"ނޭޝަނަލް ވަން ސްޓޮޕް ސާވިސް" ގެ ހިދުމަތް ގާއިމު ކުރަން ވަޒީރުންގެ މަޖިލީހުން ނިންމަވައިފިއެވެ.

މި ހިދުމަތަކީ ސަރުކާރުގެ އެކި އިދާރާތަކުން ވިޔަފާރިތަކާއި، އާއްމު ރައްޔިތުންނަށް ފޯރުކޮށްދޭ ހިދުމަތްތައް، އެއް ފުރާޅެއްގެ ދަށުން ފޯރުކޮށް ދިނުމަށް ގާއިމު ކުރުމަށް ހަމަޖެހިފައިވާ ހިދުމަތެކެވެ.

ނޭޝަނަލް ވަން ސްޓޮޕް ސާވިސް ގާއިމް ކުރަން ނިންމެވީ އިއްޔެ އޮތް ވަޒީރުންގެ މަޖިލީހުގެ ބައްދަލުވުމުގައިއެވެ.

ރައީސް އޮފީހުން ބުނީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މި ގޮތަށް ނިންމަވާފައި ވަނީ މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓުން ހުށަހެޅި ކަރުދާހަކަށް ވަޒީރުން މަޝްވަރާ ކުރެއްވުމަށް ފަހު ކަމަށެވެ.

މީގެ ކުރީގެ ސަރުކާރުތަކުން ވެސް ވަނީ އެއް ފުރާޅެއްގެ ދަށުން ސަރުކާރުން ފޯރުކޮށްދޭ ހިދުމަތްތައް ލިބޭ ގޮތް ހެދުމަށް މަސައްކަތް ކޮށްފައެވެ. ނަމަވެސް އެކަން ހަމަޖެއްސިފައެއް ނުވެއެވެ.