ދިވެހިރާއްޖޭގެ ސިއްހީ ދާއިރާ ހަރުދަނާ ކުރުމަށްޓަކައި މިނިސްޓްރީ އޮފް ހެލްތާއި އިންޑޮނޭޝިއާގެ މިނިސްޓްރީ އޮފް ހެލްތާއި ދެމެދު، "މެމޮރަންޑަމް އޮފް އަންޑާސްޓޭންޑިނާ އެއްގައި މިއަދު ސޮއިކޮށްފިއެވެ.

ވަޗުއަލްކޮށް ސޮއިކުރި މިއެއްބްސްވުމުގައި މިނިސްޓްރީ އޮފް ހެލްތުގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓަރު އަހްމަދު ނަސީމެވެ. އަދި އިންޑޮނޭޝިއާގެ ފަރާތުން ސޮއިކުރެއްވީ އެގައުމުގެ ހެލްތު މިނިސްޓަރު ބުޑީ ގުނާޑީ ސަޑިކިންއެވެ.

މިނިސްޓްރީން ބުނީ މިއެއްބަސްވުމުގެ ދަށުން ޕްރައިމަރީ ކެއާ، ސެކަންޑަރީ ކެއާ، ހެލްތު ރެޒިލިއެންސް، ހެލްތު ފިނޭންސިން، ހެލްތުޓެލެންޓް އަދި ހެލްތު ޓެކްނޮލޮޖީގެ ދާއިރާއިން ދެގައުމުގެ ގުޅުން ބަދަހިކޮށް އެހީތެރިކަން ފޯރުކޮށްދިނުމަށް ހަމަޖެހިފައިވާ ކަމަށެވެ.

މި އެއްބަސްވުމުގެ ދަށުން ސިއްހީ ދާއިރާ ހަރުދަނާކުރުމަށް ދެގައުމުގެ ސިއްހީ ދާއިރާގެ ފަންނުވެރިން ބަދަލުކުރުމާއި، ޑޮކްޓަރުން، ނަރުހުން އަދި ސިއްހީ ދާއިރާގެ ހިދުމަތްތެރިން ތަމްރީނުކުރުމުގެ ފުރުސަތުތައް ހުޅުވިގެންދާނެ ކަމަށް މިނިސްޓްރީން ބުނެއެވެ.

މީގެ އިތުރުން ސިއްހީ ދާއިރާގެ މަސައްކަތްތައް ހަރުދަނާކުރުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތަށް އެހީތެރިކަން ލިބިގެންދާނެ ކަމަށް ވެސް މިނިސްޓްރީން ވަނީ ބުނެފައެވެ.