ކޮންމެ ކަމެއްގައިވެސް އިދިކޮޅު ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަނުން އޮޅުވާލަން މަސައްކަތްކުރާ ކަމަށް ވިދާޅުވެ، އެމްއެންޕީގެ އެއް ނައިބު ރައީސް އަބްދުﷲ ރިޔާޒު، އިދިކޮޅު ޕީއެންސީގެ ނައިބު ރައީސް މުހައްމަދު ސައީދަށް ރައްދު ދެއްވައިފިއެވެ.

އިއްޔެ އެމްއެންޕީން ރާއްޖޭގެ ބައެއް ސަރަހައްދުތަކަށް ކުރި ދަތުރުތަކާ ގުޅޭގޮތުން މައުލޫމާތު ދިނުމަށް ބޭއްވި ޕްރެސް ބްރީފިންގައި އެ ޕާޓީގެ ރައީސް މުހައްމަދު ނާޒިމް ވިދާޅުވީ، އިދިކޮޅު ކޯލިޝަނުން މިހާރު ކުރިއަށް ގެންދާ "އިންޑިއާ އައުޓް" ހަރަކާތަކީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ހިންގާފައިވާ ގޯސްތައް ފޮރުވަން ވެގެން ހިންގާ ހަރަކާތެއް ކަމަށެވެ. އަދި މި ހަރަކާތަކީ "ޖަރީމާއެއް"ގެ ގޮތުގައި ނާޒިމް ވަނީ ސިފަކުރައްވާފައެވެ.

އަދި އެ ހަރަކާތަށް އެމްއެންޕީން ތާއީދު ނުކުރާކަން ހާމަކުރައްވައި ނާޒިމް ވަނީ، އެއްވެސް ރައްޔިތަކު އެހަރަކާތުގައި ބައިވެރިނުވާން އިލްތިމާސް ވެސް ކުރައްވާފައެވެ.

އެއާއެކު ސައީދު އިއްޔެ ވިދާޅުވީ، ނާޒިމް އެހެން ވިދާޅުވެފައި ވަނީ ސިޔާސީ މަގުބޫލުކަން ހޯއްދެވުމުގެ މަގްސަދުގައި ކަމަށެވެ. އަދި ފަހުގެ ތާރީހުގައި ރާއްޖޭގައި ހިންްގި އެންމެ ބޮޑު ޖަރީމާއަކީ ޔޫޓީއެފް އާއި އިންޑިއާ ސިފައިން ރާއްޖޭގައި ބޭތިއްބުން ކަމަށެވެ، ނާޒިމްއަށް އިޝާރާތް ކުރައްވާ ސައީދު ވިދާޅުވީ އެއީ އަމިއްލަ ނަފްސު ހިމެނޭ ކޯލިޝަން ހެދި މުޑުދާރު ގޯސް ކަމަށާއި ސިޔާސީ މަގުބޫލުކަން ހޯއްދަވަން ނާޒިމް ކުރައްވަނީ ފިނޑިކަމެއް ކަމަށެވެ.

މިވާހަކަތަކަށް ރައްދު ދެއްވައި ރިޔާޒު ވިދާޅުވީ، ޔޫޓީއެފް އެއްބަސްވުމުގެ ފެށުމަކީ 2016 ވަނަ އަހަރު ކުރީ ސަރުކާރުން އިންޑިއާގެ ސަރުކާރާއެކު ސޮއިކުރި ސަލާމަތީ ކަންކަމާ ބެހޭ އެކްޝަން ޕްލޭން ކަމަށާއި، އެ އެއްބަސްވުން އެކުލަވާލުމުގައި ކުރީ ސަރުކާރުގެ ދައުރެއްވެސް އެބައޮތް ކަމަށެވެ.

ނަމަވެސް ރިޔާޒަށް ރައްދު ދެއްވައި، އިދިކޮޅު ޕީޕީއެމްގެ ނައިބު ރައީސް އަހުމަދު ޝިޔާމް ވިދާޅުވީ، އެ އެކްޝަން ޕްލޭނަކީ ކަމާބެހޭ ފަރާތްތަކާ އެއްކޮށް ދެކެވުނު ވާހަކަތަކެއްގެ ޔައުމިއްޔާ އެއް ކަމަށެވެ. އޭރުވެސް އިންޑިއާގެ ސިފައިން ރާއްޖޭގައި ބައިތިއްބަން ސަރުކާރުން ދެކޮޅު ހެދި ކަމަށާއި، އެމީހުން އަނބުރާ ފޮނުވާލަން ވެގެން ވިސާވެސް އާކޮށްދީފައި ނުވާއިރު، އެ މައްސަލަ އދ އަށްވެސް އޭރު ހުށަހެޅި ކަމަށް ޝިޔާމް ވިދާޅުވިއެވެ.

"އިންޑިއާ އައުޓް" ޝިއާރުގައި އިދިކޮޅު ކޯލިޝަނުން އަންނަނީ މާލެއާއި އަތޮޅުތެރޭގައި ހަރަކާތްތައް ހިންގަމުންނެވެ. އެ ހަރަކާތްތަކުގައި މިނިވަންވެ ވަޑައިގަތް ފަހުން ޔާމީން ވެސް ބައިވެރިވެ ވަޑައިގަންނަވަމުން ގެންދަވާއިރު، ކ. ގުރައިދޫގައި ކުރިއަށް ގެންދިޔަ އިދިކޮޅުގެ ހަރަކާތާއި ތުލުސްދޫގައި ބޭއްވި ހަރަކާތުގައިވެސް ޔާމީން ވަނީ "އިންޑިއާ އައުޓް" ޖަހާފައި ހުރި ޓީޝާޓު ތުރުކުރައްވައިގެން ބައިވެރިވެ ވަޑައިގެންފައެވެ.

މިކަމާ ގުޅިގެން ސަރުކާރުގެ ބައެެއް ވެރިންނާއި ސަޕޯޓަރުން އަންނަނީ ޔާމީނަށާއި އިދިކޮޅު ކޯލިޝަނަށް ފާޑުކިޔަމުންނެވެ.