ކުރިއަށް އޮތް ދިރާސީ އަހަރަށް ޗާޕުކުރާ އިސްލާމާއި ގުރުއާން ފޮތް ޗާޕުކުރާއިރު އެ ފޮތްތަކުގައި މިހާރު ހުރި ގުރުއާންގެ އާޔަތްތައް އުނިކުރަން އެޑިއުކޭޝަން މިނިސްޓްރީން ނެޝަނަލް އިންސްޓިޓިއުޓް އޮފް އެޑިއުކޭޝަނަށް އެންގުމަށް ފަހު އެ ނިންމުން ބަދަލުކޮށްފިއެވެ.
ނޮވެންބަރު މަހުގެ 25 ވަނަ ދުވަހު އެޑިއުކޭޝަން މިނިސްޓްރީގެ ސީނިއާ ޕޮލިސީ ޑިރެކްޓަރު މޫސާ އާދަމް ސޮއިކުރައްވައި ނެޝަނަލް އިންސްޓިޓިއުޓް އޮފް އެޑިއުކޭޝަންގެ ޑިރެކްޓަރު ޖެނެރަލް އަހުމަދު ޝަކީބަށް ފޮނުވި ސިޓީ ރޭ ވަނީ އާއްމުވެފައެވެ.
އެ ސިޓީގައި ބުނެފައި ވަނީ ކަރިކިއުލަމް ރިވިޝަންގެ މަސައްކަތާއި ފޮތްތަކުން ފާހަގަ ކުރެވުނު މައްސަލަތައް އިސްލާހު ކުުރުމުގެ މަސައްކަތް ކުރައްވާއިރު ގުރޭޑް އެކަކުން 12 ގެ އިސްލާމާއި ގުރުއާން ފޮތްތަކުގައިވާ ގުރުއާނުގެ އާޔަތްތައް އުނިކުރައްވާ އާޔަތް ލިޔުއްވުމުގެ ބަދަލުގައި ގުރުއާނުގެ އާޔަތުގެ ނަންބަރު ލިޔުއްވާ ހަތިމަށް ރިފަރެންސް ދޭ ގޮތަށް ހަމަޖެއްސުމަށް އެދޭ ކަމަށެވެ.
ރޭ ސިޓީ އާއްމު ވުމުގެ ކުރިން ވެސް އެމައުލޫމާތު މީޑިއާއަށް ތިލެވެ އެޑިއުކޭޝަން މިނިސްޓްރީ އާއި ސަރުކާރަށް ވަނީ ވަރަށް ބޮޑަށް ފާޑުކިޔުން އަމާޒުވެފައެވެ. ދީނީ އިލްމުވެރިޔާ ޝެއިހް އަލީ ޒައިދު އެ ސިޓީ ހިއްސާކުރައްވައި ވަނީ ގުރުއާން ލިޔާއިރު ކުށް ހުރީމަ އެކަން ޖެހޭނީ އިސްލާހު ކުރަން ކަމަށާއި އާޔަތްތައް ކަނޑާ ނުވަތަ އާޔަތްތައް ނުލާ ގޮތަށް ހަދައިގެން ނުވާނެ ކަމަށް ވިދާޅުވިއެވެ.
ޒައިދު އިތުރަށް ވިދާޅުވީ އެޑިޔުކޭޝަން މިނިސްޓްރީއަކީ ދަރިން ތަރުބިއްޔަތު ކުރުމުގެ މާތް ޒިންމާ ބޮލުއަޅައިގެން ތިބި ފަރާތް ކަމަށާއި އާޔަތްތައް ކަނޑަން ދިން އޯޑަރު އަނބުރައި ގެންގޮސް މިނިސްޓްރީ ހަމަ މަގަށް ރުޖޫއަވުމަށް ގޮވާލައްވާ ކަމަށެވެ.
އެ ސިޓީ ބާތިލްކޮށް މިދިޔަ ހަފުތާގެ އަންގާރަ ދުވަހު އެޑިއުކޭޝަން މިނިސްޓްރީން ނޭޝަނަލް އިންސްޓިޓިއުޓް އޮފް އެޑިއުކޭޝަނަށް (އެންއައިއީ) އަށް ފޮނުވި ސިޓީގައި ބުނެފައި ވަނީ އިތުރަށް ބަލަންޖެހޭ ކަންތައްތަކެއް ހުރިކަމަށް ފެންނާތީ އެ ސިޓީ ބާތިލް ކޮށްދިނުމަށް އެދޭ ކަމަށެވެ.
