ކޮވިޑް-19އާ ދެކޮޅަށް މޮޑާނާއިން އުފައްދާފައިވާ ވެކްސިނުގެ ބޫސްޓާ ޑޯޒުން މިހާރު ފެތުރެމުންދާ ވައިރަހުގެ އާ ވޭރިއަންޓް އޮމިކްރޯނުން ދިފާއުކޮށްދޭ މިންވަރު ހުރީ މަތީގައި ކަމަށް މޮޑާނާގެ ޗީފް މެޑިކަލް އޮފިސަރު ޑޮކްޓަރު ޕައުލް ބޯޓަން ވިދާޅުވެއްޖެއެވެ.

ހަލުވިކަމާއެކު ފެތުރެމުންދާ އޮމިކްރޯން ކޮންޓްރޯލު ކުރުމަށް ގައުމުތަކުން މަސައްކަތް ކުރަމުންދާއިރު މިކަމާ ގުޅިގެން ޑރ. ޕައުލް ވިދާޅުވީ ބަންދު ދުވަސްތަކާ ދިމާކޮށް، މި ވޭރިއަންޓް ފެތުރުން ކޮންޓްރޯލު ކުރެވިގެންދާނެ ކަމަށް ލަފާކުރެވޭ ކަމަށެވެ.

މިކަން ދިރާސާ ކުރުމަށް ފަހު މޮޑާނާއިން ބުނެފައި ވަނީ ވެކްސިންގެ ދެ ޑޯޒު ފުރިހަމަ ކުރުމުން މި ވޭރިއަންޓުން ދިފާއުވުމަށް ހަށިގަނޑު މަސައްކަތް ކޮށްދޭ މިންވަރު ދަށް ނަމަވެސް ބޫސްޓާ ޑޯޒު ޖަހާ މީހުންގެ ހަށިގަނޑުން ވޭރިއަންޓުން ދިފާއުވުމަށް އެންޓިބޮޑީސް އުފައްދައިދޭ މިންވަރު 37 ގުނަ އިތުރު ކަން ފާހަގަ ކުރެވިފައިވާ ކަމަށެވެ.

މިހާރު ބޭނުން ކުރަމުން ދަނީ 50 މައިކްރޯ ގްރާމްގެ ބޫސްޓާ ޑޯޒަކަށް ވާއިރު 100 މައިކްރޯ ގްރާމްގެ ބޫސްޓާ ޑޯޒު ޖަހައިފިނަމަ 80 ގުނަ އިތުރަށް ހަށިގަނޑުން މި މާއްދާ އުފައްދައިދޭ ކަމަށް ވެސް މޮޑާނާއިން ބުނެއެވެ.

މޮޑާނާގެ އިތުރުން ކޮވިޑް-19 އިން ދިފާއުވުމަށް ފައިޒާ އަދި ބަޔޯއެންޓެކް ގުޅިގެން އުފައްދާފައިވާ ވެކްސިނުގެ ތިން ޑޯޒް ޖެހުމުން މިހާރު ފެތުރެމުން ދާ ކޮވިޑްގެ އާ ވޭރިއަންޓު، އޮމިކްރޯން އިން ވަރަށް ރަނގަޅަށް ދިފާއު ކޮށްދޭކަން ހާމަވެފައިވާ ކަމަށް އިޒްރޭލުން ބުނެއެވެ.

ޝެބާ މެޑިކަލް ސެންޓަރާއި އިޒްރޭލުގެ ހެލްތު މިނިސްޓްރީގެ ސެންޓްރަލް ވިރޮލޮޖީ ލެބޯޓްރީން ގުޅިގެން ކުރިއަށް ގެންގޮސްފައިވާ ދިރާސާގެ ނަތީޖާ ވަނީ ފައިޒާ އަދި ބަޔޯއެންޓެކްގެ ހޯދުންތަކާ ވެސް އެއްގޮތް ވެފައެވެ. ވެކްސިން އުފެއްދި ފަރާތުން ވެސް ބުނެފައި ވަނީ މި ވެކްސިނުގެ ބޫސްޓާ ޑޯޒް ނުވަތަ ތިން ވަނަ ޑޯޒް ޖެހުމުން މި ވޭރިއަންޓުން ވަރަށް ރަނގަޅަށް ދިފާއު ކޮށްދޭ ކަމަށެވެ.

އޮމިކްރޯނުން ދިފާއުވުމަށް ވެކްސިން އުފައްދާ ކުންފުނިތަކުން އިތުރު ވެކްސިނެއް އުފެއްދުމުގެ މަސައްކަތް ވެސް ދަނީ ކުރަމުންނެވެ.