ކެންސަރުގެ އާލާސްކަންފުޅެއްގައި ފަރުވާ ހޯއްދަވަމުން ގެންދަވަނިކޮށް އިއްޔެ އަވަހާރަވި ށ. ކޮމަންޑޫ ދާއިރާގެ ރައްޔިތުންގެ މަޖިލީހުގެ މެންބަރު ހުސައިން ވަހީދުގެ ހަނދާނުގައި ތައުޒިޔާގެ ދަފްތަރެއް ހުޅުވައިފިއެވެ.

މެންބަރު ހުސެއިން ވަހީދުގެ ތައުޒިޔާގެ ދަފްތަރު ހުޅުއްވައިދެއްވީ މިއަދު ހަވީރު ރައްޔިތުން މަޖިލީހުގެ އިދާރާގައި ބޭއްވި ރަސްމިއްޔާތުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހްއެވެ.

މި ރަސްމިއްޔާތުގައި ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައިސް މުހައްމަދު ނަޝީދުގެ އިތުރުން މަޖިލީހުގެ މެންބަރުން ވެސް ބައިވެރިވެ ވަޑައިގެންނެވިއެވެ.

ހުސައިން ވަހީދު ކެންސަރުގެ އާލާސްކަންފުޅުގައި އުޅުއްވާތާ ގިނަ ދުވަސްތަކެއް ވެއްޖެއެވެ. އޭނާ ވާނީ އެ ބައްޔަށް އަހަރެއްހާ ދުވަހު ދުބާއީންވެސް ފަރުވާ ހޯއްދަވާފައެވެ.

އުމުރުފުޅުން 53 އަހަރުގެ ހުސައިން ވަހީދުގެ ތިން ބޭފުޅަކު ދުނިޔޭގައި އެބަތިއްބެވިއެވެ. އެއީ ދެ އަންހެން ބޭފުޅުންނާއި ފިރިހެން ބޭފުޅެކެވެ. އަދި އަނބިކަނބަލުންވެސް ދުނިޔޭގައި އެބަ އިންނެވިއެވެ.

ރައްޔިތުންގެ މަޖިލީހުގެ ހިނގަމުން މިދާ ދައުރުގެ އިތުރުން 17 ވަނަ ރައްޔިތުންގެ މަޖިލީހުގައިވެސް ފަސް އަހަރުގެ ދައުރެއް ހުސައިން ވަހީދު ފުރުއްވިއެވެ. ހުސައިން ވަހީދަކީ ށ. ފޯކައިދުއަަށް ނިސްބަތްވެ ވަޑައިގަންނަވާ އަދި ވިޔަފާރިވެރިވެސް ކުރެއްވި ބޭފުޅެކެވެ.