ގައުމެއް ތަރައްގީވެ ކުރިއަރައި ދިއުމުގައި ދަރިވަރުންނަށް ދެވޭ ތައުލީމާއެކު އެކުދިން ތަރުބިއްޔަތުކޮށް، ތަމްރީނު ދީ މުޖުތަމައަށް ލޯހުޅުވޭ ބަޔަކަށް އެ ކުދިން ހަދައިދިނުމަކީ ވަރަށް މުހިންމު ކަމެއް ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.

ރައީސް މިހެން ވިދާޅުވީ އީޕީއެސް ފައުންޑޭޝަނުން އިންތިޒާމުކޮށްގެން ރޭ ބޭއްވި "ހިދުމަތުގެ ހަވީރު 2021" ހަފްލާ ޝަރަފުވެރިކޮށްދެއްވާ ވާހަކަފުޅު ދައްކަވަމުންނެވެ.

މި ހަފްލާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވަނީ އީޕީއެސް ސްކޫލް ފެށިގެން އައި ގޮތާއި އެ ސްކޫލުގައި ތައުލީމު ދިނުމުގެ ކަންކަން ކުރިޔަށްދިޔަގޮތާއި އަދި އެ ސްކޫލުގައި އެމަނިކުފާނު ކިޔަވާ ވިދާޅުވާން އުޅުއްވި ދުވަސްވަރުގެ ހަނދާން އައުކުރައްވާ އެކަންކަމުގެ މައްޗަށް ވެސް އަލިއަޅުވާލައްވާ ވާހަކަފުޅު ދައްކަވާފައެވެ.

މީގެ އިތުރުން 1960ގެ އަހަރުތަކުގެ ތެރޭގައި ރާއްޖޭގައި ތައުލީމު ފެތުރިގެން ދިޔަގޮތުގެ މައްޗަށް އަލިއަޅުވާލައްވައި ވާހަކަފުޅު ދައްކަވަމުން އެދުވަސްވަރު ރާއްޖެގައި ތިބެ އިނގިރޭސި މީޑިއަމްއަށް ކިޔެވުމުގެ ފުރުސަތު ފަހިވެގެންދިއުން އެއީ އޭގެ ފައިދާ އެތައް ރައްޔިތުންނަށް ލިބިގެންދިޔަ ރަނގަޅު ބަދަލެއް ކަމުގައި ވިދާޅުވިއެވެ.

ހަމަ އެހެންމެ އީޕީއެސް ސްކޫލް ހުޅުވިގެން ދިއުމަކީ އެ ދުވަސްވަރު ތައުލީމު ހާސިލުކުރުމަށް ހާއްސަކޮށް ރަށްރަށުން އައި ދަރިވަރުންނަށް ފަހިވި ވަރަށް ރަނގަޅު ފުރުސަތެއްކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

ރައީސް އޮފީހުން ބުނީ މިހަފްލާގައި ރައީސް ވަނީ އީޕީއެސްއަށް ހިދުމަތްކުރެއްވިފަރާތްތަކުގެ ހިދުމަތުގެ އަގު ވަޒަންކުރުމުގެ ގޮތުން ދޭ ހަނދާނީ ފިލާ އެފަރާތްތަކާ ހަވާލުކޮށްދެއްވާފައި ކަމަށެވެ.

މި ހަފްލާގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިސަލް ނަސީމު ބައިވެރިވެ ވަޑައިގެންނެވިއިރު އީޕީއެސްގެ 50 އަހަރުގެ ރަން ތާރީހުގެ ދިރާސާ ލޯންޗުކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާގެ ނައިބެވެ.

އީޕީއެސް ސްކޫލް އުފެދުމަށްފަހު ފާއިތުވި 50 އަހަރަށްވުރެ ދިގު މާޒީގައި އެ ސްކޫލުން ހަތާވީސް ހާހެއްހާ ދަރިވަރުން ތައުލީމު ހާސިލުކޮށްފައިވާ ކަމަށް ރައީސް އޮފީހުން ބުނެއެވެ.