާތެއްގައެވެ. ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހް ވެސް ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގެންފައިވެއެވެ.

އެއްބަސްވުންތަކުގައި ސޮއި ކުރުމަށްފަހު ރައީސް ސޯލިހާއި ޝައިހް ހަސީނާ ވަނީ ގުޅިފައިވާ ބަޔާނެއް ދެއްވާފައެވެ. ބަޔާނުގައި ރައީސް ވިދާޅުވީ އެ އެއްބަސްވުންތަކުގެ ސަބަބުން އެކި ދާއިރާތަކުން ރާއްޖެ އަށް ރަނގަޅު ފައިދާތަކެއް ލިބޭނެ ކަމަށެވެ. ރައީސް ވަނީ ބަންގްލަދޭޝް އިން ރާއްޖެއަށް ފޯރުކޮށްދޭ އެހީތެރިކަން ވަކިން ހާއްސަކޮށް ކޮވިޑްގެ ދުވަސްވަރު ފޯރުކޮށްދިން އެހީތެރިކަން ފާހަގަކޮށް ޝައިހް ހަސީނާ އަށާއި ބަންގްލަދޭޝް ރައްޔިތުންނަށް ޝުކުރު އަދާކުރައްވާފައެވެ.

މިއަދު ސޮއިކުރި އެއްބަސްވުންތައް:

  • ސިއްހީ ދާއިރާ އިން ގުޅުން ބަދަހިކުރުމާ ގުޅޭ އެއްބަސްވުމެއް
  • ޒުވާނުންނާއި ކުޅިވަރުގެ ދާއިރާ ކުރިއެރުވުމާ ގުޅޭ އެމްއޯޔޫއެއް
  • އެއް ގައުމުން އަނެއް ގައުމަށް އެތެރެކުރާ މުދަލުން ދެ ފަހަރު ޓެކްސް ނެގުން ނުވަތަ ޑަބަލް ޓެކްސޭޝަން އުވާލުމާ ގުޅޭ އެއްބަސްވުމެއް
  • ދިވެހި އަސްކަރީޔާއަށް 13 އުޅަނދު ހަދިޔާކުރުމުގެ އެއްބަސްވުމެއް

މި އުޅަނދުތައް ބޭނުންކުރަން ހަމަޖެހިފައިވަނީ އަސްކަރިއްޔާގެ ބޭނުންތަކަށެވެ.

ދިވެހި ދައުލަތުގެ އިސްވެރިންނާ ޝައިހް ހަސީނާ މިއަދު ބައްދަލުކުރެއްވުމަށް ވެސް ހަމަޖެހިފައިވެއެވެ. އެގޮތުން އުއްތަމަ ފަނޑިޔާރު މުއުތަސިމް އަދުނާނާއި ނައިބު ރައީސް ފައިސަލް ނަސީމާއި ފޮރިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަހްމަދު ހަލީލްއާ ބައްދަލު ކުރައްވާނެއެވެ.

މީގެ އިތުރުން ހަސީނާ ރައްޔިތުންގެ މަޖިލީހުގައި ތަގުރީރު ކުރެއްވުމަށް ވެސް ވަނީ ހަމަޖެހިފައެވެ.