ހެލްތު މިނިސްޓްރީ އާ އެކު އެސްޓީއޯއިން މިދިޔަ ޖޫން މަހުގައި ވެފައިވާ އެއްބަސްވުމުގެ ދަށުން ގެންނަން ހަމަޖެހިފައިވާ 96 އެމްބިއުލާންސްގެ ތެރެއިން އިތުރު 20 އެމްބިއުލާންސެއް ރަށްރަށަށް ފޮނުވައި މިއަދު ނިންމާލައިފިއެވެ.

މިއަދު ފޮނުވާލާފައިވަނީ 96 އެމްބިއުލާންސްގެ ތެރެއިން ދެވަނަ ބުރު ގެނެސްފައިވާ އެމްބިއުލާންސްތަކެވެ. އެ އެމްބިއުލާންސްތައް މިއަދު އެ ރަށްރަށުގެ ހެލްތު ސެންޓަރުތަކާ ހަވާލުކޮށް ނިމިފައިވާ ކަމަށް އެސްޓީއޯއިން ބުންޏެވެ.

ޖޫން މަހު ވެފައިވާ އެ އެއްބަސްވުމުގެ ދަށުން، ހަ މަސް ދުވަހުގެތެރޭ ހުރިހާ އެމްބިއުލާންސްތަކެއް ހަވާލުކޮށް ނިންމަން ޖެހެއެވެ. އޭގެ ތެރެއިން 20 އެމްބިއުލާންސެއް ރާއްޖެ ގެނެސް މިދިޔަ މަހުގެ 13 ގައި 20 ރަށަކަށް އެމްބިއުލާންސްތައް ފޮނުވާލާފައިވާއިވާއިރު، މިއަދު ފޮނުވާލެވުނު 20 އެމްބިއުލާންސާ އެކު ޖުމްލަ 40 އެމްބިއުލާންސް މިހާރު ވަނީ ފޮނުވާލާފައެވެ.

ދެވަނަ ބުރު އެމްބިއުލާންސްތައް ފޮނުވާލާފައިވާ ރަށްތައް:

  • ހދ. ކުމުންދޫ
  • ށ. ބިލެތްފަހި
  • ށ. ނަރުދޫ
  • ނ. ފޮއްދޫ
  • ނ. ކުޑަފަރި
  • ބ. ކެންދޫ
  • އއ. މަތިވެރި
  • އދ. މަންދޫ
  • އދ. ފެންފުށި
  • ފ. ފީއަލި
  • މ. ކޮޅުފުށި
  • ތ. ވަންދޫ
  • ތ. ބުރުނި
  • ތ. ދިޔަމިގިލި
  • ލ. ކުނަހަންދޫ
  • ގއ. ކޮލަމާފުށި
  • ގއ. ނިލަންދޫ
  • ގދ. ރަތަފަންދޫ
  • އއ. ބޮޑުފޮޅުދޫ
  • މ. ދިއްގަރު

ސިއްހީ ހިދުމަތްދޭ ހުރިހާ ރަށަކަށްވެސް އެމްބިއުލާންސް ފޯރުކޮށްދިނުމަށް ސަރުކާރުން މަސައްކަތްކުރަމުން ދާއިރު، ބައެއް ރަށްރަށުގައި އެމްބިއުލާންސް ނެތިގެން ނުވަތަ އެމްބިއުލާންސް ހަލާކުވެގެން ސިއްހީ މަރުކަޒުތަކަށް ބަލިމީހުން ގެންދިއުމުގައި ދަތިތަކާ ކުރިމަތިލާން ވަނީ ޖެހިފައެވެ. އެކަމާ ގުޅިގެން ހެލްތު މިނިސްޓްރީއަށް ބައެއް މީހުން ފާޑުކިޔާފައިވެސް ވެއެވެ.

ރާއްޖޭގެ ހުރިހާ ރަށަކަށް އެމްބިއުލާންސް ހަމަކުރުމަކީ މިސަރުކާރުގެ ސިއްހީ ވައުދުތަކުގެ ތެރޭ ހިމެނޭ ކަމެކެވެ.