އދ. ދަނގެތީގައި ރަހުމް ކުޑަގޮތަކަށް މަރާލާފައި އޮއްވާ ފެނުނު އެރަށު މޮނަލާޒް، މަހުމޫދު އަބޫބަކުރު (57އ) މަރާލި ކަމަށް އެއްބަސްވެފައިވާ އެ ރަށުގައި އުޅޭ ބަންގްލަދޭޝްގެ ޝާ އަލޮމް މިއާ (ސާލިމް) ގެ މައްޗަށް ދައުވާ އުފުލައިފިއެވެ.

މިވަގުތު ޝަރީއަތް ނިމެންދެން ބަންދުގައި ހުރި ސާލިމްގެ މައްޗަށް ދައުލަތުން އުފުލާފައި ވަނީ ގަސްދުގައި މީހަކު މެރުމުގެ ދައުވާ އާއި މައްޔިތާގެ ބޭނުން ނަހަމަ ގޮތުގައި ކުރުމުގެ ދައުވާއެވެ.

މި ދައުވާތައް ކްރިމިނަލް ކޯޓަށް ފޮނުވާފައިވަނީ އިއްޔެގެ ވަގުތެއްގައެވެ.

މިމަހުގެ ދެވަނަ ދުވަހު ބޭއްވި ޕްރެސް ބްރީފިންގައި ފުލުހުން ބުނީ، މަހުމޫދު މަރާލުމާ ގުޅޭ މައްސަލާގައި ސާލިމް ކޯޓަށް އިއުތިރާފުގެ ބަޔާނެއް ދީފައިވާ ކަމަށާއި، މަރާލި ކަމަށް ބެލެވޭ ސަބަބަކީ ފައިސާ ހޯދުން ކަމަށް ފާހަގަވެފައިވާ ކަމަށެވެ. އަދި މަހުމޫދުގެ މަރުގެ މައްސަލައިގައި ސާލިމްގެ މައްޗަށް ހަ ދައުވާއެއް ކުުރާނެ ކަމަށްވެސް ފުލުހުން ބުނެއެވެ.

ސާލިމަކީ އދ. ދަނގެތި ނެދުންގޭގައި ދިރިއުޅުނު ބިދޭސީއެކެވެ. އެ ގޭގައި ސާލިމް ހުންނަނީ އުމުރުން ދުވަސްވީ މީހަކު ބެލެހެއްޓުމަށެވެ. އެ ގޭގައި ދިރިއުޅެނީވެސް އެދެމީހުން އެކަންނެވެ. ނެދުންގެއަކީ މަހުމޫދު މަރާލާފައި ފައްތާފައި އޮތް ފެންވަޅު ހުންނަ ފަޅުގެއާ އެއް މަގެއްގައި ހުންނަ ގެއެކެވެ.

އިހާނެތިގޮތަކަށް މަރާލާފައި އޮއްވާ ފެނުނު މަހުމޫދުގެ ހަށިގަނޑު ފެނުނީ މިދިޔަ އޮކްޓޫބަރު މަހުގެ 13 ވަނަ ދުވަހުއެވެ. އޭނާގެ ހަށިގަނޑު ފެނުނީ އެ އާއިލާއިން، މަހުމޫދު ގެއްލިގެން އެ ދުވަހު ހެނދުނު އެންގުމުން އެ ރަށު މީހުން ތިން ޓީމަކަށް ބަހާލައިގެން ނުކުމެ ރަށު ތެރެ ހޯދަމުން ދަނިކޮށެވެ. މަހުމޫދު ފެނުނު އިރު ހަށިގަނޑަށް ތޫނު އެއްޗަކުން ހަމަލާ ދީފައިވާ ކަން އެނގެން އޮތެވެ.

ފުލުހުން ބުނީ މަހުމޫދު މަރާލުމުގައި ސާލިމް ފިޔަވާ އިތުރު މީހަކު ބައިވެރިވެފައި ނުވާ ކަމަށެވެ.