ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ދިމާވެފައިވާ ދަތިތަކަށް ހައްލެއް ހޯދައިދެއްވަން މަސައްކަތް ކުރައްވާނެ ކަމަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހު މިއަދު ވިދާޅުވެއްޖެއެވެ.

މިއަދު ހަވީރު ރައީސް އޮފީހުގައި ލޯފަން ބައެއް މީހުންނާއި، ނުކުޅެދުންތެރިކަން ހުންނަ ބައެއް ކުދިންގެ ބެލެނިވެރިންނާއި އެންސްޕާގެ އިސްވެރިން ވަނީ ރައީސާ ބައްދަލު ކުރައްވާފައެވެ.

އެ ބައްދަލުވުމުގައި އެފަރާތްތަކަށް ދަތިވާ ކަންކަމާ ގުޅޭގޮތުން ރައީސާ އެކު ވަނީ މަޝްވަރާކޮށްފައެވެ.

އެގޮތުން އެ ފަރާތްތަކުގެ މައިގަނޑު ކަންބޮޑުވުމަކަށް ވެފައި ވަނީ، ހާއްސަ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ދެމުންދާ މާލީ އިނާޔަތްތައް ކުޑަވުމުގެ ސަބަބުން ދަތިތަކާ ކުރިމަތިވަމުންދާ ކަމުގެ މައްސަލައެވެ.

މީގެ އިތުރުން، އެ ފަރާތްތަކަށް ފޯރުކޮށްދޭން ޖެހޭ ފަރުވާ އާއި އިތުރު ހިދުމަތްތައް ހޯދުމުގައި ދަތިތައް އެބަހުރި ކަމަށާއި، މާލީ އެހީތެރިކަން އިތުރުވުގެން ދިއުމުން އެކަމަށް ކޮންމެވެސް ވަރެއްގެ ލުޔެއް ލިބޭނެކަމަށް އެ ފަރާތްތަކުން ފާހަގަކުރިއެވެ.

އެ ބައްދަލުވުމުގައި ބައިވެރިވި އެންސްޕާގެ އިސްވެރިން ބުނީ، ނުކުޅެދުންތެރިކަން ހުރި މީހުންނަކީ ކޮބައިކަން ކަނޑައެޅުމާއި، އެ ފަރާތްތަކުގެ ދަފްތަރެއް އެކުލަވާލުމާއި، އެ ދަފްތަރު ބެލެހެއްޓުމުގެ ގަވާއިދު ގެޒެޓު ކުރުމާ ގުޅިގެން، ހާއްސަ އެހީއަށް ބޭނުންވާ ފަރާތްތަކުގެ ނުކުޅެދުންތެރިކަން ހުންނަ މިންވަރު ކަނޑައަޅައި "ޑިސްއެބިލިޓީ ސިވިއަނެސް" އަށް ބަލައި ދެވޭ އިނާޔަތްތައް މުރާޖާކުރުމުގެ މަޝްވަރާތައް ފިނޭންސް މިނިސްޓްރީ އާއު ޖެންޑާ މިނިސްޓްރީ އާ އެކު އެ އޭޖެންސީން ކުރަމުން ގެންދާނެ ކަމަށެވެ.

ރައީސް ވަނީ އެ ބައްދަލުވުމުގައި ބައިވެރިވި ފަރާތްތަކުން ހުށަހެޅި ކަންކަމަށް އެދެވޭ ހައްލެއް ހޯއްދަވައިދެއްވާނެ ކަމަށް މަސައްކަތް ކުރައްވާނެ ކަމަށް ވިދާޅުވެފައެވެ.