ކަރަންޓީނު ނުވެ ސިންގަޕޫރާއި ރާއްޖެއާ ދެމެދު ގާއިމު ކުރި ޓްރެވަލް ލޭނުގެ ދަށުން ދަތުރުކުރުމުގެ ހުއްދަ ދިނުމާއެކު، އެގައުމުން ރާއްޖެެއަށް ހަފްތާއަކު ދިހަ ދަތުރު ކުރާ ގޮތަށް ހަމަޖައްސައިފިއެވެ.

ސިންގަޕޫރު އެއާލައިންސް އިން ރާއްޖެއަށް މިހާރު ކުރަމުން ދަނީ ހަފްތާއަކު ހަތް ދަތުރެވެ. ނަމަވެސް އަންނަ މަހުގެ ދެވަނަ ދުވަހުން ފެށިގެން ދަތުރުތަކުގެ އަދަދު 10 އަށް އިތުރުކުރަން ވަނީ ނިންމާފައެވެ.

ވެކްސިން ފުރިހަމަކުރި މީހުންނަށް ސިންގަޕޫރަށް ދެވޭ ގޮތަށް ޓްރެވަލް ލޭނެއް މިދިޔަ އަންގާރަ ދުވަހު ހަދާފައިވަނީ ޓްރާންސްޕޯޓް މިނިސްޓްރީ އާއި ފޮރިން މިނިސްޓްރީ އާއި ހެލްތު މިނިސްޓްރީން ސިންގަޕޫރުގެ ޓްރާންސްޕޯޓް މިނިސްޓްރީ އާ އެކު ކުރިއަށް ގެންދިޔަ މަޝްވަރާތަކަށް ފަހުގައެވެ.

ޓްރާންސްޕޯޓް މިނިސްޓްރީން އެދުވަހު ބުނީ، ސިންގަޕޫރާއެކު ވެވުނު އެއްބަސްވުމުގެ ދަށުން، ވެކްސިން ފުރިހަމަކުރި މީހުންނަށް މިދިޔަ ބުރާސްފަތި ދުވަހުން ފެށިގެން އެގައުމަށް ދަތުރުކުރެވޭނެ ކަމަށާއި، މިގޮތަށް ދަތުރުކުރެވޭނީ ޓްރެވަލް ލޭނުގެ ދަށުން ހާއްސަކޮށްފައިވާ ފްލައިޓްތަކުން ކަމަށެވެ.

އެ ޓްރެވަލް ލޭނުގެ ދަށުން، ސިންގަޕޫރު އެއާލައިންސްގެ އެސްކިއު-437 ފްލައިޓުން ދަތުރުކުރާ ފަސިންޖަރުން ކަރަންޓީނުވާނެ ނުޖެހޭނެއެވެ.

އެގޮތުން އެގައުމަށް ދަތުރުކުރާ މީހުންގެ އަތުގައި ވެކްސިން ފުރިހަމަކުރި ކަމުގެ ޑިޖިޓަލް ސެޓްފިކެޓެއް އޮންނަން ޖެހޭނެއެވެ. އަދި ނެގަޓިވް ޕީސީއާރު ނަތީޖާއެއްވެސް އޮންނަން ޖެހޭނެއެވެ.

މިދިޔަ މަހުގެ 26 ގައި ސިންގަޕޫރުން ވަނީ އެގައުމުގެ ގްރީން ލިސްޓުގައި ރާއްޖެ ހިމަނާފައެވެ.