މިދިޔަ މަހު ވައިގެ މަގުން ބްރެޒިލުން ރާއްޖެއަށް 18 ކިލޯގެ ކޮކޭން ހިފައިގެން އައިސްގެން ހައްޔަރުކުރި އަންހެން މީހާ ދޫކޮށްލީ ރަނގަޅަށް ކަމަށް ހައި ކޯޓުން މިއަދު ހުކުމް ކޮށްފިއެވެ.
އެ މައްސަލައިގައި ހައްޔަރުކުރި 28 އަހަރުގެ ކްރިސްޓިއާނޯ ޝަރީއަތް ނިމެންދެން ބަންދުކުރި އިރު އެމައްސަލާގައި ހައްޔަރުކުރި 37 އަހަރުގެ ނައިރު ނޫނެސް ޑިސޫޒާ އުންސުރު ހަމަނުވާ ކަމަށް ބުނެ މި މަހުގެ ކުރީކޮޅު ވަނީ ދޫކޮށްލާފައެވެ. މައްސަލަ އިސްތިއުނާފް ކުރީ ދައުލަތުންނެވެ.
އެ މައްސަލާގައި ހައި ކޯޓުން މިއަދު ކުރި ހުކުމުގައި ވަނީ އެ މީހާއާއެކު ރާއްޖެ އައި ދެވަނަ މީހާގެ ލަގެޖުން މަސްތުވާތަކެތި ފެނުނަސް އޭނާ 29 ދުވަސް ވަންދެން ބަންދުގައި ބެހެއްޓިއިރު ފުލުހުންނަށް އިތުރު ހެއްކެއް ހޯދިފައިނުވާ ކަމަށެވެ.
މީގެ އިތުރުން އެ މީހާގެ ފަރާތުން މުޖްތަމައުއަށް ނުރައްކަލެއް ކުރިމަތިވެދާނެ ކަމަށް ދައުލަތުން ބުންޏަސް އެފަދަ ކަމެއް އޮތްކަން ދައުލަތުން ބުނެދޭން ޖެހޭނެ ކަމަށެވެ. ކަސްޓަމްސް އިން ކުރިން ބުނެފައިވާ ގޮތުގައި އެ މައްސަލާގައި އަތުލައިގަތް މަސްތުވާތަކެތީގެ މަގުމަތީ އަގު 94 މިލިއަން ރުފިޔާއަށް އަރާނެއެވެ.
ދައުލަތުން ކްރިސްޓިއާނޯގެ މައްޗަށް އުފުލާފައި ވަނީ މަސްތުވާތަކެތި ރާއްޖެއަށް އެތެރެކޮށް އެތަކެތި ބޭނުންކޮށް ގެންގުޅެ، ވިޔަފާރިކުރުމުގެ ދައުވާއެވެ.
ކްރިސްޓިއާނޯގެ ވަކީލު ވަނީ މަސްތުވާތަކެތި ފެނުނު ފޮށްޓަކީ ކްރިސްޓިއާނޯގެ ފޮށްޓެއް ނޫން ކަމަށާއި އިމިގްރޭޝަންގެ ސީސީޓީވީ ބެލުމުން އޭނާ ގެނައީ ކަޅުކުލައިގެ ފޮށްޓެއްކަން އެނގޭނެ ކަމަށާއި މަސްތުވާތަކެތި ފެނުނީ އަޅިކުލައިގެ ފޮށްޓަކުން ކަމަށް ވުމުން މަސްތުވާތަކެތި ފެނުނު ފޮށްޓާ ކްރިސްޓިއާނޯ އާ ގުޅުމެއް ނެތް ކަމަށް ބުނެފައެވެ.
އެހެންނަމަވެސް ފުލުހުން ބުނީ މަސްތުވާތަކެތި ފެނުނު ފޮށީގައި ޕެކިނާއެކު 18 ކިލޯ ހުރި ކަމަށާއި މަސްތުވާތަކެތީގެ ބަރުދަނުގައި 15 ކިލޯ ހުރިއިރު، އެ ފޮށީގެ ބަރުދަނުގައި 22 ކިލޯ ހަމަނުވާ ކަމަށާއި އެހެން ގައުމަކުން ބަރުދަން ބެލިއިރު ކުޑަ ތަފާތެއް އައިސްފައި އޮތަސް މަސްތުވާތަކެތި ފެނުނު ފޮށްޓަކީ އެހެން ފޮށްޓެއް ކަމަށް ބެލުމުގެ ފުރުސަތު ކުޑަ ކަމަށެވެ. އަދި މަސްތުވާތަކެތި ފެނުނު ފޮށީގައި ކްރިސްޓިއާނޯގެ ޓެގު ހުރިކަންވެސް ފުލުހުން ފާހަގަ ކުރިއެވެ.
މީގެ ކުރިން ވެސް ބްރެޒިލް އިން ރާއްޖެއަށް އައި މީހުން އެއާޕޯޓުން މަސްތުވާތަކެއްޗާ އެކު ހައްޔަރުކުރިއެވެ. އެގޮތުން އޮގަސްޓު މަހު އުމުރުން 31 އަހަރުގެ އަންހެނަކު ތިން ކިލޯގެ ކޮކެއިންއާ އެކު އަދި 29 އަހަރުގެ އަންހެނަކު 16 ކިލޯގެ މަސްތުވާތަކެއްޗާ އެކު ހައްޔަރު ކުރިއެވެ.
ހެހެހެ.......ދެން 100 ކިލޯގެ މީހާޔޯ.