މިއަހަރުގެ މިހާތަނަށް އެއް ދުވަހެއްގައި އެންމެ ގިނަ ކައިވެނި ކުރާ ތާރީހަކަށް މިއަދު ވެއްޖެއެވެ.

ކައިވެނި ކުރުމަށް ތައްޔާރުވުމުގެ ކުރިން ރީތި ތާރީހެއް އަތުޖެހޭތޯ ކޮންމެ މީހަކުވެސް ބަލައެވެ. މިއަދުގެ ތާރީހަކީ 21/12/2021 އެވެ. އަދި މިއީ މިއަހަރު މިގޮތަށް އައި އެންމެ ރީތި އެއް ތާރީހެވެ.

ފެމިލީ ކޯޓުން ބުނީ މިއަދު ފެމެލީ ކޯޓުން އެކަނިވެސް 57 ކައިވެންޏެއް ކޮށްދޭން ނިންމާފައި ވާކަމަށާއި މީގެ ތެރެއިން 28 ކައިވެނި ކުރާނީ ކޯޓުގައި ކަމަށެވެ. އަދި ބާކީ 29 ކައިވެންޏަކީ ކޯޓުން ބޭރުގައި ކުރަން ހަމަޖެހިފައިވާ ކައިވެނިތައް ކަމަށްވެސް އެ ކޯޓުން ބުނެއެވެ.

މިއަދު މާލޭގެ އިތުރުން ރާއްޖޭގެ އެކި ކަންކޮޅުތަކުގައިވެސް ގިނަ އަދަދެއްގެ ކައިވެނިތައް ކުރާނެއެވެ.

މިއަހަރު ދެވަނައަށް އެންމެ ގިނަ ބަޔަކު ކައިވެނިކުރީ 21/01/21 ގަ އެވެ. އެ ދުވަހު 50 ކައިވެންޏެއް ކޮށްފައި ވެއެވެ. ފެމެލީ ކޯޓުން މިއަހަރުގެ މިހާތަނަށް ކުރި ކައިވެނިތަކުގެ އަދަދަކީ 2،308 އެވެ.

މި އަހަރު ފެމިލީ ކޯޓުގައި ރަސްމީ ގަޑީގައި ކައިވެނިތައް ކޮށްދީފައި ވަނީ ހެނދުނު 8:30 އިން 11:30 އަށެވެ. އަދި މެންދުރުފަހު 1:00 އިން 1:45 އަށެވެ. އަދި ނުރަސްމީ ގަޑީގައި ކޯޓު ތެރޭގައި ކައިވެނި ކޮށްދެނީ ހަވީރު 4:00 އިން ރޭގަނޑު 9:30 އަށެވެ.