މަސްތުވާތަކެތީގެ ވަބާގައި ޖެހިފައިވާ ފަރާތްތަކަށް ފަރުވާ ދިނުމުގެ ހިދުމަތްތައް ފޯރުކޮށްދެމުން ދަނީ އެއްވެސް އަގެއް ނުނަގާ ކަމަށް އެންޑީއޭއިން ބުނެފިއެވެ.

މިއަދު ނެރުނު ނޫސްބަޔާނެއްގައި އެންޑީއޭއިން ބުނީ، މަސްތުވާތަކެއްޗާ ބެހޭ ގާނޫނުގެ ދަށުން އެ އޭޖެންސީއާ ހަވާލުކުރެވިފައިވާ ޒިންމާތަކުގެ ތެރެއިން މަސްތުވާތަކެތި ބޭނުންކުރުމުގެ މައްސަލަ ހުންނަ ފަރާތްތަކަށް ފަރުވާދީ، އަލުން މުޖުތަމައަށް ނެރުމުގެ ގޮތުން އެ އޭޖެންސީން ފޯރުކޮށްދޭ ހިދުމަތްތަކަކީ ހިލޭ ފޯރުކޮށްދެވޭ ހިދުމަތްތަކެއް ކަމަށެވެ.

އެންޑީއޭއިން މިހެން ބުނީ، އެ އޭޖެންސީން ފޯރުކޮށްދޭ ހިދުމަތްތަކުގެ ތެރޭގައި ހިމެނޭ ޑޮކްޓަރަށް ދެއްކުމާއި ބޭސް ފޯރުކޮށްދިނުން ފަދަ ބައެއް ހިދުމަތްތަކަކީ އަގު ނަގައިގެން ފޯރުކޮށްދޭ ހިދުމަތްތަކެއްގެ ގޮތުގައި ބައެއް ފަރާތްތަކުން ބުނަމުންދާތީ ކަމަށް ބުނެއެވެ.

އެ އޭޖެންސީން މިހެން ބުނެފައިވާއިރު، އެންޑީއޭގެ ކަންކަން އިސްލާހުކުރުމަށް ގޮވާލައި ރައްޔިތުންގެ މަޖިލީހަށް ވަނީ "ޗޭންޖް އެންޑީއޭ"ގެ ނަމުގައި މަޖިލީހަށް ޕެޓިޝަނެއް ހުށަހަޅާފައެވެ. އެ ޕެޓިޝަން މަޖިލީހުގެ ޕެޓިޝަން ކޮމިޓީގައި ދިރާސާކުރުމަށް ފަހު އެންޑީއޭއާ ގުޅޭ މިދިޔަ މަހުގެ ފަހުކޮޅު ވަނީ ފާސްކޮށްފައެވެ.

އެންޑީއޭގެ މައްސަލަ މަޖިލީހުން ދިރާސާ ކުރަމުން ދިޔަ އިރު އެންޑީއޭ ހިންގަން ދިން ބޮޑު ބަޖެޓަށް ހިޔާނާތްތެރިވެފައި ވާ ކަމުގެ ވާހަކަވެސް ފެންމަތިވެ ފިޔަވަޅު އަޅަންޖެހޭ ފަރާތްތަކަށް ފިޔަވަޅު އެޅުމަށްވެސް މެންބަރުން ވަނީ ގޮވާލައްވާފައެވެ.