އަލްމަދްރަސަތުލް އަރަބިއްޔަތުލް އިސްލާމިއްޔާ (އަރަބިއްޔާ ސްކޫލް) ސުކޫލު ވަގުތީ ގޮތުން، ފޮރިން މިނިސްޓްރީ ހިންގި އިމާރާތަށް ބަދަލުކުރަން ނިންމައިފިއެވެ.
އަރަބިއްޔާގެ ދަރިވަރުން ވަގުތީގޮތުން ފޮރިން މިނިސްޓްރީ ހިންގި ވަގުތީ އިމާރާތަށް ބަދަލުކުރަން ނިންމާފައިވާއިރު އެޑިއުކޭޝަން މިނިސްޓްރީން މިހާރު އަންނަނީ މި އިމާރާތް ކުދިންނަށް ކިޔައިވޭން އެކަށީގެންވާގިތަށް ބައެއް ބަދަލު ގެނެސް ކްލާސްރޫމްތައް ހެދުމަށް މަސައްކަތް ކުރަމުން ކަމަށް މައުލޫމާތު ލިބެއެވެ،
މިއީ އަރަބިއްޔާގެ ދާއިމީ އިމާރާތެއް ހަދަން މިހާރު ސަރުކާރުން ހަމަޖައްސަވާފައިވާ ބާޖަމާލުއްދީން ސްކޫލުގެ ބިމުގައި އަރަބިއްޔާ އިމާރާތް ކުރެވެންދެން ހަމަޖެއްސި ވަގުތީ ހައްލެއްކަމަށް މައުލޫމާތު ލިބެއެވެ.
މީގެ އަށް އަހަރު ކުރިން ބޭނުން ކުރަން ފެށި އަރަބިއްޔާގެ އިމާރާތް ހަލާކުވުމުގެ ސަބަބުން، އެޑިއުކޭޝަން މިނިސްޓްރީން ނިންމާފައި ވަނީ އެ ސްކޫލްގެ ދަރިވަރުންގެ ކިޔެވުން ވަގުތީގޮތުން އިއްޒުއްދީން ސްކޫލަށް ބަދަލުކުރުމަށެވެ.
ނަމަވެސް، އެ މައްސަލާގައި ބެލެނިވެރިން ވަނީ ކަންބޮޑުވުން ފާޅުކޮށް، އެޑިއުކޭޝަން މިނިސްޓްރީން ނިންމި ނިންމުން ބަދަލުކޮށްދިނުމަށް އެދިފައެވެ. އަދި އެ މައްސަލާގައި ހުރި ކަންބޮޑުވުންތައް ބަޔާންކޮށް، ރައީސް އިބްރާހީމް މުހައްމަދު ސޯލިހަށް ސިޓީއެއްވެސް ފޮނުވާފައި ވެއެވެ.
އެ މައްސަލާގައި ބެލެނިވެރިން މިދިޔަ ހޮނިހިރު ދުވަހުގެރޭ ނައިބު ރައީސް ފައިސަލް ނަސީމާ ބައްދަލުކުރިއިރު، އިއްޔެގެ ވަގުތެއްގައި އެޑިއުކޭޝަން މިނިސްޓަރު ޑރ. އައިޝަތު އަލީ އާ ބައްދަލުކޮށް ބެލެނިވެރިން ވަނީ ހުރި ކަންބޮޑުވުންތައް ހިއްސާކޮށްފައެވެ. ބެލެނިވެރިންނާ ބައްދަލުކުރައްވައި މިނިސްޓަރު ވިދާޅުވީ، އަރަބިއްޔާ ހިންގާ އިމާރާތުގެ ޖާގައިގެ މައްސަލަ ހައްލުކުރުމަށްޓަކައި މިނިސްޓްރީން މަސައްކަތް ކުރަމުންދާ ކަމަށެވެ.
މި މައްސަލާގައި އަރަބިއްޔާގެ ޕީޓީއޭއިން ރައީސާ ވެސް ބައްދަލުކޮށްފައި ވެއެވެ. އަދި މި މައްސަލައިގައި އެ ސްކޫލްގެ ބެލެނިވެރިން ވަނީ "ސޭވް އަރަބިއްޔާ"ގެ ނަމުގައި މުޒާހަރާވެސް ކޮށްފައެވެ.
މިހާރު އަރަބިއްޔާ ހިންގާ އިމާރާތަށް ދަރިވަރުން ބަދަލުވީ ޖެނުއަރީ، 2013 ގަ އެވެ. އެކަމަކު އިމާރާތަށް މާގިނަ ދުވަސްތަކެއް ނުވެ އެތަނުގެ ތަނބުތަަކުގައި ރެނދުލާފައި ހުރިއިރު އެޑިއުކޭޝަން މިނިސްޓްރީގެ ވިސްނުން ހުރީ ދިގު މުއްދަތަކަށް އެ އިމާރާތް ބޭނުން ކުރެވޭނެ ގޮތަށް މަރާމާތު ކުރާށެވެ. އަދި އެކަމަށް ބޭނުންވާ ސްޓްރަކްޗަރަލް އެސެސްމަންޓުގެ އަމަލީ މަސައްކަތް މިހާރު ވަނީ އެ މިނިސްޓްރީން ފަށާފައެވެ.