މިކަމާ ގުޅިގެން އެޑިއުކޭޝަނުން ނެރުނު ބަޔާނުގައި ބުނީ އަލަށް ޗާޕު ކޮށްގެން ނެރުނު ބައެއް ފޮތްތަކާއި ކުރީގެ ޗާޕު ތަކުގައި ގުރުއާންގެ ބައެއް އާޔަތްތަކާއި ކަލިމަތައް ލިޔުމުގައި ކުށް ހުރިކަން ފާހަގަކުރެވި އެކަން ހައްލުކުރުމަށް ކުރެވުނު މަޝްވަރާތަކުގައި ގުރުއާނުގެ އާޔަތްތައް ފޮތްތަކުގައި ލިޔުމުގެ ބަދަލުގައި ހަތިމަށް ނުވަތަ އައްމާފޮތަށް ހަވާލާދިނުމަށް މަޝްވަރާކުރެވި މިކަން ބަޔާންކޮށް އެންއައިއީއަށް ސިޓީއެއް ފޮނުވި ކަމަށެވެ. އަދި މިގޮތަށް މަޝްވަރާ ކުރެވުނީ އެއްވެސް ހާލެއްގައި ދަރިވަރުން ގުރުއާނަށް ދޭ އަހައްމިއްޔަތުކަން ކުޑަކުރުމުގެ ނިޔަތެއްގައި ނޫން ކަމަށާއި އެ ގޮތަށް މަޝްވަރާ ކުރެވުނީ ގުރުއާން ލިޔާއިރު ޖެހޭ ކުށްތައް ތަކުރާރު ނުވާނެގޮތެއް ހެދުމަށާއި މިފޮތްތައް ނައްތާލާއިރު ގުރުއާންގެ އާޔަތްތަކަށް އިހާނެތިކޮށް ބައެއް ފަހަރު އަމަލުކުރެވޭ ކަމަށް ބައެއް އިލްމުވެރިން ވިދާޅުވާތީ ކަމަށްވެސް އެ މިނިސްޓްރީގެ ބަޔާނުގައި ވަނީ ބުނެފައެވެ.
އެޑިއުކޭޝަނުން ބުނީ އެހެންނަމަވެސް އެއީ ރަނގަޅު ކަމެއް ނޫން ކަމަށް ވިސްނި އަދި ދަރިވަރުންނަށް ކޮންމެ ފަހަރަކު ހަތިމް ނުވަތަ އައްމާފޮތް ބެލުމަކީ ދަތި ކަމަކަށް ވާނެ ކަމުން އެ ސިޓީއަށް އަމަލު ނުކުރުމަށް ޖެހިގެން އައި ދުވަހު ވާނީ އެންއައިއީ އަށް އަންގާފައި ކަމަށެވެ. އަދި އެ މިނިސްޓްރީއިން ނިންމާފައި ވަނީ އިސްލާމް ފޮތާއި ގުރުއާން ފޮތްތަކުގައި ހުރި ކުށްތައް އިސްލާހުކޮށް ޕްރޫފް ރީޑިން ވަރުގަދަ ކުރުމަށާއި މިފަހަރު ފޮތްތައް ޗާޕުކުރަން ފޮނުވާ އިރު ކުށްތައް އިސްލާހުވެފައި ވާކަން ކަށަވަރު ކުރަންވެސް އެންއައިއީ އަށް އަންގާފައިވާ ކަމަށްވެސް މިނިސްޓްރީއިން ބުނެއެވެ.
މިދިޔަ ސެޕްޓެމްބަރު މަހުގެ ފުރަތަމަ ހަފްތާގެ ތެރޭގައި ވަނީ ގިނަ ގްރޭޑް ތަކުގެ އިސްލާމް އަދި ގުރުއާން ފޮތްތަކުގައި ހުރި އާޔަތްތަކުގައި ކުށްހުރި މައްސަލަ ފެންމަތިވެފައެވެ. އެގޮތުން ގްރޭޑް 1ގެ ދަރިވަރުން ކިޔެވުމަށް މިހާރު ބޭނުންކުރާ ގުރުއާން ފޮތުގައިވާ ސޫރަތުލް ނަބާގެ 24 ވަނަ އާޔަތުގެ މެދު ތެރެއިން ވަނީ ނާޒިއާތު ސޫރަތުގެ އާޔަތްތަކެއް ވަދެ އޮޅިފައެވެ. އެގޮތުން ނަބާގެ 24 ވަނަ އާޔަތުން ފެށިގެން ނަބާ ސޫރަތުގެ 31 ވަނަ އާޔަތާ ހަމައަށް ވަނީ ނާޒިއާތު ސޫރަތުގެ 8 ވަނަ އާޔަތުން 14 ވަނަ އާޔަތެވެ.
