ނިޝާން އިއްޒުއްދީނުގެ އިއްޒަތުގެވެރިޔާ އަދި ކުރީގެ މިނިސްޓަރު އުމަރު ޒާހިރުގެ މައްޗަށް ކުރާ ކަށުނަމާދު އޮންނާނީ އިސްލާމީ މަރުކަޒުގައި ކަމަށާއި ފަސްދާނުލާނީ ގަލޮޅު ސަހަރާގައި ކަމަށް އިސްލާމިކް މިނިސްޓްރީއިން ބުނެފިއެވެ.
މިރޭ އިޝާ ނަމަދާށްފަހު އުމަރު ޒާހިރުގެ ކަށުނަމާދުކުރުން އިސްލާމީ މަރުކަޒުގައި ހަމަޖެހިފައިވާއިރު ފަސްދާނުލުމަށް ހަމަޖެހިފައިވަނީ ރަސްމީ އިއްޒަތުގައި ގަލޮޅު ސަހަރާގައެވެ.
މީގެ ކުރިން އުމަރު ޒާހިރު ފަސްދާނުލާ ކަމަށް ހާމަކޮށްފައިވަނީ ހުޅުމާލެ ސަހަރާގައެވެ. ދައުލަތުގެ އިއްޒަތްތެރިން އަވަހާރަވުމުން އާންމުކޮށް ފަސްދާނުލާ ގަލޮޅު ސަހަރާގެ ބަދަލުގައި އާންމުން ވަޅުލާ ތަނެއްގައި ވަޅުލަން އުމަރު ޒާހިރު ވަސިއްޔަތް ކުރައްވާފައިވާ ކަމަށް އުމަރު ޒާހިރުގެ ގާތް އެކުވެރިޔަކު ވަނީ ބައެއް މީޑިއާ ތަކަށް މައުލޫމާތު ދީފައެވެ.
އުމަރު ޒާހިރު، އަވަހާރަވީ ދަރުމަވަންތަ ހޮސްޕިޓަލްގައި ކޮވިޑް-19 އަށް ފަރުވާ ހޯއްދަވަމުން ގެންދަވަނިކޮށެވެ. އުމަރު ޒާހިރު އަވަހާރިވި އިރު އުމުރުފުޅަކީ 85 އަހަރެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި އުމަރު ޒާހިރު ކޮވިޑަށް ޕޮޒިޓިވް ވެފައި ވަނީ މިމަހު 11 ވަނަ ދުވަހުއެވެ. ކޮވިޑަށް ޕޮޒިޓިވްވުމުގެ ކުރިން މި މަހުގެ 1 ވަނަ ދުވަހު އުމަރު ޒާހިރު ވަނީ ފުވަށްމުލަކު ސިޓީގެ ފުނާޑު އަވަށުގައި އަމިއްލަފުޅަށް ބިނާކުރެއްވި މިސްކިތް (މަސްޖިދުއް ސިއްދީގު) ހުޅުއްވުމަށް އެ ރަށަށް ދަތުރުފުޅެއް ވެސް ކުރައްވާފައެވެ.
1950 ވަނަ އަހަރުގެ ތެރެއިން ފެށިގެން ގައުމީ ހިދުމަތް ކޮށް ދެއްވުމުގައި އުމަރު ޒާހިރު މެދުކެނޑުމެއް ނެތި ވަނީ މަސައްކަތްޕުޅު ކުރައްވާފައެވެ. އެގޮތުން އައްޑޫ ގަމުގައި ހުންނަވާ ދިވެހި ސަރުކާރުގެ ލޭޒަން އޮފިސަރުކަމާއި ދާހިލިއްޔާގެ އެކިއެކި ވަޒީފާތަކާއި މަޖީދިއްޔާގެ ހެޑްމާސްޓަރު ކަމާއި ރޭޑިއޯ މޯލްޑިވްސްގެ ވެރިޔާގެ މަގާމުވެސް އުމަރު ޒާހިރު ވަނީ ފުރުއްވާފައެވެ. މީގެ އިތުރުން އެޑިއުކޭޝަން މިނިސްޓްރީގެ ނާއިބު ކަމާއި ހޯމް މިނިސްޓްރީގެ ނާއިބު ކަމުގެ މަގާމުގައި ވެސް އުމަރު ވަނީ މަސައްކަތް ކުރައްވާފައެވެ.
އުމަރު ޒާހިރަކީ ރައީސް މައުމޫންގެ ވެރިކަމުގައި އެންމެ ހިދުމަތްތެރި އެއް ވަޒީރެވެ. އެމަނިކުފާނު ވަނީ 1983 ވަނަ އަހަރުން 1988 ވަނަ އަހަރާ ހަމަޔަށް ހޯމް މިނިސްޓަރު ކަމުގެ މަގާމު ފުރުއްވާފައެވެ. އެއަށް ފަހު 1993 ވަނަ އަހަރާ ހަމައަށް އުމަރު ޒާހިރު ވަނީ މިނިސްޓާ އޮފް ހޯމް އެފެއާޒް އެންޑް ސްޕޯޓްސްގެ މަގާމު ފުރުއްވާފައެވެ.
1950 އިން ފެށިގެން ގައުމަށް ގިނަ ހިދުމަތްތަކެއް ކޮށްދެއްވާފައި ވާތީ، އުމަރު ޒާހިރު ކޮށްދެއްވި ހިދުމަތްތަކުގެ އަގު ވަޒަން ކުރުމުގެ ގޮތުން ސަރުކާރުން ވަނީ ނިޝާން އިއްޒުއްދީނުގެ ޝަރަފު އެމަނިކުފަނަސް އަރުވާފައެވެ.
ކޮށްފައިވާ ވަސިއްޔަތާވެސް ޙިލާފް ވަނީތަ. މިއީ ކޮންކަހަލަ ބަޔެއްތަ؟ މަހަމަ ހައިރާން.