ޗައިނާއިން އަބަދުވެސް މަސައްކަތް ކުރަމުން ދާނީ ރާއްޖެއާއި ޗައިނާ އާ ދެމެދު އޮންނަ އެކުވެރިކަމުގެ ގުޅުން އިތުރަށް ބަދަހި ކުރުމަށްޓަކައި ކަމަށް ބުނެ، ޗައިނާއިން މަޖިލީހުގެ ތޮއްޑޫ ދާއިރާގެ މެމްބަރު ހަސަން ޝިޔާނަށް ރައްދު ދީފިއެވެ.

އިންޑިއާ ސިފައިން ރާއްޖޭން ބޭރު ކުރުމަށް ގޮވާލައި އިދިކޮޅު ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަނުން ކުރިއަށް ގެންދާ "އިންޑިއާ އައުޓް" ހަރަކާތުގައި ކުރީގެ ރައީސް އަބްދުﷲ ޔާމީން ބައިވެރިވެ ވަޑައިގެން، އެ ހަރަކާތް އިތުރަށް ފުޅާކުރަމުން ގެންދާތީ، ސަރުކާރުގެ ބައެއް ވެރިންނާއި ސަޕޯޓަރުން ވަނީ ވަރަށް ބޮޑަށް ފާޑު ކިޔައިފައެވެ. އޭގެ ތެރޭގައި މަޖިލިސް މެމްބަރުންވެސް ހިމެނެއެވެ.

އެގޮތުން، މިދިޔަ ބުރާސްފަތި ދުވަހު ކ. ގުރައިދޫގައި ބޭއްވި ހަރަކާތާއި، އިއްޔެ ތުލުސްދޫގައި ބޭއްވި ހަރަކާތުގައިވެސް ޔާމީން ވަނީ އިންޑިއާ އައުޓް ޓީޝާޓު ތުރުކުރައްވައިގެން ބައިވެރިވެ ވަޑައިގެންފައެވެ. އެ ދެ ރަށުގައިވެސް ބޭއްވި ހަރަކާތްތަކުގައި ޔާމީން ވަނީ، އިންޑިއާ ސިފައިން ރާއްޖޭގައި ތިބުމާ ގުޅޭ ގޮތުން ފެންނަ ނުފެންނަ ވޯޓެއް ނެގުމަށް ގޮވާލައްވާފައެވެ.

މި ހަރަކާތްތަކާ ގުޅިގެން، މަޖިލީހުގެ ތޮއްޑޫ ދާއިރާގެ މެމްބަރު ހަސަން ޝިޔާން ފޮޓޯއެއް ހިއްސާކުރައްވާ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، އިދިކޮޅުން ހިންގާ އިންޑިއާ އައުޓް ކެމްޕޭން ސްޕޮންސާކޮށްފައި ވަނީ ޗައިނާއިން ކަމަށާއި، އެ ފޮޓޯއިން ތަސްވީރު ވަރަށް ރަނގަޅަށް ބުނެދޭ ކަމަށެވެ. އެ ފޮޓޯއިން ފެންނަނީ މުޒާހަޜާގެ ބައިވެރިން އިއްޔެ އެއްވެ ތިބި ސަރަހައްދުގައި އިންޑިއާއައުޓް ޓީޝާޓާއި ދިދަ ހިފައިގެން ތިބި 2 މީހަކު ޗައިނާ އެމްބަސީ ހުންނަ އިމާރާތަށް ވަންނަ ސިޑި މަތީގައި ތިބޭތަނެވެ.

ނަމަވެސް ޝިޔާންގެ ޓްވީޓަށް ދިން ރައްދުގައި ޗައިނާގެ އެމްބަސީން ބުނީ، ޗައިނާއިން އަބަދުވެސް މަސައްކަތް ކުރަނީ އެހެން ގައުމުތަކުގެ ދާހިލީ ކަންކަމުގެ ތެރެއަށް ނުވަނުމަށް ކަމަށެވެ. އަދި ޗައިނާއިން އަބަދުވެސް މަސައްކަތްކުރަނީ ދެގައުމުގެ ދެމެދުގައި އޮންނަ އެކުވެރިކަން ކުރިއަރުވައި ނެގެހެއްޓުމަށް ކަމަށްވެސް ޗައިނާގެ އެމްބަސީން ބުންޏެވެ.

އިއްޔެ އިދިކޮޅު ކޯލިޝަނުން ވަނީ އިންޑިއާ އައުޓް ހަރަކާތުގެ ދަށުން މާލޭގައި ވެހިކަލް ބުރެއް ބާއްވަން މަސައްކަތް ކޮށްފައެވެ. ނަމަވެސް އިދިކޮޅު ކޯލިޝަނުން އިއްޔެ މާލޭގެ މަގުތަކުގައި ބޭއްވުމަށް ރާވާފައިވާ ވެހިކަލް ބުރުގައި ހަމަނުޖެހުން ހިންގަން ރާވާމުންދާ ކަމުގެ މައުލޫމާތު ފުލުހުންނަށް ލިބިފައިވާ ކަމަށް ބުނެ، ފުލުހުން ވަނީ އެ ހަރަކާތް ބޭއްވުމަށް ހުރަސް އަޅާފައެވެ.

ފުލުހުންގެ ބަޔާން ދޮގުކޮށް، އިދިކޮޅުން ނެރުނު ބަޔާނުގައި ބުނީ، ވެހިކަލް ބުރު ބާއްވަން އުޅުނީ ލިޔުމުން ހުއްދަ ހޯދައިގެން ކަމަށާއި، ފުލުހުންނާ މަޝްވަރާކޮށް، އެއްބަސްވާ ގޮތެއްގެ މަތިން ކަމަށެވެ. ނަމަވެސް، އެންމެ ފަހު ވަގުތު ފުލުހުން އެ ވެހިކަލް ބުރަށް ހުރަސްއެޅީ އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދުގެ ޓްވީޓަކާ ގުޅިގެން ކަމަށް އިދިކޮޅުން ވަނީ ތުހުމަތު ކޮށްފައެވެ.