ދުނިޔޭގައި މަދުން ނޫން ނުފެންނަ ބައްޔެއް ކަމަށްވާ ހެލްކުއިން އައިޗްތިއޯސިސް ޑިސްއޯޑާއަށް ތަހައްމަލް ކުރަމުން އަންނަ 9 މަހުގެ ޔޫނުސް ލަޔަކްގެ ފަރުވާއަށް ފައިސާ ހަމަޖެހިފައިވާތީ އަންނަ ހުކުރު ދުވަހު ކުރިއަށް ގެންދާ ފަންޑް ރައިޒިން އިވެންޓަށް ފަހު އިތުރު ހަރަކާތެއް ނުހިންގަން ލަޔަކްގެ އާއިލާއިން އެދިއްޖެއެވެ.

"ދަ ޕްރެސް" އަށް އެންމެ ފަހުގެ މައުލޫމާތު ދެމުން ހައްވާ އުލާ އިބްރާހީމް (ލަޔަކްގެ މަންމަ) ބުނީ، ލަޔަކްގެ ފަރުވާއަށް ބޭނުންވާ ވަރަށް މިވަގުތު ފައިސާ ހަމަޖެހިފައިވާ ކަމަށާއި މިހާތަނަށް 9 ލައްކައަށް ވުރެ ގިނަ ރުފިޔާ ލިބިފައިވާ ކަމަށެވެ.

ލަޔަކް

އެހެން ކަމުން އަންނަ ހުކުރު ދުވަހު ކުރިއަށް ގެންދާ ފަންޑް ރައިޒިން އިވެންޓަށް ފަހު ކުރިއަށް ރާވާފައިވާ އިވެންޓުތައް މަޑުޖައްސާލަން އެދޭ ކަމަށް އުލާ ބުނެއެވެ.

އުލާ ބުނީ އަންނަ މަހު 3 ހިސާބުގައި ލަޔަކް ގޮވައިގެން ބޭސް ފަރުވާ އަށް ބެންކޮކަށް ފުރަން ތައްޔާރުވަމުން ދާ ކަމަށެވެ.

މިފުރުސަތުގައި އުލާ ވަނީ ލަޔަކްއަށް ފަރުވާ ހޯދުމަށް ގިނަ ބަޔަކު މާލީ ގޮތުން އެހީތެރިވެފައިވާ ކަން ފާހަގަކޮށް ހުރިހާ ފަރާތްތަކަށް ވެސް ޝުކުރު އަދާކޮށްފައެވެ.

ލަޔަކް

ލަޔަކްގެ ފަރުވާ އަށް އެހީ ހޯދުމަށް އަންނަ ހުކުރު ދުވަހު ބާއްވާ އިވެންޓް އޮންނާނީ ހަވީރު 4:00 ގައި އާޓިފިޝަލް ބީޗް ސަރަހައްދުގައެވެ.

ހެލްކުއިން އައިޗްތިއޯސިސް ޖެނެޓިކް ޑިސްއޯޑާގެ ސަބަބުން ލަޔަކްގެ މުޅި ގައިގެ ހަންގަނޑު ބޯވެފައި ހުރުމުގެ އިތުރުން މޫނުގެ ސިފައަށް ބަދަލު އައިސް ނޭވާލާން އުނދަގޫވެފައި ހުންނަކަމަށް އާއިލާއިން ބުނެއެވެ. އަދި އޭނާ ފެނަށް ލައި ފޯކުރުމުން، އެ ހަންގަނޑު ނެއްޓުނު ނަމަވެސް އެ ތަންތަނުން ލޭ އަންނަ ކަމަށްވެސް ބުންޏެވެ. އަދި ބޯވެފައިވާ ހަންގަނޑު ނުނެއްޓޭ ނަމަ، އިތުރަށް އޭގެ މައްޗަށް ހަން އަރައި، ހާލަތު އިތުރަށް ގޯސްވެއެވެ.

ލަޔަކް އޭނާގެ ބޭބެ އާއެކު

އުލާ ބުނިގޮތުގައި ލަޔަކްގެ ނާރު ނުފެންނާތީ ލޭ ގެނުމަކީ ވެސް އުނދަގޫ ކަމެކެވެ. މިއީ އެހާ އާންމު ބައްޔަކަށް ނުވާތީވެ ރާއްޖޭގެ ޑޮކްޓަރުންނަށްވެސް ބައްޔާ ބެހޭ ގޮތުން މާ ގިނަ މައުލޫމާތެއް ލިބިފައި ނުވި ނަމަވެސް އާސަންދައިން މިހާރުވެސް އެހީތެރިކަން ލިބެމުންދާ ކަމަށް އުލާ ބުންޏެވެ.

ދަރިފުޅު ގޮވައިގެން ފަރުވާ ހޯދުމަށް ބޭރު ގައުމަށް ދިއުމަށް އުލާ އާންމުންގެ އެހީއަށް އެދުމާއެކު ކުޑަ ވަގުތުކޮޅެއްގެ ތެރޭގައި ގިނަ ބައެއްގެ ފަރާތުން ވަނީ ބޮޑުއަދަދެއްގެ އެހީ ލިބިފައެވެ.

ލަޔަކް ހަތް މަހުގައި
އަޅުގަނޑުގެ އުންމީދަކީ ބޭބީއަށް މިއަށް ވުރެ ވެސް ފަސޭހަ ގޮތަކަށް ދިރިއުޅެވޭނެ ގޮތް ވުން، މިކަމަށް އަޅުގަނޑުމެން މި މަސައްކަތް ކުރަނީ، އެއްކޮށް ރަނގަޅު ނުވާނެ ކަން އިނގޭ އެކަމަކުވެސް ފަސޭހަ ކޮށްދެވޭނެ އެއަށް ވުރެ ރަނގަޅު ބޭސްތަކެއް ދީގެން
ހައްވާ އުލާ އިބްރާހިމް

ލަޔަކްގެ ބައްޔަށް ފަރުވާއެއް ނެތް ނަމަވެސް ލަޔަކް ކޮންމެ ދުވަހަކު އެ އަޅާ ވޭނަށް ލުޔެއް ލިބިގެން ދިއުމަކީ އުލާ މިވަގުތު އެންމެ ބެނުންވާ ކަމެވެ.