އޮމިކްރޮން ހަލުވިކަމާއެކު ފެތުރެމުން ދާތީ، ވެކްސިން ފުރިހަމަކުރި މީހުންނަށް ކަރަންޓީނުނުވެ ދަތުރުކުރެވޭ ގޮތަށް ހަދާފައިވާ ޓްރެވަލް ލޭން މެދުވެރިކޮށް ރާއްޖެއަށް ޓިކެޓު ވިއްކުން ސިންގަޕޫރުން ވަގުތީގޮތުން މެދު ކަނޑާލައިފިއެވެ.

ފޮރިން މިނިސްޓްރީން އެކަމާ ގުޅިގެން ނެރުނު ބަޔާނުގައި ބުނީ، ޓްރެވަލް ލޭންގެ ދަށުން ސިންގަޕޫރުން ޓިކެޓު ވިއްކުން މާދަމާއިން ފެށިގެން އަންނަ މަހުގެ 20 ގެ ނިޔަލަށް ހުއްޓާލާނެ ކަން އެގައުމުގެ ސަރުކާރުން ނިންމާފައިވާ ކަމަށާއި، އެކަން ވަނީ މިހާރު ސަރުކާރާ ހިއްސާކޮށްފައި ކަމަށެވެ.

ހަމަ އެއާއެކު، އެ މުއްދަތުގެ ފަހުން ވިއްކާ ޓިކެޓުތައް 50 ޕަސެންޓު މަދުކުރަން ސިންގަޕޫރުގެ ސަރުކާރުން ނިންމާފައިވާ ކަމަށް ފޮރިން މިނިސްޓްރީން ބުންޏެވެ.

އެހެންކަމުން، މިހާރު ޓިކެޓު ނަގާފައިވާ މީހުންނާއި ސިންގަޕޫރަށް ދާން ނިންމާފައިވާ މީހުން މި ފިޔަވަޅުތަކަށް ސަމާލުވުމަށް ފޮރިން މިނިސްޓްރީން ވަނީ އެދިފައެވެ.

ސިންގަޕޫރުގެ ސަރުކާރުން މިގޮތަށް ފިޔަވަޅު އަޅާފައިވަނީ އޮމިކްރޮންގެ ސަބަބުން ގިނަ ގައުމުތަކަކުން ދަތުރުފަތުރުގެ އުސޫލުތައް މުރާޖައާކުރަމުންދާ ދަނޑިވަޅެއްގައެވެ. އޮމިކްރޮން ހަލުވިކަމާއެކު ފެތުރެމުންދާއިރު، ވިލާތުގެ ގައުމުތަކުގައިވެސް އޮމިކްރޮން ދަނީ ހަލުވިކަމާއެކު ފެތުރެމުންނެވެ.