ގްރޭޑް 2 ގެ ގުރުއާން މާއްދާގެ ދަރިވަރުންގެ ފޮތުގައި އަލަގު ސޫރަތުގެ 19 ވަނަ އާޔަތުގެ، ފުރަތަމަ ލަފްޒު ( كلا ) ވަނީ އުނިކޮށްފައެވެ. އަދި ގްރޭޑް 6 ގެ ގުރުއާން މައްދާގެ ދަރިވަރުން ފޮތުގައި ސޫރަތުލް ކައުސަރް ނިންމުމަށް ފަހު ވަނީ ދެ ކަލިމަ އިތުރު ކޮށްފައެވެ.
މީގެ އިތުރުން 10ގެ އިސްލާމީ ތަރުބިއްތު ފޮތުގެ 52 ވަނަ ސޮފްހާގައި ވާ އިސްލާމީ އަގީދާގެ ބައިގެ ފިލާވަޅުގައި ލިޔެފައިވާ ސޫރަތުލް މާއިދާ ގެ 3 ވަނަ އާޔަތުގައި ވެސް ކުށެއް އޮތެވެ. ގްރޭޑް 11 ފޮތުގެ ސޫރަތުލް ޖުމްއާގެ 10 ވަނަ އާޔަތް ވެސް ވަނީ ނުބައިކޮށް ލިޔެފައެވެ. އަދި ގްރޭޑް 12 ގެ އިސްލާމް މާއްދާގެ ދަރިވަރުން ފޮތުގައި އަސްހާބު ބޭކަލުންނާ މެދު ސުންނަތް ޖަމާއަތުގެ އަގީދާ ފިލާވަޅުގައި ލިޔެފައިވާ ސޫރަތުލް އަންފާލުގެ 74 ވަނަ އާޔަތްވެސް ވަނީ ނުބައިކޮށް ލިޔެފައެވެ.
މައްސަލަ ގުރޭޑް 1 ގެ ގުރުއާން ފޮތްތައް ޗާޕްކުރި އިރު، ދެ ސޫރަތެއްގެ އާޔަތްތައް އެކުވި މައްސަލައެއް ފެންމަތިވީ މިދިޔަ ސެޕްޓެމްބަރު ފުރަތަމަ ހަފުތާގައެވެ. އޭގެ ފަހުން، ގްރޭޑް 2 އަދި 12 ގެ އިސްލާމް ފޮތްތަކުގައި ވެސް އެފަދަ މައްސަލަތަކެއް ހުރުމުން، ބައެއް އިލްމުވެރިން ވަނީ ސޯޝަލް މީޑިއާގައި ކަންބޮޑުވުން ފާޅުކޮށްފައެވެ.
މި ފޮތްތަކުގައި ހުރި މައްސަލަތައް މީޑިއަތަކުގައި ފެންމަތި ކުރުމުން، މައްސަލަތައް ރިވިއު ކުރުމަށް ބޮޑު ކޮމެޓީއަކާއި، އެ ކޮމެޓީގެ ތެރެއިން ކުދި ކޮމެޓީތަކެއްވެސް ހެދިއެވެ. އެ ކޮމެޓީތަކުން މައްސަލަތައް ރިވިއުކޮށް 1 ހަފްތާއިން ރިޕޯޓު ހުށަހަޅަން ޖެހޭ ވާހަކަވެސް އެޑިއުކޭޝަނުން އޭރު ބުންޏެވެ. ނަމަވެސް އެކަން ކުރިއަށް ގެންދިޔަ ގޮތަކާއި ނަތީޖާއެއް މިއަދާ ހަމައަށްވެސް މިނިސްޓްރީން ހާމައެއް ނުކުރެއެވެ.
ނިންމި ނިންމުން ބަދަލުކުރުމަކުން ހިތްހަމައެއް ނުޖެހޭ ޓީވީގަ މާފަށް އެދެން ޖެހޭ ﷲ ކީރިތި ގުރުއާނު ބާވައިލެއްވީ ހިތުހުރި ގޮތަކަށް އެ ގުރުއާނަށް ބަދަލުގެންނާކަށް ނޫން މިކަމުގެ ސަބަބުން ދަރިވަތުންގެ ބެލެނިވެރިންގެ ހިތުގައި އުފެދުނު ރުޅިވެރިކަމާ ނަފުރަތު އެނގޭނަމަ ތިހެން ބުނަންވެސް ލަދުގަންނަންޖެހޭ