އިޒްރޭލުން ކޮވިޑް-19އިން ދިފާއުވުމަށް ހަތަރުވަނަ ޑޯޒެއް ދިނުމަށް ތައްޔާރު ވެއްޖެއެވެ.

މިކަން ހާމަކުރައްވާ އެގައުމުގެ ބޮޑުވަޒީރު ބެނެޓް ވިދާޅުވީ އެގައުމުގެ ހެލްތް މިނިސްޓްރީގެ ބޯޑަކުން އެގައުމުގެ ރައްޔިތުންނަށް ހަތަރުވަނަ ޑޯޒެއް ދިނުމަށް ލަފާދީފައިވާ ކަމަށެވެ. އޭނާ ވިދާޅުވެފައި ވަނީ އެންމެ ފުރަތަމަ ހަތަރުވަނަ ޑޯޒު ދިނުމަށް ނިންމީ ފްރަންޓްލައިންގައި މަސައްކަތް ކުރާ މީހުންނާއި އުމުރުން ދުވަސްވީ މިހުންނަށް ކަމަށެވެ.

ނަމަވެސް މިހާރު، ވެކްސިން ޖެހޭ އުމުރުގެ ހުރިހާ މީހުންނަށް މި ޑޯޒް ޖަހަން ފުރުސަތު ލިބިގެންދާނެ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ. އިތުރަށް ވާހަކަ ދައްކަވަމުން އޭނާ ވިދާޅުވެފައި ވަނީ މިއީ އުފާވެރި ހަބަރެއް ކަމަށާ މިއާއެކު މިހާރު ހަލުވިކަމާއެކު ފެތުރެމުންދާ ކޮވިޑްގެ ވޭރިއަންޓް، އޮމިކްރޯންއިން ދިފާއުވުމަށް އިތުރު ބާރަކަށް ވާނެ ކަމަށެވެ.

އިޒްރޭލުން އޮމިކްރޯންއާ ގުޅޭ ތަފާތު ދިރާސާތައް ކުރަމުން ދާއިރު އެގައުމުން ވަނީ ފައިޒާ އަދި ބަޔޯއެންޓެކުން ގުޅިގެން އުފައްދާފައިވާ ވެކްސިނުން އެ ވޭރިއަންޓަށް އަސަރު ކުރާ މިންވަރު ދެނެގަތުމަށް ދިރާސާތައް ވެސް ކުރިއަށް ގެންގޮސްފައެވެ.

އެގައުމުގެ އާބާދީގެ 63.5 އިންސައްތަ މީހުން ވެކްސިން ފުރިހަމަ ކޮށްފައި ވާއިރު ކާމިޔާބު ކަމާއެކު އެގައުމުން ހަތަރުވަނަ ޑޯޒު ދީފިނަމަ އެގައުމު ވެގެން ދާނީ މުޅި ދުނިޔެއިންވެސް ވެކްސިންގެ ހަތަރުވަނަ ޑޯޒް ދޭ ފުރަތަމަ ގައުމަށެވެ.